ބައެއް މުވައްޒަފުން ޕެންޝަން ފަންޑުގައި ރަޖިސްޓާ ނުކުރާކަން ފާހަގަވެފައިވާ ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެކްޓިންގ ސީއީއޯ ފާތިމަތު ސުޖާތާ ހަލީމް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޖާތާ ވިދާޅުވީ، ބައެއް މުވައްޒަފުން ޕެންޝަން ފަންޑުގައި ރަޖިސްޓާ ނުކުރާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ލޮކްޑައުންގެ ހާލަތުގައި އޮފީސްތަކަށް މުވައްޒަފުން ދިއުމަށް ހުއްދަ ހޯދާއިރު، އެ ފަރާތަކީ ޕެންޝަން ފަންޑުގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއްތޯ ބެލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

ސުޖާތާ ވިދާޅުވީ ވަޒީފާދޭ ހުރިހާ ފަރާތަކުން ގެންގުޅޭ ހުރިހާ މުވައްޒަފުން ޕެންޝަން ސްކީމުގައި ރަޖިސްޓާ ކުރުމަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. ވަގުތީ މުވައްޒަފެއްގެ ގޮތުގައި ވިޔަސް، ޕްރޮބޭޝަންގައި ތިބޭ މުއްދަތުގައި ކަމަށް ވިޔަސް، ކޮންމެ ހާލަތެއްގައި ކަމުގައި ވިޔަސް ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި ރަޖިސްޓްރީ ކުރުމަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕެންޝަން ސްކީމުގައި ރެޖިސްޓާ ވެފައި އޮތުމުން ވަޒީފާދޭ ފަރާތުން އެއްޗެއް ލިބުމަކީ ވަޒީފާ އަދާ ކުރާ ފަރާތަށް ލިބޭ ފައިދާއެއް ކަމަށް ސުޖާތާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އަމިއްލައަށް ވެސް އެ ސްކީމުގައި ރަޖިސްޓާ ވެފައިވޭތޯ ބަލާލުން ރަނގަޅު ކަމަށެވެ.

ސުޖާތާ ވިދާޅުވީ ބައެއް ކުންފުނިތަކުން ހުއްދައަށް އެދޭއިރު، އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ޕެންޝަން ސްކީމުގައި ރަޖިސްޓާ ނުކޮށް ތިބޭކަން ފާހަގަ ވެފައިވާ ކަމަށެވެ. އޭނާ ވަނީ ގަޑީ ލާރިއަށް ވަޒީފާ އަދާކުރިއަސް، ޕާޓް ޓައިމްކޮށް ވަޒީފާ އަދާކުރިއަސް، ކޮންޓްރެކްޓް އުސޫލުން ވަޒީފާ އަދާކުރިއަސް ހުރިހާ މުވައްޒަފުން ސްކީމުގައި ބައިވެރިކުރުވާ ރަޖިސްޓްރީ ކުރުމަށް ގޮވާލާފައެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ޕެންޝަން ސްކީމުގައި ރަޖިސްޓާ ކުރެވޭނެ ކަމަށާއި، މި ދަނޑިވަޅުގައި ވަޒީފާއަށް ދިއުމުގެ ހުއްދަ ލިބޭނީ ހަމައެކަނި އެ ސްކީމުގައި ރަޖިސްޓާ ވެފައިވާ ފަރާތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.