ދ. ކުޑަހުވަދޫ ގައި މިއަދު ދުވަސް ނުފުރާ ވިހޭ ދެކުދިން މަރުވި ހާދިސާގައި މައި މީހާ ވިއްސަން ޖެހުނީ ފުރާނަ ސަލާމަތް ކުރަން ކަމަށް ދ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ތޯހިރު އަބްދުއް ރާފިއު ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ތޯހިރު ވިދާޅުވީ، މީގެ 2 ދުވަސް ކުރިން ދ. މީދޫން އަތޮޅު ހޮސްޕިޓަލަށް ގެނައި މާބަނޑު މީހާ ގެނައީ ސިއްހީ އިމަޖެންސީ ހާލަތެއްގައި ކަމަށެވެ.

"މައުލޫމާތު ލިބުނު ގެނައި އިރުވެސް މައިމީހާ ބްލީޑް ވާ ކަމަށް، އެހެން ވީމާ ޑޮކްޓަރުން ނިންމީ ސީ ސެކްޝަން ހަދަން، ދެން ޑޮކްޓަރުން އެކަން ނިންމާނީ ހާލަތަށް ބަލާފައި އެކަން އެންމެ ރަނގަޅަށް ކުރަން ކަމަށް ގަބޫލު ކުރަނީ"
ތޯހިރު

ދ. މީދޫން މާބަނޑު މީހާ ގެންދިޔައިރުވެސް ބްލީޑް ވާތީ، މިއަދު ވިހޭ ދެކުދިން ނަގާފައި ވަނީ ސިޒޭރިއަން ހަދައިގެންނެއެވެ. ދުވަސް ނުފުރާ ވިހޭ އެ ދެކުދިން ނިޔާވި އިރު، އާސަންދަ އާއި ހިދުމަތްތައް ލިބުމުގައި ލަސްތަކެއް ދިމާވި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ނަމަވެސް އެކަން ދިމާވީ އެހެން ނޫން ކަމަށާއި، ކޮވިޑާ ގުޅިގެން އޮތް ލޮކްޑައުންގެ މިހާލަތުގައިވެސް، މާލެއިން މޯލްޑިވިއަންގެ ސީ ޕްލޭން އެކުދން ބަލައި ކުޑަހުވަދުއަށް ދަތުރު ކުރި ކަމަށް މެނޭޖަރު ވިދާޅުވިއެވެ.

"ދުވަސް ނުފުރާ ވިހެއީ، ސީސެކްޝަންގައި، އެނގިވަޑައިގަންނަވާނެ ދުވަސް ނުފުރާ އޮންނަ ތުއްތު ކުދިން ކްރިޓިކަލް ވާނެ، އަސްލު ފްލައިޓަކަށްވެސް އެރުވޭވަރަށްވުރެ، އެހެން ނަމަވެސް ބޯޓު އައި، ނަމަވެސް ބޯޓަށް އާދެވުނު އިރު އެއްކުއްޖަކު ވަނީ ނިޔާވެފައި"
ތޯހިރު

ތޯހިރު ވިދާޅުވީ، އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ބޯޓު ކުޑަހުވަދުއަށް ދިޔަ އިރު މާލެއިން ވެންޓިލޭޓަރެއްވެސް ގެންދަން މަސައްކަތް ކުރި ކަމަށެވެ. އެއީ އެއަތޮޅު ހޮސްޕިޓަލުގައި އެ ވަސީލަތްތައް ނެތުމާއެކު އަވަސް ފަރުވާ ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށެވެ. ނަމަވެސް ސީޕްލޭނަށް އެރަށަށް ދެވުނު އިރު އެއް ކުއްޖަކު ވަނީ ހެނދުނު ނިޔާވެފައެވެ. އަދި ދެވަނަ ކުއްޖާވެސް ނިޔާވީ ބޭބީ ކުޑަވުމާއެކު ކްރިޓިކަލް ކަމުން ކަމަށެވެ.

މިއަދު ނިޔާވި ދެ ކުދިންގެ ޖަނާޒާ މިހާރު ވަނީ ބާއްވާފައެވެ. އަދި އެ ދެކުދިންގެ މައިމީހާގެ ހާލު ރަނގަޅުކަމަށް މެނޭޖަރު ވަނީ މައުލޫމާތު ދެއްވާފައެވެ.

ދުވަސް ނުފުރާ ވިހެއި ދެކުދިން މިއަދު ނިޔާވި އިރު، މިދިޔަ މަހު އއ. ތޮއްޑޫ އަދި ށ. ނަރުދޫ އިން ވަނީ ބަނޑަށް ދަރިފުޅު ނިޔާވެފައެވެ.