އަވަށްޓެރި އިންޑިއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ރޭ މެންދަމު 00:00 އިން ފެށިގެން މިހާ ހިސާބަށް އައިރު 1061 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. ފާއިތުވީ 24 ގަޑިއިރެއްހާއިރު ތެރޭގައި 9000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވެއެވެ. މިއާއެކު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 208252 އަށް އަރާފައެވެ.
ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުން ކޮވިޑް-19ގެ ކޭސްތައް 2 ލައްކައަށްވުރެ މައްޗަށް އެރި ފުރަތަމަ ގައުމަކީ އިންޑިއާއެވެ. މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް-19ގެ ކޭސްތައް 7ވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީވެސް އިންޑިއާއިންކަން ފާހަގަކުރަންޖެހެއެވެ.
އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ޝިފާ ލިބި، ރަނގަޅުވި މީހުންގެ އަދަދު 100398 އަށް އަރާއިރު، އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 102021 ކޭހެވެ. މީގެ ތެރެއިން 8944 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ހާލު ސީރިއަސް/ކުރިޓިކަލް ޕޭޝަންޓުންގެ އަދަދު 2 ވަނައަށް އެންމެ ގިނައީ އިންޑިއާގައެވެ.
1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގައި 18603174 ސާމްޕަލްއެއް ކޮވިޑް-19އަށް ޓެސްޓުކޮށްފައިވާއިރު، މިއީ އާބާދީގެ ކޮންމެ 1 މިލިއަން މީހަކަށް 56228 ޓެސްޓްކަމަށް ރެކޯޑްތަކުން ދައްކައެވެ.
މި ބަލީގައި މިއަދު އިންޑިއާއިން 4 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، ކޮވިޑް-19ގެ ޝިކާރައަކަށްވެ އިންޑިއާއިން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 5833 އަށް އިތުރުވެފައެވެ.
ކަންމިހެން އޮތް ނަމަވެސް، މިދަނޑިވަޅަކީ ކޮވިޑް-19އާ ގުޅިގެން އިންޑިއާއިން ތަންފީޒުކުރަން ފެށި ހަރުކަށި ފިޔަވަޅުތަކަށް އެގައުމުން ލުއި ދޭން ފަށާފައިވާ ދަނޑިވަޅެއްކަން ފާހަގަކުރަންޖެހެއެވެ.