ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ޗައިނާއިން ތަންފީޒު ކުރި ފަދަ ލޮކްޑައުންގެ ހަރުކަށި އަމުރުތަކެއް ތަންފީޒު ކުރުމަކީ، އެމެރިކާއާއި ވިލާތުގެ ގައުމުތަކުން ދިގު މުއްދަތަކަށް ތަންފީޒު ކުރަމުންދާ 'ލުއި' ލޮކްޑައުންގެ ސިޔާސަތުތަކަށްވުރެ އިގުތިސޯދުތަކަށް ފައިދާ ބޮޑު ގޮތެއް ކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.

ނޭޗާ ހިއުމަން ބިހޭވިއާގައި ރޭގެ ވަގުތެއްގައި އާންމުކޮށްފައިވާ ދިރާސާ ބުނާ ގޮތުގައި ކުރު މުއްދަތަކަށް ހަރުކަށި ލޮކްޑައުންއެއް ތަންފީޒު ކުރުމަކީ ވިޔަފާރިތަކަށް ކުއްލި ގޮތަކަށް އެކަމުގެ ނޭދެވޭ އަސަރުތަކާ ކުރިމަތިކުރުވުމާ ކަމެއް ނޫނެވެ. އެހެނީ، ކުރު މުއްދަތަކަށް އަންނަ ހަރުކަށި ހުއްޓުމެއް ތަހައްމަލު ކުރުމުގެ ގާބިލިއްޔަތު ވިޔަފާރިތަކަށް ލިބިފައިވުން ކަމަށާ، ނަމަވެސް މިކަން ދިގުލައިގެންދާންވެއްޖެނަމަ ސަޕްލައިއާއި ރިޒާވް ހުސްވުން ފަދަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުން ކަމަށްވެސް މި ދިރާސާ ފާހަގަކުރެއެވެ.

އެމެރިކާގެ ބެވާލީ ހިލްސް ސަރަހައްދުގައި ކޮވިޑް-19އާ ގުޅިގެން ބަންދުކޮށްފައިވާ ސިނަމާއެއް ކުރިމަތީގައި މީހަކު ސްކޫޓީއެއް ދުއްވަނީ/ފޮޓޯ: މާރިއޯ ޓޭމާ

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާގެ ސީންހޫއާ ޔުނިވާސިޓިގެ އިގުތިސޯދީ ތަޖުރިބާކާރު ޑާބޯ ގުއާން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދެވި މި ދިރާސާގެ ރިޕޯޓް ބުނާ ގޮތުގައި، ބަލިމަޑުކަމުގެ ދެވަނަ ރާޅެއްގައި އިގުތިސޯދުތަކަށް ބޮޑެތި 'އަނިޔާތަކެއް' ލިބޭނެއެވެ.

ދިރާސާއާއިއެކު ދެއްވި ބަޔާނުގައި ގުއާން ވިދާޅުވީ، ލޮކްޑައުންގެ ހަރުކަށި އަމުރުތައް އެއް ފަހަރުން އުވާލުމުގެ ބަދަލުގައި، ރާސްތާއަކަށް ބަހަލައިގެން މިކަން ކުރުމަކީ އޭގެ ގެއްލުން އިންތިހާއަށް ކުޑަވެ، ދެވަނަ ލޮކްޑައުންއަކަށް ދާންޖެހުނު ކަމުގައި ވީ ނަމަވެސް ނުރައްކާ ކުޑަ ގޮތެއް ކަމަށް ދިރާސާއިން ސާބިތުވާ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކޮވިޑް-19އާ ގުޅިގެން ބަންދުކޮށްފައިވާ ފިހާރައެއްގެ ކުރިމަތީގައި ދޮށީ އުމުރުގެ މީހަކު އިށީނދެލައިގެން/ފޮޓޯ: ޢަލީ އަހުމަދު

ގުއާންގެ ޓީމުން ވިލަރެސް ކޮށްފައި ވަނީ 3 ގިންތިއެއްގެ ލޮކްޑައުން އަމުރުތަކެކެވެ. އެގޮތުން ޗައިނާގައި ތަންފީޒު ކުރި ފަދަ 80 ޕަސެންޓްއަށް ދަތުރުފަތުރާ މަސައްކަތްތެރިކަން ހުއްޓުމަކަށް ގެނައި އެންމެ ހަރުކަށި ލޮކްޑައުންގެ ގިންތި، މެދު މިނަކަށް (60 ޕަސެންޓްއަށް) ދަތުރުފަތުރާ މަސައްކަތްތެރިކަން ހުއްޓާލި ލޮކްޑައުން ނުވަތަ އެމެރިކާގައި ތަންފީޒު ކުރާ ގިންތި، އަދި މިއަށްވުރެވެސް ބޮޑަށް، އެންމެ 40 ޕަސެންޓްއަށް ހަރަކާތްތައް ހުއްޓުވާލި ލުއި ލޮކްޑައުންގެ ގިންތީގެ މޮޑެލްތައް މި ދިރާސާގައި މުރާޖައާ ކޮށްފައިވެއެވެ.

ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއި ދޭއިރުވެސް އަހަރެއްހާ ދުވަހުގެ ރާސްތާއަކަށް މިކަން ބަހަލައިގެން ލުއި ދެމުން ދިއުމަކީ ބައިނަލްއަގުވާމީ ސަޕްލައިގެ ޗޭނަށް ލިބޭ ގެއްލުންތައްވެސް ކުޑަކުރެވިގެންދާނެކަމެއް ކަމަށް ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް 2 ވަނަ ލޮކްޑައުންއަކަށް ދާންޖެހިއްޖެ ނަމަ ދުނިޔޭގެ އިގުތިސޯދު 3 ބައިކުޅަ 1 ބަޔަށް ހީނަރުވެގެންދާނެ ކަމަށްވެސް މި ޓީމުން ވަނީ ލަފާކޮށްފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާގައި ކެފޭ/ރެސްޓޯރަންޓް ބަންދުކޮށްފަ/ފޮޓޯ: އިކޮނޮމިކް ޓައިމްސް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑެތި ޔުނިވާސިޓީތަކެއްގައި މަސައްކަތްކުރައްވާ ތަޖުރިބާކާރުންގެ ޕޫލަކުން ކުރިއަށްގެންދިޔަ މި ދިރާސާއިން އެކުލަވާލި މޮޑެލް ބުނާ ގޮތުގައި، ލޮކްޑައުންއަކަށްދާއިރު ބައިނަލްއަގުވާމީ ފެންވަރުގައި ހުރިހާ ފަރާތެއް ބައިވެރިވެ މަޝްވަރާކޮށްގެން ތަންފީޒު ކުރާ ލޮކްޑައުން އަމުރެއްގެ ސަބަބުން އިގުތިސޯދަށް 33 ޕަސެންޓްގެ ގެއްލުމެއް ވާއިރު، ގައުމުތަކުން ވަކިވަކިން ހަރަކާތްތެރިވެ ފިޔަވަޅުތަކެއް އަޅައިފިނަމަ އިގުތިސޯދަށް 57 ޕަސެންޓްގެ ގެއްލުމަކާވެސް ކުރިމަތިވެދާނެއެވެ.