އދ. މަހިބަދޫގައި ހުންނަ އެ އަތޮޅު، އަތޮޅު ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ މާމިގިލި ބަޔަކު ޑޮކްޓަރަށް ނުދެއްކި އަނބުރާ ރަށަށް ދާން ޖެހުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ބައެއް މަސްދަރުތަކުން ބުނެފައި ވާ ގޮތުގައި، އެ ދުވަހު ޑޮކްޓަރުގެ ޑިއުޓީ ނިމުނު އިރުވެސް މާމިގިލިން ދިޔަ ދެމީހުން ޑޮކްޓަރަށް ދެއްކިފައެއް ނުވެއެވެ.

އަދި އެކަމާ ގުޅިގެން އެ ދެމީހުން ކަމާބެހޭ މުވައްޒަފުން ގާތު އާދޭސް ކުރުމުންވެސް އެކަން ކޮށްނުދީ، "މާމިގިލިން ދިޔަޔަސް އެމީހުން ބަލާ ދޭން ނުޖެހޭނެ ކަމަށް ހޮސްޕިޓލުން ބުނި ކަމަށާއި އަދި ކިތަންމެ ރުޅި އަޔަސް ހަމަ ފަހުން ވެސް އަންނަން ޖެހޭނީ ތިމަންނަމެން ކައިރިއަށް ކަމަށް ބުނެ ދެ މީހުން ފޮނުވާލީ" ކަމަށްވެސް މަސްދަރުތަކުން ބުނެއެވެ.

މިކަން ހިނގާދިޔަ ގޮތް ސާފުކުރުމަށް 'ދަ ޕްރެސް' އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އދ އަތޮޅުު ހޮސްޕިޓަލުގެ މެނޭޖަރު ބުންޔާމީން ހަސަން ވިދާޅުވީ އިއްޔެ މާމިގިލިން އެރަށަށް ދިޔަ ދެ ބަލިމީހަކު ޑޮކްޓަރަށް ނުދެއްކި ދިޔަ ކަމަށާއި އެޗްޕީއޭގެ ގަވައިދުގައިވާ ގޮތުން އެހެން ރަށެއްގެ ހޮސްޕިޓަލަކަށް ޑޮކްޓަރަށް ދައްކަން ދާނަމަ ހޮސްޕިޓަލުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

އެގޮތުން މާމިގިލިން 10 މީހަކު ޑޮކްޓަރަށް ދައްކަން އެދި އޮތް ލިސްޓެއް ލިބިވަޑައިގެންނެވި ކަމަށާއި، އެލިސްޓުގައި 3 އަންހެނަކުވެސް އޮތް ކަމަށެވެ. ހޮސްޕިޓަލްގައި ހަމަޖައްސާފައި އޮންނަ އުސޫލުގެ ދަށުން އަތޮޅު ހޮސްޕިޓަލުގައި ހުންނަ އަންހެނުންގެ ހާއްސަ ޑޮކްޓަރަށް ދައްކާނަމަ މެނޭޖަރުގެ ހުއްދަ ދުރާލާ ހޯދަން ޖެހޭ ކަމަށާއި، އެގޮތުން މާމިގިލިން ލިބުނު ލިސްޓުގައި އޮތް 3 އަންހެނުން ނޯޓު ކޮށްފައި އޮތީ ތައިރޮއިޑް ޓެސްޓެއް ހަދަން ކަމަށެވެ.

އެ އަތޮޅު އަތޮޅު ހޮސްޕިޓަލަކީ 4 އަތޮޅެއްގެ މާބަނޑު މީހުން ބަލާ ހޮސްޕިޓަލެއް ކަމަށާއި ޑޮކްޓަރަށް ދެއްކުމަށް ދުވާލަކަށް 15-20 ނަންބަރު ދޫކުރާއިރު އިއްޔެ މާލެއަތޮޅު ހުރައަށް 15 ނަންބަރު އޮތީ ދޫކޮށްފައި ކަމަށެވެ. އަދި އޭނާއަށް ނޭނގި އިއްޔެ އދ އޮމަދޫ އާއި ފެންފުށިން 5 މީހަކު އަންހެނުންގެ ހާއްސަ ޑޮކްޓަރަށް ދައްކަން ގޮސް ތިބުމާއެކު، މަހިބަދޫން ދިޔަ އެންމެން ކެންސަލް ކުރެއްވީ ކަމަށެވެ.

