އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވިކަން ކަށަވަރުވުމާއެކު، މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފިއެވެ.

މި ދަނޑިވަޅަކީ އިސްރާއީލުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދިއުމުގެ ބިރު، އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެކެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވި މެމްބަރު، ސާމީ އަބޫ ޝިހާދީ ވަނީ ފާއިތުވީ ދުވަސްތަކުގައި އޭނާއާއި ބައްދަލުވު ހުރިހާ އެންމެން އަމިއްލައަށް އެކަހެރިވެ، ޓެސްޓު ކުރުމަށް ގޮވާލާފައެވެ. ފާއިތުވީ 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެތައް ހާސް ބަޔަކާ އޭނާ ބައްދަލުވުފައިވާނެ ކަމަށް އަބޫ ޝިހާދީ ވަނީ ހާމަކޮށްފައެވެ. އޭނާއަކީ އަރަބް ޖޮއިންޓް ލިސްޓްއިން ގާނޫނު ހަދާ މަޖިލީހުގައި އިންނަ މެމްބަރެކެވެ.

އިސްރާއީލުގެ މީޑިއާއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި އަބޫ ޝިހާދީގެ ޑްރައިވަރުވެސް މީގެ ކުރިންވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ފެށުމާއެކު އިސްރާއީލުންވެސް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރިއެވެ. އަދި ދުނިޔޭގެ އެހެން ހިސާބުތަކާ އަޅާބަލާއިރު އިސްރާއީލުގައި ކޮވިޑް-19ގެ ކޭސްތައް މަދުކަންވެސް ފާހަގަކުރަންޖެހެއެވެ.

ހުސްވި މަހު ސްކޫލްތައް އަލުން ހުޅުވިނަމަވެސް އާ ކޭސްތަކެއް ފެންނަމުންދާތީ މިހާރުވަނީ ބައެއް ސްކޫލްތައް ބަންދުކޮށްފައެވެ.

ގާތްގަނޑަކަށް 9 މިލިއަނެއްހާ މީހުންގެ އާބާދިއެއް އޮންނަ އިސްރާއީލުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ރަސްމީ އަދަދަކީ 17343 އެވެ. އަދި މި ބަލީގައި އިސްރާއީލުން 290 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އިސްރާއީލުގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، 593000 މީހަކު ވަނީ ކޮވިޑް-19އަށް ޓެސްޓުވެސް ކޮށްފައެވެ.