ކ. ގުޅިފަޅުގައި ގާއިމްކުރެވޭ ޕޯޓްގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެސަރަހައްދުގެ ތިމާވެއްޓަށް ގެއްލުން ލިބެމުންދާ މައްސަލާގައި، ކަމާ ބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

މި މައްސަލަ ދިރާސާ ކުރުމުގެ ގޮތުން ކަމާ ބެހޭ ފަރާތްތައް ހާޒިރު ކުރުމަށް ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 10:00 ގައެވެ. އެގޮތުން، މިނިސްޓާ އޮފް އެންވާރަމަންޓާއި މިނިސްޓާ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާންސްޓްރަކްޗާއާއި އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީގެ އިސްވެރިންގެ އިތުރުން މަޝްރޫއުގެ އީއައިއޭ ކޮންސަލްޓަންޓުން ކޮމިޓީއަށް ހާޒިރު ކުރުމަށް ވަނީ ފާސްކޮށްފައެވެ.

ރައްޔިރުންގެ މަޖިލީހުގެ އެންވާރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ގުޅިފަޅުގައި ގާއިމްކުރެވޭ ޕޯޓްގެ މަޝްރޫއުގެ މައްސަލަ ދިރާސާ ކުރުމަށް ނިންމީ، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެސަރަހައްދުގެ ތިމާވެއްޓަށް ގެއްލުން ލިބެމުންދާތީ އެކިފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅު ކުރަމުން ދިއުމުގެ ސަބަބުންނެވެ.

މި މައްސަލައަކީ ކޮމިޓީން އިސް ނަގައިގެން އެޖެންޑާ ކޮށްފައިވާ މައްސަލައެކެވެ. އަދި މި މައްސަލަ ބެލުމަށް ނިންމާފައި ވަނީ މި މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާމެދު އިއްޔެ ބޭވި ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށްފަހު ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

މި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ލިޔެކިއުންތައް ހޯދުމުގެ މަސައްކަތް ކޮމިޓީގެ އިދާރީ މޭޒުން މިހާރު ވަނީ ފަށާފައެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު އިން ތިމާވެއްޓަށް ކުރާނެ ނޭދެވޭނެ އަސަރުތަކާ ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޖަމިއްޔާއެއްކަމަށްވާ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ފުރަތަމަ ގުޅީފަޅު ހިއްކާފައިވަނީ 10 ހެކްޓަރަށް 2010 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު 2013 ވަނަ އަހަރު އިތުރު 20 ހެކްޓަރު ހިއްކާފައިވެއެވެ. މިހާރު ކުރިއަށްދާ ޕްރޮޖެކްޓުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ފަޅުން ގާތްގަނޑަކަށް 192 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. ގުޅީފަޅު ހިއްކަން ވެލި ނަގަން ހަމަޖެހިފައި ވަނީ ގުޅީފަޅުން ފެށިގެން މާލެއާ ހަމައަށް އޮތް ކަނޑުގެ 13.75 އަކަ ކިލޯމީޓަރުގެ ސަރަހައްދަކުންނެވެ.