ކޮވިޑް-19 ފެތުރެމުންދާތީ މާލެ ލޮކްޑައުން ކޮށްފައިވާ ހާލަތުގައި ލޮކްޑައުންގެ އަމުރާ ހިލާފުވެ ކޮންމެ ދުވަހަކު އެތައް ބަޔަކު ޖޫރިމަނާކޮށް މިއަދާ ހަމައަށް ޖުމްލަ 6769 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައިވާ ޖުމްލަ މީހުންގެ އަދަދަކީ 6769 ކަމަށާއި އެއީ މާލެއިން 5951 މީހުންނާއި، ހުޅުމާލެއިން 709 މީހުންނާއި، ވިލިމާލެއިން 109 މީހުން ކަމަށެވެ. އަދި މިހާތަނަށް ލޮކްޑައުންގެ ހާލަތުގައި މަގުމަތީ އުޅެގެން ހައްޔަރުކޮށްފައި ވަނީ ޖުމްލަ 375 މީހުން ކަމަށްވެސް ފުލުހުން ބުނެއެވެ. އެއީ މާލެއިން 335 މީހުންނާއި ހުޅުމާލެއިން 37 މީހުންނާއި ވިލިމާލެއިން 3 މީހުންނެވެ.

އިއްޔެ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން 5 މީހަކު ހައްޔަރު ކޮށް 197 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. އެގޮތުން އިއްޔެ ހައްޔަރު ކުރި 5 މީހުންނަކީ ވެސް މާލެއިން ހައްޔަރު ކުރި މީހުންނެވެ. އިއްޔެ ޖޫރިމަނާ ކުރި 197 މީހުންގެ ތެރެއިން މާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 196 މީހުން ހިމެނޭއިރު، ހުޅުމާލެއިން ޖޫރިމަނާ ކޮށްފައިވަނީ އެކެކެވެ.

މާލެ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ.

ހާއްސަ ހުއްދައެއް ނަަގައިގެން ބޭރަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދެމުން ދާއިރުވެސް ކޮންމެ ދުވަހަކު އެހާ ގިނަ އަދަދަކަށް މީހުން ލޮކްޑައުންގެ އަމުރާ ހިލާފް ވަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ. ސިއްހީ މާހިރުން ގޭގައި ތިބުމަށް ނަސޭހަތް ދެމުން އަންނަ އިރު ރާއްޖޭގައި މިހާރު މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ 1829 އަށް އަރާފައެވެ.