އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް-19 ޓެސްޓު ކުރުމަށް ނަގާނީ 675 ރުފިޔާ ކަން އެންއީއޯސީން ހާމަކޮށްފިއެވެ.

ކޮވިޑް-19ގެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އޭކީކޭ ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް 657 ރުފިޔާ ނަގާނެ ކަމަށެވެ. އެއީ ޕްރައިވެޓް ހޮސްޕިޓަލަކަށް ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އޭޑީކޭން ޓެސްޓު ހެއްދުމަށް ފީ އެއް ނެގި ކަމުގައި ވިޔަސް އައިޖީއެމްއެޗުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. އަދި އޭޑީކޭއިން ބިލް ކުރާނީ އައިޖީއެމްއެޗަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އޭޑީކޭއިން މިއަގުގައި ޓެސްޓު ހެދި ނަމަވެސް އާންމުންނަށް އޭޑީކޭއަށް ގޮސް ޓެސްޓް ނުހެއްދޭނެ ކަމަށެވެ. އަދި އޭޑީކޭއިން ފީއެއް ނަގާނީ އެންއީއޯސީން ގެންދާ ސާމްޕަލްތައް ޓޭސްޓު ކުރުމަށް ކަމަށެވެ. މަބްރޫކް ވިދާޅުވީ މިހެން ޓެސްޓް ހެއްދި ކަމުގައިވީ ނަމަވެސް އާންމުން އެއްވެސް އެއްޗެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

މިކަން މަބްރޫކް ސާފުކޮށްދެއްވީ، ކޮވިޑް-19 އަށް ޓެސްޓު ކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދުކޮށްގެން ކަމަށްވާތީ، އެކަމުގައި ހަރަދުވާ މިންވަރެއް ހޯދުމަށް ބައެއް ނޫސްވެރިން ސުވާލު ކުރުމާ ގުޅިގެންނެވެ.

މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން 1841 މީހަކު ޕޮޒިޓިވްވެފައިވާއިރު، ޖުމްލަ 20،000 އަށް ވުރެ ގިނަ ސާމްޕަލް ނަގާ، ޓެސްޓުކޮށްފައިވެއެވެ.