އދ. މަހިބަދޫގައި ހުންނަ އެ އަތޮޅު، އަތޮޅު ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން މާމިގިލިން ދިޔަ ބަޔަކު ޑޮކްޓަރަށް ނުދެއްކި އަނބުރާ ރަށަށް ދާން ޖެހުނު މައްސަލަ އެޗްޕީއޭއަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ޑޮކްޓަރަށް ދައްކަން ގޮސް ނުދެއްކި އަނބުރާ ރަށަށް ދާން ޖެހުނު މައްސަލަ ފެންމަތިވެފައި ވަނީ މިދިޔަ ބުދަ ދުވަހެވެ.

މިކަމުގައި ކަން ހިނގާދިޔަ ގޮތް 'ދަ ޕްރެސް' އެ ހޮސްޕިޓަލުގެ މެނޭޖަރު ބުންޔާމީން ހަސަން ވަނީ ކިޔައިދެއްވާފައެވެ. ނަމަވެސް، އެދުވަހު އެތަނުގައި ތިބި ބައެއް މީހުން ވަނީ ހޮސްޕިޓަލް މެނޭޖަރުގެ ވާހަކަތައް ދޮގުކޮށްފައެވެ.

މެނޭޖަރު ވިދާޅުވީ މާމިގިލިން އެރަށަށް ދިޔަ ދެ ބަލިމީހަކު ޑޮކްޓަރަށް ނުދެއްކި ދިޔަ ކަމަށެވެ. އަދި ހޮސްޕިޓަލްގައި ހަމަޖައްސާފައި އޮންނަ އުސޫލުގެ ދަށުން އަތޮޅު ހޮސްޕިޓަލުގައި ހުންނަ އަންހެނުންގެ ހާއްސަ ޑޮކްޓަރަށް ދައްކާނަމަ މެނޭޖަރުގެ ހުއްދަ ދުރާލާ ހޯދަން ޖެހޭ ކަމަށާއި، އެގޮތުން މާމިގިލިން ލިބުނު ލިސްޓުގައި އޮތް 3 އަންހެނުން ނޯޓު ކޮށްފައި އޮތީ ތައިރޮއިޑް ޓެސްޓެއް ހަދަން ކަމަށެވެ.

މެނޭޖަރުގެ ވާހަކަ ދޮގު ކުރަމުން އެވަގުތު އެތަނުގައި ހުރި މީހަކު ބުނީ އެމީހުން މަހިބަދޫއަށް ދިޔައީ، މާމިގިލި ހޮސްޕިޓަލުގެ ޑޮކްޓަރުގެ ސިޓީއާއި ހުއްދަވެސް ހިފައިގެން ކަމަށާއި، ލޯންޗު އެރަށަށް ކައިރިކުރުމުން އެމީހުން ބަލާ އެމްބިއުލާންސް ވެސް ދިޔަ ކަމަށެވެ. އެމީހުން ބުނީ ހޮސްޕިޓަލުގެ ހުއްދަ ނުހޯދާ ދިޔަނަމަ، ލޯންޗު ކައިރިކުރާ ވަގުތު އެމީހުން ބަލާ އެތަނަށް އެންބިއުލާންސް ދާންވީ ސަބަބެއް ނެތް ކަމަށެވެ.

އޭނާ ބުނީ ހޮސްޕިޓަލަށް ދިއުމުން ލޭ ނަގާ، މެމޯ ހައްދައިދީ ހުރިހާ ކަމެއް ވެސް ކޮށްދިން ކަމަށާއި ސްކޭން ކުރާ ޑޮކްޓަރެއް އެ ހޮސްޕިޓަލުގައި ނެތުމުން ސްކޭންތައް ހައްދަނީ އަންހެނުންގެ ހާއްސަ ޑޮކްޓަރު ކަމަށް ކައުންޓަރުން މައުލޫމާތު ދިން ކަމަށެވެ. އަދި ތަކުރާރުކޮށް ސްކޭން ހެއްދޭނެތޯ ސުވާލު ކުރުމުން ވެސް އެއްވެސް މައްސަލައެއް ނެތި އެކަން ކުރެވޭނެ ކަމަށް ކައުންޓަރުން ބުނި ކަމަށް އޭނާ މައުލޫމާތުދެއެވެ.

ކިހާ ބޭއިންސާފުންތޯ މިކަން މިހެން ހިނގީ

ނަންބަރު ނުޖެހި ހުއްޓާ ލޯންޗު ފުރާ ގަޑި ޖެހި، އިތުރަށް ލާރި ދައްކަން ޖެހުމުން އެމީހުން ރަށަށް ދާން ބޭނުންވީ ކޮންމެއަކަސް ކުރަން ދިޔަ ކަންތައް ކޮށްގެންނެވެ. ހެނދުނު 10 ޖެހީއްސުރެން މެމޯ އިޝޫ ކޮށްގެން ޑޮކްޓަރުގެ އިންތިޒާރުގައި ތިބިއިރު، އިތުރަށް ބަލި މީހުން ނުބަލަން ޑޮކްޓަރު ނިންމި ކަން އެމީހުންނަށް އެންގީ ހަވީރު 4 ޖަހަން އުޅެނިކޮށެވެ. ސްކޭން ހައްދަން ފެން ބޮއެގެން ތައްޔާރު ވެގެން ތިބި އިރު، ސްކޭން ނުހެދި ތިބީ ހަމައެކަނި އެ ދެ މީހުންގެއެވެ.

ދިޔައީއްސުރެ ހޮސްޕިޓަލް މެނޭޖަރު ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި

އޭނާ ބުނީ، އެ ދުވަހު ހޮސްޕިޓަލަށް ދިޔައީއްސުރެ ވެސް މެނޭޖަރު ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށެވެ. އެގޮތުން އޭނާ މާމިގިލި ކައުންސިލަށް ގުޅާ، ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެތައް އިރެއް ވަންދެން މަޑުކުރުމަށް ފަހު ޑޮކްޓަރަށް ނުދެއްކި ދާން ޖެހުމުން މެނޭޖަރާ ވާހަކަ ދައްކަން ބޭނުންވި ކަމަށް އޭނާ ބުންޏެވެ. އަދި މެނޭޖަރު ވާހަކަ ދެއްކީ އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށާއި، ސްކޭން ނުހެއްދުނީ ޑޮކްޓަރަށް ނާންގައި ދިއުމުން ކަމަށާއި، އެ ސްކޭން ނުހެއްދޭނެ ކަމަށް ވެސް ބުނީ މެނޭޖަރު ކަމަށް އެދުވަހު އެތަނުގައި ހުރި މީހަކު މައުލޫމާތު ދިނެވެ.

އޭނާ ބުނީ އެންމެ ފަހަރަކު ވެސް އެމަޖެންސީކޮށް ބަލިމީހަކު ގެންނަ ވާހަކަ އަންގާފައި ނުވާ ކަމަށެވެ. އަދި އެ ހިދުމަތް ހޯދއި ދިނުމަށް މެނޭޖަރު މަސައްކަތް ކޮށްފައި ނުވާ ކަމަށް އޭނާ ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިފަދަ ހާދިސާތައް މާމިގިލީގެ ބައެއް މީހުނަށް ވަނީ ދިމާވެފައެވެ.