ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން ދާ ކޮވިޑް-19 ރާއްޖެ އައިސް މާލެއިން ފުރަތަމަ ކޮވިޑްގެ ކޭހެއް ފެނި މާލެ ލޮކްޑައުން ކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހެވެ. މި ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް ރާއްޖޭގެ އިގްތިސޯދުވެސް ދުވަހެއް ދުވަހަކަށް ދައްވަމުން ދިޔައީ ފަތުރުވެރިކަމަށް އައި ލޮޅުމާ ގުޅިގެންނެވެ. ކާބަފައިންގެ ބުރަ މަސައްކަތުން މިއަދާ ހަމައަށް ދިރިއޮތް މަސްވެރިކަމުންވެސް މި ހާލަތުގައި ދިވެހިންނަށް ވަނީ އަރައިގަނެވޭނެ ގޮތް ނުވެފައެވެ.
ކޮވިޑްގެ ސަބަބުން އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތް ހުއްޓި ހަދާނެ ގޮތެއް ނެތް ދިވެހިން ގިނަވަމުންދާ ވާހަކަ ދެކެވެނީ މަދެއްކޮށް ނޫނެވެ. އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން "ޖޮބް ސެންޓާ" ގެ ނަމުގައި ސެންޓަރެއް ގާއިމް ކުރި ނަމަވެސް އެކަމުން ކުރި ފައިދާއެއް ނެތެވެ. ދުވަހެއް ދުވަހަކަށް ވަޒީފާއިން ދުރުކުރާ ފަރާތްތަކާއި މުސާރަ ނުދީ އަމިއްލަ ވަޒަނަށް ފޮނުވާލާ މީހުންގެ އަދަދު އަންނަނީ ގިނަވަމުންނެވެ.
އިހުޒަމާނުއްސުރެ ދެކެވޭ ވާހަކަ އަކީ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަން ކުރާ ގޮތާއި ބޭނުން ކުރާ ތަކެއްޗާއި މަސްވެރިކަން ކުރާ ބާވަތްތަށް އައީ ބަދަލު ވަމުންނެވެ. އެގޮތުން ދޯނި ފަހަރުގައި ފަރުމަސްވެރިކަން ކުރަމުން އައި ފަރާތްތަށް ކުދި ލޯންޗް ތަކާއި ޑިންގީ ތަކަށް ވަނީ ބަދަލުވެފައެވެ. އެގޮތަށް މަސްވެރިކަން ކުރަން ފެށުނީ ރިސޯޓުތަކުގައި "ނައިޓް ފިޝިންގެ" ގޮތުގައި ނަމަވެސް މިއަދު އާމްދަނީ ހޯދުމަށް އަތޮޅުތެރޭގެ އިތުރުން މާލޭސިޓީގައި ދިރިއުޅޭ ގިނަ ބަޔަކު އަންނަނީ އެ މަސްވެރިކަން ކުރަމުންނެވެ. ހާއްސަކޮށް ފާހަގަ ކުރެވެނީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުން ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ.
މާލެ ސަރަހައްދުގައި މިފަދަ މަސްވެރިކަން ކުރާ އެއް ފަރާތް ކަމަށްވާ އަލްމަސް "ދަ ޕްރެސް" އަށް އޭނަގެ ވާހަކަ ހިއްސާ ކުރަމުން ބުނީ މާލެއަށް އޭނާގެ ދިރިއުޅުން ބަދަލު ކޮށްފައި ވާއިރު މާލެ ސިޓީގައި ދިރިއުޅޭ މިފަދަ ފަރާތްތަކަކީ މާލޭގައި ލޯންޗް ނުވަތަ ޑިންގީ ގަނެގެން ލިބޭ ދުވަހު މުސާރައަށް ބަރޯސާވެ މަސްވެެރިކަމަށް ނިކުންނަ ބައެއް ކަމަށެވެ.
މިފަދަ މަސްދަތުރު ތަކަކީ "ނައިޓް ފިޝިން" ނޫން ކަމަށް އޭނާ ބުނާއިރު، ފަރު މަހުގެ އިތުރުން ކަންނެލިވެސް ބާނާ ކަމަށް އޭނާ ކިޔައިދިނެވެ. މަސް ބޭނުމަށް ފަހު ރިސޯޓް ތަކަށް ސަޕްލައި ކުރާ ކަމަށާއި މާލެ އައިސް މާރްކޭޓަށް ނުވަތަ ހޮޓާ/ރެސްޓޯރަންޓް ފަދަ ތަންތަނަށާއި ފިހާރަތަކަށްވެސް ވިއްކަމުންދާ ކަމަށް އޭނާ ކިޔައިދިނެވެ.
