ރާއްޖެއިން ކޮވިޑް-19 ޖެހި އިތުރު 120 މީހަކު ރަނގަޅު ވެފައިވާ ކަމަށް ހެލްތް މިނިސްޓްރީ (އެޗްޕީއޭ)އިން ބުނެފިއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ ޖުމްލަ 603 މީހުން ރަނގަޅު ވެފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު އުޅެނީ 1،829 ގައެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 1003 މީހުންނާއި 590 ދިވެހިންގެ އިތުރުން އިންޑިއާގެެ 186 މީހުންނާއި ނޭޕާލްގެ 23 މީހެއް އަދި އިޓަލީގެ 11 މީހަކާއި ސްރީލަންކާގެ ނުވަމީހެއްގެ އިތުރުން ޕާކިސްތަނުގެ ތިން މީހަކާއި އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހެކެވެ.

މިހާރު ފަރުވާދެމުންދާ މީހުންގެ ތެރޭގައި ހިމެނެނީ ޖުމަލް 1،212 ކޭސްއެވެ. އެކްޓިވް ކޭސްތަކުގެ ތެރެއިން ހޮސްޕިޓަލުތަކުން ފަރުވާ ދެމުން ގެންދަނީ 12 މީހަކަށެވެ.

ކޮވިޑް-19 ޖެހިގެން ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކޮށްފައި ހުރި 89 އަހަރުގެ ދިވެހި އަންހެނަކު މިއަދު ވަނީ މަރުވެފައެވެ. އެއއާއެކު މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 7 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ މިއަދު މަރުވި މީހާގެ އިތުރުން އިއްޔެ މަރުވި 54 އަހަރުގެ ބިދޭސީއަކާއި 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.