ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ޕްރޮގްރާމުގެ ދަށުން މިއަދުވެސް އިތުރު 200 މީހަކު ގައުމަށް ފުރުވާލައިފިއެވެ.

މިއަދު ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް މޯލްޑިވިއަންގެ ފްލައިޓެއް ދަތުރުކޮށްފައިވާއިރު، އެ ފްލައިޓުން އެ ގައުމަށް ނިސްބަތްވާ 200 މީހަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. މިއީ ބަންގްލަދޭޝްގެ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމަށް ބޭއްވި 9ވަނަ ފްލައިޓެވެ.

މިއަދު ގައުމަށް ފޮނުވާލި 200 މީހުންނާއި އެކު މުޅި ޖުމްލަ މިހާތަނަށް 1993 ބަންގްލަދޭޝް މީހަކު ވަނީ ގައުމަށް ފޮނުވާލައިފައެވެ.

ލިޔެކިޔުން ނެތް މީހުންގެ ތެރެއިން، ގައުމަށް އަނބުރާ ދާން ބޭނުންވި ބަންގްލަދޭޝް މީހުން އެ ގައުމަށް ފޮނުވާލުމަށް މިދިޔަ ހަފްތާގައިވެސް މަސައްކަތް ވަނީ ކޮށްފައެވެ. ނަމަވެސް އިންޑިއާއި ބަންގްލަދޭޝްއަށް ކުރިމަތިވި ބާރުގަދަ ތޫފާން އަމްފާންއާ ގުޅިގެން އެ ފްލައިޓް ކެންސަލްވެފައި އޮތުމަށް ފަހު މިހާރު ވަނީ ދަތުރުތަށް ފަށާފައެވެ.

އެގޮތުން އޭޕްރީލް މަހުގެ 21 ވަނަ ދުވަހު މިލިޓަރީ އެއާ ކްރާފްޓުގައި 68 މީހަކު ފޮނުވާލެވިފައި ވާއިރު، މޭ 16 ވަނަ ދުވަހު ބީމަން އެއާގައި 353 މީހަކު އަދި 17 ވަނަ ދުވަހު މިލިޓަރީ އެއާ ކްރާފްޓެއްގައި 67 މީހަކު ވަނީ އެ ގައުމަށް ފޮނުވާލާފައެވެ. އަދި މޭ 23 ވަނަ ދުވަހު ފޮނުވާލި 160 މީހަކާއި 22 ވަނަ ދުވަހު ފޮނުވާލި 352 މީހަކާއި، 26 ވަނަ ދުވަހު ފޮނުވާލި 200 މީހުންގެ އިތުރުން 29 ވަނަ ދުވަހު ފޮނުވާލި 198 މީހުން މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން 30 ވަނަ ދުވަހު 195 މީހަކު ފޮނުވާލާފައިވާއިރު މި މަހުގެ ދެވަނަ ދުވަހު ވަނީ 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައެވެ.