ހިތްގައިމު ފެހިކުލައަކަށް ދާ ޕިސްޓާޝިއޯއަކީ ކެޝޫނަޓް އާއިލާގެ މެމްބަރެކެވެ. ޕިސްޓާޝިއޯ ގަހަކީ އޭޝިއާގެ މެދު ތެރޭ ސަރަހައްދަށް، އަދުގެ ހާލަތަށް ބަލާއިރު އީރާން އަދި އަފްގާނިސްތާނަށް ހާއްސަ ގަހެކެވެ. 2017 ވަނަ އަހަރަށް ބަލާއިރު މުޅި ދުނިޔެއަށް ޕިސްޓާޝިއޯ ފޯރުކޮށްދިނީ އީރާނުންކަމަށް ބުނެވިދާނެއެވެ.

ރޮލާ އޮންނަ ޕިސްޓާޝިއޯއަކަށް ބަލާއިރު 4 ޕަސެންޓް ހިއްސާކުރަނީ ފެނެވެ. 45 ޕަސެންޓް ފެޓް، 28 ޕަސެންޓް ކާބޯހައިޑްރޭޓްސް އަދި 20 ޕަސެންޓް ޕްރޮޓީންއެވެ. 100 ގުރާމް ޕިސްޓާޝިއޯއަށް ބަލާއިރު 562 ކެލަރީޒް އެކުލެވިގެންވެއެވެ. މިއީ ޕްރޮޓީންއާއި ފައިބަރުގެ މުއްސަނދިކަން ލިބިފައިވާ، އަދި ވިޓަމިންއާއި މިނަރަލްވެސް ތިޔާގި ބާވަތެކެވެ.

ޕިސްޓާޝިއޯގެ ސިއްހީ ފައިދާ

ގަވައިދުން ޕިސްޓާޝިއޯ ބޭނުން ކުރުމަކީ ހިތުގެ ބަލުތަކުގެ ނުރައްކަލާ ދުރުކޮށްދިނުމަށް އެހީވެދޭނެ ކަމެކެވެ. މިއީ ހިތުގެ ބަލިތަކަށް މަގަފަހިކުރާ ކޮލަސްޓްރޯލްއާއި ޓްރައިގްލީސެރީޑްސް ކޮންޓްރޯލް ކުރުމަށް އެހީވެދޭނެ ބާވަތެކެވެ. މީގެ އިތުރުން ޕިސްޓާޝިއޯގެ ސަބަބުން ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލް ކުރަންވެސް އެހީވެދެއެވެ. ޕިސްޓާޝިއޯ ބޭނުން ކުރުމަކީ ސިކުނޑީގެ މަސައްކަތްތައްވެސް ދުޅަހެޔޮކޮށްދޭނެ ކަމެކެވެ.

ކުޑަކުދިންނަށް އޮތީ ކޮން ފައިދާއެއް؟

ލުއިކާނާ ކެއުމަށް ލޯބިކުރާ ކުޑަކުދިންނަށް އެންމެ ރަނގަޅު އެއް ބާވަތަކީވެސް ޕިސްޓާޝިއޯއެވެ. ކުރިންވެސް ދެންނެވި ފަދައިން ޕިސްޓާޝިއޯއަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކަކުން މުއްސަނދިވެފައިވާ ބާވަތެކެވެ. އެގޮތުން ލޮލާ ސިކުނޑީގެ ތަރައްގީއަށް ބޭނުންވާ ލިއުޓީންގެ މައްދާގެ މުއްސަދިކަން ޕިސްޓާޝިއޯއަށް ލިބިގެންވެއެވެ. މީގެ އިތުރުން ޕިސްޓާޝިއޯއަކީ އެކަށީގެންވާ ގޮތެއްގައި ހެދިބޮޑުވުމަށް ބޭނުންވާ ހެލްދީ ފެޓްސް އެކުލެވޭ ބާވަތެކެވެ. މީގެ އިތުރުން ހިތާ، ލޭ ހޮޅިތަކުގެ ދުޅަހެޔޮކަން ކަށަވަރުކޮށްދެއެވެ.

ޒުވާނުންނަށްވެސް ޕިސްޓާޝިއޯ

ޒުވާނުން އުމުރަކީ ދިރިއުޅުމުގައި އަންނަ އެންމެ ހަރަކާތްތެރި ދައުރެވެ. މި ދުވަސްވަރު ދުޅަހެޔޮކަންމަތީގައި ދެމި ހުރުމަށް ޕިސްޓާޝީއޯއަކީ ގާތް އެކުވެރިއަކަށް ހެދުން ބުއްދިވެރިއެވެ. ޒުވާން ދިރިއުޅުމަކަށް ބަލާއިރު ޕިސްޓާޝިއޯއަކީ އެއްތަނުން އަނެއް ތަނަށް އުފުލާ ހަދަންވެސް ފަސޭހަ ލުއިކާނާއެއްކަން ފާހަގަކުރަންޖެހެއެވެ. ޒުވާނުންނަކީ ކަސްރަތުގެ ސަގާފަތުގައި ހަރަކާތްތެރި ބަޔަކަށްވާއިރު، މިކަމަށްވެސް ޕިސްޓާޝިއޯގެ ސަބަބުން ފައިދާތަކެއް ލިއްބައިދެއެވެ. ކަސްރަތު ކުރުމަށްފަހު ހަށިގަނޑަށް ބޭނުންވާ ބައެއް މިނަރަލްތައް ލިއްބައިދެއެވެ. ބަރުދަން ލުއިކުރުމުގެ އަމާޒުގައި އުޅޭނަމަ ޕިސްޓާޝިއޯ އަކީ ޑައެޓްގެ ބައެއް ކަމުގައި ހަދާށެވެ.