ކޮވިޑް19 އަށް ރާއްޖެއިން މި ދެތިން ދުވަހު ޕޮޒިޓިވް ވާ މީހުންގެ އަދަދު ބޮޑުތަނުން މަދުވެފައި ވާ އިރު ނަތީޖާ ނުނެރެވި 700 އަށް ވުރެ ގިނަ ސާމްޕަލް ހުރި ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެއިން މިދިޔަ މާޗް މަހު ކޮވިޑް19 ފެނުނު ނަމަވެސް ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި މިބަލި ފެތުރެން ފަށާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވް ވި ހިސާބުންނެވެ. އެއަށް ފަހު ރާއްޖެއިން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މީހުން އަންނަނީ މި ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. އާއްމު ގޮތެއްގައި ރާއްޖެއިން 30 އިން މައްޗަށް ޕޮޒިޓިވަމުން ދިޔަ ނަމަވެސް ފާއިތުވި ދެތިން ދުވަހު މި އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ.

"ދަޕްރެސް" އަށް އެނގިފައިވާ ގޮތުގައި މިހާ ބޮޑު ތަނުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެފައި މިވަނީ އައިޖީއެމްއެޗުގައި މި ބައްޔަށް ޓެސްޓު ކުރުމަށް ގާއިމް ކޮށްފައިވާ އެކްސްޓަރެކްޝަން 2 މެޝިންގެ ތެރެއިން އެއް މެޝިނެއް ހަލާކުވުމުންނެވެ. މީގެއިތުރުން ކޮވިޑް19 އަށް ޓެސްޓު ކުރުމަށް ބޭނުންކުރާ ލެޑް ޓިއުބުވެސް ހުސްވެފައި ވާކަން ވަނީ އެނގިފައެވެ. މިއާއެކު މެނުއަލްކޮށް މަސައްކަތް ކުރިއަށް ގެންދިއުމުގައިވެސް ވަނީ ދަތިތަކާ ދިމާވެފައިކަން ވަނީ އެނގިފައެވެ.

އިތުބާރު ހުރި މަސްދަރަކުން ބުނީ، ކޮވިޑް ޓެސްޓް ކުރުމުގައި 2 މެޝިނެއްގެ ބޭނުން ކުރަމުން ދާ ކަމަށެވެ. އެގޮތުން ކޮވިޑަށް ނަގާ ސާމްޕަލް ތަކުން ވައިރަސް އެތިކޮޅުތައް ނުވަތަ ޕާޓިކަލްސްތައް ވަކި ކުރަން ބޭނުން ކުރާ މެޝިނަކީ އެކްސްޓްރެކްޝަން މެޝިނެވެ. ދެވަނަ މެޝިނަކުން ކުރާ ކަމަކީ އެ ޕާޓިކަލްސްތައް ޓެސްޓް ކުރުމެވެ.

ރައްޔިތުންނާ ހަމައަށް ޕޮޒިޓިވް ނުވަތަ ނެގެޓިވް ނަތީޖާ މި އަންނަނީ އެ މެޝިންތަކުން ކުރާ މަސައްކަތަށް ފަހުގައެވެ. ނަމަވެސް އެއް އެކްސްޓަރެކްޝަން މެޝިން ހަލާކުވެފައި ހުރުމާ އެކު ކުރިމަތި ވި ގޮންޖެހުމުގައި މެނުއަލް ކޮށް ޓެސްޓްގެ ނަތީޖާ ނެރުމުގައި ބޭނުންވާ އިކްއިޕްމަންޓް ނެތުމުގެ ސަބަބުން ވަނީ އުނދާގުތައް ދިމާވެފައި ކަން ވަނީ އެނގިފައެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އައިޖީއެމްއެޗުގެ މީޑިއާއިން ޖަވާބެއް ދީފައެއް ނުވެއެވެ.

އިއްޔެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ރެއާ ހިސާބަށް ޕެންޑިން 900 ސާމްޕަލެއް ޓެސްޓު ނުކުރެވި ވާކަމަށް ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވެއެވެ. ނަމަވެސް ޓެސްޓު ނުކުރެވި އެހާ ގިނަ އަދަދެއްގެ ސާމްޕަލް ހުރި ސަބަބެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ރާއްޖެއިން މި ބައްޔަށް ޓެސްޓު ކުރެވެނީ މީގެކުރިން ހަމައެކަނި އައިޖީއެމްއެޗުންނެވެ. ނަމަވެސް މިހާރު މި ބައްޔަށް އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ އޭޑީކޭ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފޮރެންސިކް ލެބުން ޓެސްޓު ކުރެވެއެވެ. އޭޑީކޭގައި 500 ޓެސްޓު ހެދޭ އިރު، ޕޮލިސް ލެބްގައި 145 ޓެސްޓް ހެދެއެވެ. އަދި އައިޖީއެމްއެޗްގެ މެޝިން ހަލަކުވުމުގެ ކުރިން 350 ޓެސްޓު ހެދެއެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1883 އަށް އަރާފައެވެ. ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ މަދުވެފައި ވާއިރު މިބަލިން ރަނގަޅުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދު ވެސް 69 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 717 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 7 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނެކެވެ.