މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ، މި ބަލި ޖައްސާ ވައިރަސް، ދުނިޔޭގެ ހުރިހާ ހިސާބަކުން މުޅި ފޮހެ ނުލެވެނީސް ނިމުމަކަށް އަންނާނެ ހަނގުރާމައެއް ނޫން ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަރުޖަމާނު ޑރ މާގްރެޓް ހެރިސް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ބައެއް ގައުމުތަކުން ތަންފީޒު ކުރަމުންދިޔަ ލޮކްޑައުން އަމުރަށް ލުއިދޭން ފަށާފައިވާއިރު، ބައެއް ސަރަހައްދުތަކުން ކޭސް ފެންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށާ، ކޮވިޑް-19 ޖައްސާ ވައިރަހުން ދިފާއުވުމަށް އާންމުން އަޅަމުންދިޔަ ފިޔަވަޅުތައް އަމިއްލަ ނަފުސުގެ ދިފާއުގައި އަޅަމުންދާންޖެހޭނެ ކަމަށްވެސް ޑރ މާގްރެޓް ހެރިސް ވަނީ ވިދާޅުވެފައެވެ.

ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށްދިޔަ ޕްރެސް ބްރީފިންގްއެއްގައި ވާހަކަދައްކަވަމުން ޑރ މާގެރެޓް ހެރިސް ވިދާޅުވީ ލޮކްޑައުންއަށް ލުއިދީ، ޖިސްމާނީ ގައިދުރުކަމުގެ ހަރުކަށި ފިޔަވަޅުތަކަށް ދޫދޭން ފެށުމާއެކު މަސްރަހު 'ރަނގަޅު' ވެއްޖެ ކަމުގެ އިހުސާސް ބައެއް މީހުންނަށް ކުރެވޭ ކަމަށެވެ. ނަމަވެސް މިއީ އަދި ނިމުން ނޫންކަމަށާ، ދުނިޔޭގެ ހުރިހާ ހިސާބަކުން ވައިރަސް ނެތިކޮށް ނުލެވެނީސް މިކަމަށް ނިމުމެއް ނެތް ކަމަށްވެސް ޑރ މާގްރެޓް ހެރިސް ވަނީ ވިދާޅުވެފައެވެ. މިއާއެކު އޭނާ ވަނީ، އެމެރިކާގައި މިހާރު ކުރިއަށްދާ ވަރުގަދަ މުޒާހަރާތަކުގެ ބައިވެރިންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފައެވެ.

ކޮވިޑް-19އާ ގުޅިގެން ގައުމުތަކުން ތަންފީޒުކުރަން ފެށި ހަރުކަށި ފިޔަވަޅުތަކަށް ދޫދޭން ފަށާފައިވާއިރު، މަރުހަލާތަކަކަށް ބަހާލައިގެން ލަސް ދުވެއްޔެއްގައި މިކަން ކުރުމަށް ޑަބްލިއުއެޗްއޯއިން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.