މުޅި ދުނިޔެ ބަލިމަޑުކަމެއްގެ ބިރުވެރިކަމުގައި ރައްކާތެރިކަމާއި ސާފުތާހިރުކަން އިސްކުރަމުން ދާއިރު، ފުވައްމުލަކު ގިނަ ރައްޔިތުންނަށް އެހެން ބިރުވެރި ކަމަކާ އެބަ ދިމާވެއެވެ. އެހެން ތަންތަނުގައި ކޮވިޑުން ރައްކާތެރި ވުމަށް މާސްކު އަޅާ، އަނގައާއި ނޭފަތް ނިވާ ކުރާއިރު، އެ ސިޓީގެ ރައްޔިތުން ތިބެނީ އަށަގެންފައިވާ "ނަޖިސް ވަހުން ނޯއް ދަމާލަން" ނުކެރިފައެވެ.
2016، އޮކްޓޯބަރު 10 ވަނަ ދުވަހު ފެށި ފުވައްމުލަކު ނަރުދަމާގެ މަސައްކަތް ރިޔާސީ އިންތިހާބާ ދިމާކޮށް ހުޅުވާ، 2018 ސެޕްޓެމްބަރު 14 ވަނަ ދުވަހު އެ ނިޒާމު ރަސްމީކޮށް ފަށާ، އެ ސިޓީގެ ފެނަކައާ ހަވާލު ކުރިއިރު ރައްޔިތުން ތިބީ އެރަށުގައި ނަރުދަމާ ގާއިމް ވީތީ އުފާވެފައެވެ. ނަމަވެސް ގޭގެއަށް ނަރުދަމާ ހޮޅިތައް ގުޅާ، ނަރުދަމާ ބޭނުން ކުރަން ފެށުމުން ދިމާވާނީ ކޮންފަދަ "ދުއްތުރާލަކާ" ކަމެއް އޭރަކު ނޭނގެއެވެ.
ފުވައްމުލަކުގެ ނަރުދަމާގެ މައްސަލައާ ގުޅިގެން އެރަށު ބައެއް ރައްޔިތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، ބައެއް ގޭގޭގެ ފާހަނައިން ނަޖިސް އަރަމުން ދާއިރު، ޖަންކްޝަންތަކުން އަރާ ނަޖިސްތަކުގެ ސަބަބުން ބައެއް ސަރަހައްދުތަކުގެ މަގުމަތީގައި ފެން ހެދޭ ހިސާބަށް ކަންކަން ގޯސްވެފައިވާ ކަމަށެވެ. އެ ސިޓީއަކީ ވާރޭ ވެހިއްޖެނަމަ މަގުތަކުގައި ވަރަށް އަވަހަށް ފެން ބޮޑުވާ ރަށަކަށް ވުމާއެކު، ޖަންކްޝަންތަކުން އަރާ ނަޖިހާ އެއްވުމުގެ ސަބަބުން މުޅި ސަރަހައްދު ނަޖިސް ވަހުން އެއްވަސް ވާ ކަމަށް އެރަށުގެ ބައެއް ރައްޔިތުން މައުލޫމާތު ދެއެވެ.
ޖަންކްޝަންތަކުން ހުއްޓުމެއް ނެތި ނަޖިސް ލީކް ވަމުން ދާއިރު، ދުވާލެއްގެ މައްޗަށް ދެތިން ފަހަރު ބައެއް ޖަންކްޝަންތައް ހިއްކަން ޖެހޭ ކަމަށް ވެސް އެރަށު ބައެއް ރައްޔިތުން ބުނެއެވެ. އަދި މިކަމާ ކަންބޮޑުވުން ފާޅު ކުރަމުން ބައެއް ފަރާތްތަކުން ބުނީ، މުޅި ދުނިޔޭގައި ބަލިމަޑުކަމެއް ފެތުރިފައިވާ މި ދަނޑިވަޅުގައި މިފަދަ ކަމަކާ ކުރިމަތިލާން ޖެހުމަކީ، އެރަށުގެ ރައްޔިތުންނަށް ސާފުތާހިރުވެ، ބަލިތަކުން ސަލާމަތްވެ ތިބުމަށް އެޅިފައިވާ ބޮޑު ހުރަހެއް ކަމަށެވެ.
