ޖީން އެކްސްޕާޓް މެޝިނުގެ ކާޓްރިޖް ލިބުން ޖުލައި މަހަށް ފަސްވެފައިވާ ކަމަށް އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ޖީން އެކްސްޕާޓް މެޝިނަށް ބޭނުންވާ ކާޓްރިޖް ލިބުން ފަސްވެ، ދެން އެ ކާޓްރިޖް ލެބޭނެ ކަމަށް ބެލެވެނީ އަންނަ މަހު ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ކާޓްރިޖް ލިބުން ލަސްވި ކަމުގައިވީ ނަމަވެސް، ޓެސްޓު ކުރުމުގެ ކަންކަމުގައި ސްޓްރެޓެޖީތަކެއް ރާވާނެ ކަމަށެވެ. އަދި ޖުލައި މަސް ޖެހެންދެން އެ ނުލިބިގެން ތިބެން ނުޖެހޭނެ ކަމަށާއި އިތުރު ގޮތްތަކެއް ރާވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެކްސްޕާޓް އެކްސްޕްރެސް 19-އެންކޯވް ގެ ނަމުގައި އުފެއްދި ޖީން އެކްސްޕާޓް މެޝިނުގެ ކާޓްރިޖްތައް ބޭނުން ކުރުމުން ކޮވިޑް-19ގެ ސާމްޕަލްތަކުގެ ނަތީޖާ އެއް ގަޑިއިރުގެ ތެރޭގައި ގެނެސްދޭ ކާޓްރިޖެކެވެ. އެގޮތުން މި ކާޓްރިޖް ބޭނުން ކުރުމުން ބައިގަޑިއިރެއްހާ އިރު ތެރޭގައި ޕޮޒިޓިވް ސާމްޕަލްތަކުގެ ނަތީޖާ ދައްކައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް 20،000 އަށްވުރެ ގިނަ ޓެސްޓު ކޮށްފައިވާއިރު މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 1841 މީހުންނެވެ. އަދި މި ބަލީގައި 7 މީހަކު މަރުވައފައިވާއިރު 608 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.