ޑްރަގް ޑީލަރުން މަރާލާނެ ކަމަށް ވިދާޅުވެ ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ދުތޭރްތެ މީގެ ކުރިން ވެވަޑައިގެންނެވި ވައުދު، އަނެއްކާވެސް މިއަދު ތަކުރާރު ކުރައްވައިފިއެވެ.
ދުތޭރްތެ މި ވައުދުފުޅު ތަކުރާރު ކުރައްވާފައިވާއިރު ފިލިޕީންސްއިންވަނީ ޑްރަގް-ބަސްޓްއެއްގައި، 756 ކިލޯގްރާމްގެ ކްރިސްޓަލް މެތަމްފެޓަމައިން (ކްރިސްޓަލް މެތް) ޝިޕްމަންޓްއެއްވެސް އަތުލައިގެންފައެވެ. މިކަން ހިނގާފައި މިވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ދުތޭރްތޭގެ ސަރުކާރުން ފަށާފައިވާ ވަރުގަދަ ހަނގުރާމައިގެ އަމަލުތަކަށް ލިބޭ އެއްވެސް އަދަބެއް ނެތްކަމަށް ބުނެ، އދއިން ރިޕޯޓްއެއް އާންމުކުރިތާ 1 ދުވަސް ފަހުންނެވެ.
އެންމެ ފަހުން އަތުލައިގަތް ކްރިސްޓަލް މެތް ޝިޕްމަންޓްގެ އަގު 102 މިލިއަނެއްހާ ޑޮލަރަށް އަރާއިރު، މިއީ މިފަހުގެ ތާރީހުގައި ފްލިޕީންސްއިން އަތުލައިގަތް މިފަދަ އެންމެ ބޮޑު ޝިޕްމަންޓްވެސްމެއެވެ. މިއީވެސް ޑްރަގްގެ ޓްރާންސްޝިޕްމަންޓް ބަނދަރަކަށް ފިލިޕީންސް ހަދާފައިވާކަމުގެ ހެއްކެއް ކަމަށް ދުތޭރްތެ ވަނީ ވިދާޅުވެފައެވެ.
މި ޑްރަގް-ބަސްޓްއަށް ރިއާޔަތްކުރައްވާ، ރެކޯޑްކުރައްވައިގެން ދެއްވި މެސެޖެއްގައި ދުތޭރްތެ ވަނީ، 5.1 ބިލިއަން ޕޭސޯސް (102 މިލިއަން ޑޮލަރު)ގެ ޑްރަގް އޭނާގެ ގައުމަށް ބަހައިފިނަމަ، އެ ބަޔަކު މަރާލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް އޭނާ ކުރައްވަމުން ގެންދަވާ ވަރުގަދަ ހަނގުރާމައަކީ 2016 ވަނަ އަހަރު ފިލިޕީންސްގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުތޭރްތެގެ ރިޔާސީ ވެރިކަމުގެ ސިއްކައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކާ، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ ދުތޭރްތެގެ މި ފަލްސަފާއަށް ގޮންޖަހާ، ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރަމުންނެވެ.
ބުރާސްފަތި ދުވަހު އާންމުކުރި އދގެ ރިޕޯޓް ބުނާ ގޮތުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ދުތޭރްތެގެ ސަރުކާރުން ފެށި ހަނގުރާމައިގެ ނަމުގައި އެތައް ހާސް ބައެއްގެ ފުރާނަ ދުއްވާލާފައިވާކަމަށާ، މީހުން މެރުމުގެ މި ޖަރީމާތައް ހިންގަމުންދާ ފަރާތްތަކަށް އެއްވެސް ވަރެއްގެ އަދަބެއް ނުދެވި ސަލާމަތްވާ ކަމަށެވެ.
ދުތޭރްތެގެ އޮފީހުންވަނީ މި ރިޕޯޓްގައިވާ ވާހަކަތައް ދޮގުކޮށްފައެވެ.
ފިލިޕީންސް ސަރުކާރުގެ ރެކޯޑްތައް ދައްކާ ގޮތުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް އެގައުމުން ފެށި ހަނގުރާމައިގެ ތެރެއިން، 2016 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މިހާތަނަށް 5600 މީހަކު ވަނީ މަރާލާފައެވެ. މީގެ ތެރޭގައި ޑްރަގް ޑީލަރުންނާ، ޑްރަގް ބޭނުންކުރާ ފަރާތްތައްވެސް ހިމެނެއެވެ.