ނަރުދަމާ ނިޒާމު ފެނަކައާ ހަވާލުކުރީ ގިނަ ކަންތައްތަކެއް ފުރިހަމަ ނުކޮށް
މިކަމާ ގުޅިގެން ފެނަކަ ކުންފުނިން ބުނީ ފުވައްމުލަކުގެ ނަރުދަމާ ނިޒާމަށް ދިމާވާ މައްސަލަތަކަކީ އެ ނިޒާމު އެ ކުންފުންޏާ ހަވާލު ކުރި އިރު ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނުވުމާއި ނިޒާމު ގާއިމް ކުރުމަށް ބޭނުން ކޮށްފައި ވާ މުހިންމު ގިނަ ތަކެތީގެ ފެންވަރު ދަށްވުމުގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އިހުމާލުވެ ފަރުވާކުޑަކޮށް މަސައްކަތް ކޮށްފައި ވާއިރު، ނަރުދަމާ ނިޒާމު ހިންގަން ފެށުމުގެ ކުރިން ހަދަން ޖެހޭ ޓެސްޓުތައް ނުހެއްދުމުގެ ސަބަބުން ވެސް މައްސަލަތައް ކުރިމަތި ވެފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނީ 2018، ސެޕްޓެމްބަރު 13 ވަނަ ދުވަހު އެ ކުންފުންޏާ ނަރުދަމާ ނިޒާމު ހަވާލު ކުރި އިރު ގިނަ މަސައްކަތްތައް ނުނިމި ހުރުމުން ޑިފެކްޓްސް ލައިބިލިޓީ މުއްދަތުގައި ވެސް އެ މަސައްކަތް ނިންމާ ނުލެވުނު ކަމަށެވެ. އަދި 2018، ޑިސެމްބަރު 18 ވަނަ ދުވަހު އާ މެނޭޖަމަންޓުން އެ ކުންފުންޏާ ހަވާލުވެ، މައްސަލަތައް ދެނެގަނެ ހައްލު ހޯދުމަށް މަސައްކަތް ކުރި ކަމަށާއި އެ މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށް ފެނަކަ އިން ބުނެއެވެ. ފެނަކަ އިން ބުނީ މައްސަލަތައް ދެނެގަނެ ހައްލު ހޯދުމަށް މިދިޔަ ޑިސެމްބަރުމަހު ފަންނީ ތަޖުރިބާކާރުންނާއި އެ ނިޒާމުގެ ވެކިއުމް ސިސްޓަމް އުފެއްދި ފަރާތާއެކު އަލުން ދިރާސާތަކެއް ކޮށް، ދިމާވެފައިވާ މައިގަނޑު މައްސަލަތައް ދެނެގަނެވިފައިވާ ކަމަށެވެ.
މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ގިނަ ތަކެތި ރާއްޖެއިން ނުލިބޭ
ފުވައްމުލަކު ނަރުދަމާ ނިޒާމާ ހަވާލުވެ ހުރި ފެނަކަ ކުންފުނިން ބުނީ، ފަންނީ ތަޖުރިބާކާރުންނާއި އެ ނިޒާމުގެ ވެކިއުމް ސިސްޓަމް އުފެއްދި ފަރާތާއެކު ކުރި ދިރާސާތަކުން ބޮޑެތި މައްސަލަތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލު ކުރުމަށް ގިނަ ހޭދަތަކެއް ކުރަން ޖެހޭއިރު، ގިނަ އަދަދެއްގެ ތަކެތި ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދަން ޖެހޭ ކަމަށެވެ. އެ ކުންފުނިން ދަނީ މި މައްސަލަތައް ހައްލު ކުރުމަށް އަމަލީ މަސައްކަތްތައް ފަށާ، ރެއާދުވާލު ހުއްޓުމެއްނެތި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ކަމަށް ބުނެއެވެ.
ނަރުދަމާގެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ބައެއް ތަކެއްޗަކީ ވެކިއުމް ސިސްޓަމް އުފެއްދި ޖަރުމަނު ކުންފުންޏަށް އޯޑަރުދީގެން ހޯދަން ޖެހޭ ތަކެތި ކަމަށް ވުމާއެކު ފެނަކައިން ދަނީ އެތަކެތި ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ގިނަ ގައުމުތައް ލޮކްޑައުން ކޮށްފައި ވުމުގެ ސަބަބުން އެ މަސައްކަތަށް ވަނީ ލަސްކަމެއް ދިމާވެފައެވެ.
އުއްމީދުގެ ހުޅުކޮޅެއް
ނަޖިހުން ސަލާމާތްވާނެ ގޮތެއް ނެތި، ނޯއް ދަމާލަން ނުކެރިފައި ތިބި ރައްޔިތުންނަށް އުއްމީދުގެ ހުޅުކޮޅެއް ދިއްލިގެން ދިޔައީ އެ ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ 3 މެންބަރުންނާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު، މި މައްސަލަ ހައްލުކޮށްދެއްވުމަށް ކުރައްވަމުންދާ މަސައްކަތްތަކުންނެވެ. އެގޮތުން ފެނަކަ އެމްޑީ ވަނީ ނަރުދަމާގެ މައްސަލައަށް ވަގުތީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށާއި، ދާއިމީ ގޮތެއްގައި ސިސްޓަމަށް ދިމާވެފައިވާ މައްސަލަަ ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން މިކަމާ ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލާއި މަޖިލިސް މެންބަރުން އަދި ކަމާ ބެހޭ އެހެނިހެން ފަރާތްތަކުން ވަނީ ނައިބު ރައީސް ފައިސަލް ނަސީމާ ވެސް މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ނަރުދަމާ އާއި ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއާ ގުޅިގެން ނައިބު ރައީސާ މަޝްވަރާ ކުރައްވައިފައި ވަނީ މިއަދު މެންދުރު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި މަޝްރޫއުތައް ހިންގުމުގައި ރައްޔިތުންނަށް ވީހާވެސް އަވަހަށް ފަސޭހަވެގެން ދާނެ ފަދަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ބައްދަލުވުމުގެ ބައިވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި މި މަޝްރޫއުގައި ކުރިއަށް ގެންދާއިރު ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްތައް ކުރިޔަށް ގެންދެވޭ ގޮތަށް ކަންކަން އިންތިޒާމު ކޮށްދެއްވުމަށް މި ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.
ކުޅުދުއްފުށި ސިޓީ ގައި އޮތް ނަރުދަމާ ނިޒާމަށް މިހާރު ބާރަ ވަރަކަށް އަހަރު ވެދާނެ އަދި އެއްވެސް މައްސަލަ އެއް ޖެހުން އަޑެއް ނާހަން،
ހަގީ ގަތަކީ ފެނަކާގެ ނެތް ފޯތްމުލަކި ނަރުދަމާ ހިންގޭނެ ފެންވަރެއް...