ކޮމެޓީތަކުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވާ ރިޕޯޓުތަަކަށް ނުފޫޒު ފޯރުއްވުން ހުއްޓަވާލައްވަން ޖެހޭ ކަމަށް ވިދާޅުވެ، މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ސައީދު ވިދާޅުވީ، ގޮއްމުށުގެ ބާރު ދޫކޮށް، ކޮމެޓީތަކުން ތަޅުމަށް ފޮނުވާ ރިޕޯޓުތަަކަށް ނުފޫޒު ފޯރުއްވުން ހުއްޓަވާލައްވަން ޖެހޭ ކަމަށެވެ. އޭނާ އެހެން ވިދާޅުވީ ކޮވިޑް ރިޕޯޓް އެކަހެރިކޮށް މަސްވެރިންނަށް ލިބެންޖެހޭ ހައްގުތައް މަޑުޖެއްސެވި ކަމުގެ ތުހުމަތު ކުރައްވާ އެއީ ނުފޫޒު ފޯރުއްވާ ކަމުގެ ސާފު ހެއްކެއް ކަމަށް ވިދާޅުވަމުންނެވެ.

އޭނާ ވަނީ، ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ ވާހަކަތައް ދެއްކެވުމަށް ފަހު ހަތިޔާރު ބެހެއްޓެވީ އެމްއާރްއެމްގެ ބިރަށް ކަމަށް ވިދާޅުވެ ނަޝީދަށް ތުހުމަތުތަކެއް ވެސް ކުރައްވާފައެވެ.

ސައީދު މިހެން ވިދާޅުވީ، ނަޝީދު މިއަދު މަޖިލީހުގެ ކޮމެޓީތަކުގެ މުގައްރިރުންނާ ބައްދަލު ކުރައްވައިފާ ވަނިކޮށެވެ. މަޖިލީހުގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިގެން ދިޔަ ކަންކަމުގެ ތަފްސީލެއް މަޖިލީހުގެ އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.

މަޖިލީހުގެ ކޮމެޓީތަކުގެ މުގައްރިރުންނާ މީގެކުރިންވެސް ނަޝީދު ވަނީ ބައްދަލު ކުރައްވާފައެވެ. އަދި ކޮމެޓީތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އަވަހަށް ނިންމަން ޖެހޭ މައްސަލަތަކާއި ކޮމެޓީތަކަށް މައްސަލަތައް ދިރާސާ ކުރުމަށް ދިމާވާ ދަތިތަކާއި ގުޅޭ ގޮތުން ނަޝީދު ގެންދަވަނީ މައުލޫމާތު އޮޅުން ފިލުއްވައި ހައްދަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކޮމެޓީތަކުގެ މުގައްރިރުންނާއި ބައްދަލުކުރެއްވި އިރު މަޖިލީހުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ މުހިންމު މަސައްކަތެއް ނިންމާފައެވެ. އެއީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިއްޔެ ހަމަވާތީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ފަހު ކައުންސިލަރުންގެ ދައުރު ދަންމާލުމެވެ.