މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ އޭޕްރިލް މަހަށް ނިންމާލި 3 މަސްދުވަހުގެ ތެރޭގައި އެކުންފުންޏަށް ލިބުނު އާމްދަނީ 169 ޕަސެންޓް އިތުރުވެ، 328 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ވީޑިއޯކޮންފަރެންސް ކުންފުނި "ޒޫމް" އިން ހާމަކޮށްފިއެވެ.

ޒޫމް ކުންފުނީގެ ވިޔަފާރި އާމްދަނީ މިއަހަރު އިންތިހާއަށް އިތުރުވެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން އެތައް މިލިއަން ބަޔަކު ގޭ ބަންދުވެފައިވާ ހާލުގައި އިދާރީ އަދި ވިޔަފާރީގެ މަސައްކަތްތަކާ އާއިލީ ބައްދަލުވުންތަކާ އިޖުތިމާއީ ގުޅުން ބަދަހި ކުރުމުގެ ޕްލެޓްފޯމްއަކަށް "ޒޫމް" ބަދަލުވުމާ ގުޅިގެންނެވެ.

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 265000 ކުންފުންޏަކުން، ކޮންމެ ކުންފުންޏަކުން 10 އަކަށްވުރެ ގިނަ މުވައްޒަފުން ޒޫމް ޕްލެޓްފޯމް ބޭނުންކުރަމުންދާއިރު، މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 354 ޕަސެންޓް އިތުރު އަދަދެކެވެ.

ޒޫމް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އެރިކް ޔޫއާން ވިދާޅުވީ، މިއަހަރު އެތައް މިލިއަން އާ ކަސްޓަމަރުންނަކަށް ލައިސަންސް ދޫކޮށްފައިވާކަމަށެވެ. އަދި ފްރީ ޔޫޒާސްގެ ގޮތުގައި ޒޫމް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދުވެސް އިންތިހާއަށް އިތުރުވެފައިވާކަން ޔޫއާން ވަނީ ފާހަގަކުރައްވާފައެވެ.

ވިޔަފާރި މުއާލާމަތްތަކުގައި ބޭނުންތަކަށް ހާއްސަކޮށްގެން މީގެ 10 ވަރަކަށް އަހަރު ކުރިން އުފެއްދި ޒޫމް ކުންފުނީގެ މަގުބޫލުކަން މިހާ ބޮޑުވީ މި އަހަރުއެވެ. ކޮވިޑް-19ގެ ލޮކްޑައިންއާއި ކާފިއުގެ އަމުރާއެކު އާއިލީ ޕާޓީތަކުން ފެށިގެން ގައުމުތަކުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތައްވެސް މި ޕްލެޓްފޯމުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

40 މިނެޓްއާއި ހަމައަށް އެއްވެސް އަގެއް ނުދައްކާ ފޯނު ކުރެވޭނެ ފުރުސަތު ޒޫމްއިން ފަހިކޮށްދޭއިރު އެއަށްވުރެ އިތުރު ވަގުތަށް މި ޕްލެޓްފޯމް ބޭނުންކުރާނަމަ ފީއެއް ދައްކަންޖެހެއެވެ.