ކޮވިޑާ ގުޅިގެން އެކަހެރި ކުރަންޖެހޭ މީހުން ބައިތިއްބަން ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލިޓީގައި ސިއްހީ އާލާތްތައް އިންސްޓޯލްކޮށްފިއެވެ.

މިކަމާ ގުޅިގެން އެސްޓީއޯ އިން ބުނީ، ސިއްހީ އާލާތައް އިންސްޓޯލް ކޮށް ނިންމުމުގެ އިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކްއުޕްމެންޓް (ޕީޕީއީ) ވެސް ސަޕްލައިކޮށް ނިންމާފައިވާ ކަމަށެވެ.

އެސްޓީއޯއިން ބުނީ، ކޮވިޑް-19ގެ ސަބަބުން އިތުރު ބަލި މީހުން އެޑްމިޓް ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރުމަށް ތައްޔާރު ކުރި މި ފެސިލިޓީގެ ސަބަބުން ކޮވިޑާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަށް ބޭނުންތެރި ފައިދާތަކެއް ކުރާނެ ކަމަށެވެ.

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކުރިމަތިން ތަރައްގީކުރި ފެސިލިޓީގައި އެންމެ ނުރައްކާތެރި ހާލަތަކަށް ދާ ބަލި މީހުންނަށް ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާނެ އައިސީޔޫއާއި ވެންޓިލޭޓަރު ފަދަ ވަސީލަތް ވަނީ ގާއިމު ކޮށްފައެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީ ފުރަތަމަ ތަރައްގީ ކުރަމުން ދިޔައިރު އެތަނުގެ ޖާގަ އަކީ 300 ކަމަށް ވީ ނަމަވެސް ނިންމާފައިވަނީ 290 އެނދެވެ.

މި ފެސިލިޓީގައި މެޑިކަލް ސެޓަޕް ތައްޔާރުކޮށް މި އިންތިޒާމުގެ ފުރިހަމަކަމަން ކަށަވަރުކުރުމުގެ ގޮތުން އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުގެ މުވައްޒަފުން ބައިވެރިކޮށްގެން ޑްރިލްއެއް ކުރިޔަށް ގެންގޮސްފައެވެ. މި ފެސިލިޓީ ގާއިމު ކުރުމަށްފަހު މިދިޔަ މަހުގެ 24 ވަަނަ ދުވަހު ފެސިލިޓީ ވަނީ އައިޖީއެމްއެޗާ ހަވާލުކޮށްފައެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީ ގާއިމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފުން ކަމަށްވީއިރު، މިކަމުގައި އެޗްޑީސީ، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، ފެނަކަ ކޯޕަރޭޝަން، އެސްޓީއޯ، މަސީ، އަދި އަމީން ކޮންސްޓްރަކްޝަންގެ އިތުރުން، ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.

މި ފެސިލިޓީގެ މަސައްކަތް އޭޕްރީލް މަހުގެ ފަހުކޮޅު ނިންމާލެވޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ހާމަކުރި ނަމަވެސް މި ފެސިލިޓީގެ މަސައްކަތް ކުރިއަށް ދަނިކޮށް ފެސިލިޓީން ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ސިފައިންގެ އިތުރުން، ފެނަކައިގެ މުވައްޒަފުންނާއި އާރުސީސީގެ މުވައްޒަފުންގެ އިތުރުން ބިދޭސީން ހިމެނެއެވެ.