އެހެން ކަމުން، މާމިގިލިން ގައިނީއަށް (އަންހެނުންގެ ޑޮކްޓަރަށް) ދައްކަން ބަޔަކު ނުދާނެ ކަމަށް ނިންމައިގެން ހުއްނަވަނިކޮށް، އިއްޔެ 10:00 ހާއިރު އެ ދެ މީހުން ގޮސް ވަނީ މެމޯ ހައްދާފައެވެ. އަދި އޯޕީޑީގައި ތިބޭ ކުދިންނަށް ގަބޫލު ކުރެވޭނީ ރަށުން ބޭރުން ގައިނީއަށް ދައްކަން ބަޔަކު ދާނީ މެނޭޖަރަށް ގުޅާ، ހުއްދަ ހޯދައިގެން ކަމަށް ވުމާއެކު އެ އުސޫލުގެ ދަށުން އެމީހުންނަށް މެމޯ ދޫކޮށްފައިިވާ ކަމަށްވެސް ބުންޔާމީން ވިދާޅުވިއެވެ. ނަމަވެސް އެތަނުގައި މާބަނޑު މީހެއް ހުރިތޯ ބައްލަވައި މައުލޫމާތު ސާފު ކުރިއިރު، މާމިގިލިން ދިޔައީ ސްކޭނެއް ހައްދަން ގޮސް އުޅުނު ދެ މީހަކު ކަމަށާއި އެއީ ރޭޑިއޮލޮޖިސްޓަކަށް ހެއްދޭ ކަހަލަ ސްކޭނެއް ކަމަށް ވުމާއެކު އެމީހުން ހޮސްޕިޓަލަށް ދިޔައީ ނުވާނެ ކަމެއް ކުރަން ކަމަށް ބުންޔާމީން ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ، އިއްޔެ ހުރާ ބަލިމީހުން ބަލާ ނިމުނީ 3 ޖެހިފަހުން ކަމަށާއި، އެމީހުން ނިމި ރަށަށް ފުރުވާލަން އުޅެނިކޮށް 3:30ގައި ފުލިދޫން ހައި ރިސްކު ބަލި މީހަކު ސިޒޭރިއަން ހައްދަން ގެންދާ ކަމަށް އެންގި ކަމަށާއި އަދި އދ ދަނގެތިން މާބަނޑު މީހެއްގެ ބަނޑުގައި ރިއްސާތީ ފުރުވާލާ ކަމުގެ މައުލޫމާތުވެސް 3:45 ގައި ހޮސްޕިޓަލަށް ދިނުމުން، އިތުރަށް އެހެން ބަލިމީހަކު ނުނެގޭނެ ކަމަށް ޑޮކްޓަރުވެސް ބުނި ކަމަށެވެ.

އިތުރު ބަލިމީހުން ނުބެލޭނެ ކަމަށް ޑޮކްޓަރު އެންގުމުން މާމިގިލިން އައި މީހުންގެ އިތުރުން ދެން އެތާ ތިބި ބަލި މީހުން ހިތްހަމަނުޖެހި ހޮސްޕިޓަލްތެރޭގައި އަޑުގަދަ ކުރި ކަމަށް ބުންޔާމީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެހެން ކަމުން އިއްޔެ ޑޮކްޓަރަށް ނުދެއްކޭނެ ކަމަށް އެމީހުންނަށް އަންގާފައި ވާނެ ކަމަށެވެ.

ޑޮކްޓަރަށް ދައްކަން އެހާބޮޑު ހަރަދެއް ކޮށްފައި ގޮސް ނުދެއްކުނީމައި ރުޅިވެސް އަންނާކަން ގަބޫލު ކުރެއްވޭ ކަމަށާއި ނަމަވެސް އިއްޔެ އެކަން ހިނގާދިޔަ ގޮތް އެތާ ތިބި މީހުނަށް ކިޔައިދެއްވި ކަމަށް ބުންޔާމީން ވަނީ ވިދާޅުވެފައެވެ.