ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިރޭ ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން "މާރާމާރީ" ގެ މައްސަލައެއް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފުލުހަށް ވަޑައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން ވަނީ ފުލުހުންގެ ހެޑް އޮފީހަށް ވަޑައިގެންފައެވެ.
މިހާރު ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މެންބަރު ޝިޔާމްގެ ނަން އިއްވާ އޭނާ ނެރުމަށް ސާޖެންޓް އެޓް އާމްސް މަސައްކަތް ކުރެއްވިއިރު މަޖިލީހުގެ ބައެއް އެހެން މެންބަރުން ވަނީ ޝިޔާމް ކޮއްޕާ ހައްދަވާފައެވެ. އަދި އެވަގުތު ގިނަ ބަޔަކު އަޑުގަދަކޮށް ބައެއް މެންބަރުން ޝިޔާމްގެ ގައިގައި އޮޅުލައިގެން ތިބެ މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެން އުޅޭތަން ފެނެއެވެ.
ވީޑިއޯތަކުގެ އިތުރުން މިހާރު ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ހަމަނުޖެހުންތަކުގައި ޝިޔާމްގެ ގަމީހުގެ ގޮއްތައް ވަ ނެއްޓިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިއްތަވާ އަޑުގަދަ ކުރެއްވުމުގެ ސަބަބުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ނަން އިއްވުމަށްފަހު މަޖިލީހުގެ ތަޅުމުން ނެރެފައި ވަނީ މަޖިލިސް ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.
މަޖިލިސްގެ ޖަލްސާގައި ޝިޔާމް ވާހަކަ ދައްކަވަން ފައްޓަވާފައި ވަނީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ލަސް ކުރީ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
ޝިޔާމް ނަން އިއްވުމުންވެސް ތަޅުމުން ބޭރަށް ވަޑައިނުގަތުމުން މަޖިލީހުގެ ތަޅުމުގެ ތެރޭގައި މެންބަރުން ގެންދެވީ ގަޔަށް އަތްލައި ހަރުކަށިކޮށް ވާހަކަ ދައްކަވަމުންނެވެ. ޝިޔާމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އަށްވެސް ވަނީ އެ ވަގުތު އެކި ވަރުގެ އަނިޔާ ލިބިފައި ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭނާގެ ކަކޫކޮޅުން ތިރި މަށައިގެން ދިޔަ ކަމަށާއި، އެތާނގައި އައިސް އަޅަން ވެގެން ރިޔާސަތު މެދުވެރިކޮށް އައިސް ހޯއްދަވާފައި ވެއެެވެ.
ގަާތްގަނޑަކަށް 10 ވަރަކަށް މިނެޓް ވަންދެން މެންބަރުން ގާތްވެ އަޑުގަދަ ކުރައްވަމުން ގެންދެވި އިރު ޖަލްސާގެ އަޑު ވަނީ ކަނޑާލައިފައެވެ. ޝިޔާމް މަޖިލީހުގެ ތަޅުމުން ބޭރަށް ވަޑައިގެތުމުން ޖަލްސާ ވަނީ އަލުން ފަށާފައެވެ.
ކޮވިޑާ ގުޅިގެން ގައިދުރު ކަން ބަހައްޓައިގެން ފެށި މަޖިލީހުގެ މިރޭގެ ޖަލްސާގައި ފެނިގެން ދިޔައީ އެ ގައިދުރުކަމެއް ނެތި އެއް މެންބަރަކު އަނެއް މެންބަރެއްގެ ގަޔަށް އަތްލާ ހެއްދެވި މަންޒަރެވެ.