ގަވާއިދާ ހިލާފަށް ހިދުމަތް ދީގެން މަޖީދީ މަގުގައި ލަގްޒަރީއާ އިންވެގެން ހުންނަ މަޒާޑާ ކެފޭ ޖޫރިމަނާ ކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މަޒާޑާ ކެފޭގައި ހިދުމަތް ދޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބެލިއިރު، އެތަނުގައި ހިދުމަތް ހޯދަން ތިބި 4 މީހަކު، ނަގަން ޖެހޭ ހުއްދަ ނުނަގާ ބޭރުގައި އުޅުނު މައްސަލާގައި ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އަދި އެޗްޕީއޭގެ އެންގުމާ ހިލާފަށް ހިދުމަތް ދީފައިވާތީ މަޒާޑާ ކެފޭވެސް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކޮވިޑް-19ގެ ސަބަބުން ކެފޭ ރެސްޓޯރެންޓްތަކުން ހިދުމަތް ދިނުން މެދުކަނޑާލާ، ހަމައެކަނި ޑެލިވަރީ އަދި ޓޭކްއަވޭގެ ހިދުމަތް ދިނުމަށް އެޗްޕީއޭން އަންގާފައި ވަނީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.
ކޮވިޑް-19 ފެތުރެމުންދާތީ މާލެ ލޮކްޑައުން ކޮށްފައިވާ ހާލަތުގައި ލޮކްޑައުންގެ އަމުރާ ހިލާފުވެ ކޮންމެ ދުވަހަކު އެތައް ބަޔަކު ޖޫރިމަނާކޮށް މިއަދާ ހަމައަށް ޖުމްލަ 7151 މީހުން ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި 405 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
އިއްޔެ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން 21 މީހަކު ހައްޔަރު ކޮށް 176 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. އެގޮތުން އިއްޔެ ހައްޔަރު ކުރި 21 މީހުންގެ ތެރޭގައި ހިމެނެނީ މާކެއިން ހައްޔަރު ކުރި 20 މީހުންނާއި ހުޅުމާލެއިން ހައްޔަރު ކުރި މީހެކެވެ. އިއްޔެ ޖޫރިމަނާ ކުރި 176 މީހުންގެ ތެރެއިން މާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 167 މީހުން ހިމެނޭއިރު، ހުޅުމާލެއިން އަށް މީހަކު އަދި ވިލިމާލެއިން އެކަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.