ލޯނު ނަގައިގެން ލޯންޗް ނުވަތަ އިންޖީނު ގަނެ މިފަދަ މަސްވެރިކަމެއް ކުރަނީ ޓްރާންސްޕޯޓުގައި ރަޖިސްޓާ ކޮށް ފައިސާ ދައްކައިގެން ކަމަށް އޭނާ ބުނެއެވެ. އަދި "ޕާކިން ފީ" ކޮންމެ މަހަކު ދައްކާ ކަމަށް އޭނާ ކިޔައިދިނެވެ. މިފަދަ ލޯންޗުތަކުން މަހަށް ގޮސް ލިބޭ އާމްދަނީގައި އުޅޭ، 80 އިންސައްތަ މީހުން ތިބި ކަމަށް އޭނާ ބުނެއެވެ. ކާންބޯން ކުރާ މަސައްކަރުގެ އިތުރުން ގަންނަ ލޯންޗަށާއި އިންޖީނަށް މަހުން މަހަށް ފައިސާ ދައްކަން ޖެހެއެވެ. އެއީ ގިނައީ އިންސްޓޯލްމަންޓަށް ގަނެފައި ހުންނަ ތަކެތި ކަމަށް ވާތީއެވެ.
ޖުމްލަ އަދަދު ނޭނގުނަސް އެ ކޮމިއުނިޓީގައި ގާތްގަނޑަކަށް 2000 މީހުން މަސައްކަތް ކުރަމުން ދާނެ ކަމަށް އޭނާ ބުނެއެވެ. އެއީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން އެކަންޏެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް މިފަފަދަ މަސްވެރިކަން ކުރާ ފަރާތްތަށް ތިބިކަން އޭނާ ފާހަގަ ކޮށްފައި ވެއެވެ. މާލެ ސަރަހައްދުގައި އެ މަސްވެރިކަން ކުރާ 100 އެއްހާ ލޯންޗް އުޅޭ ކަމަށް ލަފާ ކުރެވޭ ކަމުގައި އޭނާ ބުނެއެވެ.
ކޮވިޑާ ގުޅިގެން ރިސޯޓް ތަކަށް ސަޕްލައި ނުކުރެވުނު ނަމަވެސް މާލޭ ސިޓީގެ ސަރަހައްދުތަކުގައި ކަސްޓަމަރުން ތިބި ކަމަށާއި އެފަދަ ފަރާތްތަކުން މިހާރުވެސް މަސް ބޭނުންވެގެން އެދެމުންދާ ކަމަށް އޭނާ ކިޔައިދިނެވެ. ނަމަވެސް އެފަދަ މަސައްކަތް ކުރާ ފަރާތްތައް ސަރުކާރުން ބަލައި ނުގަންނަ ކަމަށް ބުނެ އޭނާ ވަނީ ފާޑުކިޔާފައެވެ. އޭނާ ބުނީ ސަރުކާރުން އެމީހުން ބަލައި ނުގަންނަނީ އެއީ އެސޯސިއޭޝަނަކަށް ނުވާތީ ކަމަށެވެ. މިއަދުގެ މި ހާލަތުގައި ޖަމިއްޔާއެއްގެ މުހިންމުކަން އެނގިފައިވާ ކަމަށާއި މިއަދު އެމީހުންގެ ހައްގުގައި ނިކުންނާނެ ބަޔަކު ނެތް ކަމަށް އޭނާ ބުނެއެވެ. ގިނަ މީހުން ގަބޫލު ކުރާގޮތުގައި މިއީ މަޖާކުރުމަށް ދާ ދަތުރުތަކެއް ނަމަވެސް އޭނާ ބުނާ ގޮތުން ދަނީ އާމްދަނީއެއް ހޯދުމަށް ބޮޑު ހަރަދެއް ކޮށް މަސްބާނަން ކަމަށެވެ.
މިފަދަ މަސްވެރިކަން ކުރާ އިތުރު މަސްވެރިއެއް ކަމަށްވާ ޝިޔާޒްގެ ވާހަކަވެސް ހުރީ ހަމަ ދާދި އެއް ގޮތަކަށެވެ. އެންމެންގެ ޝަކުވާ އަކަށް ވެފައި ވަނީ ހުއްދަ ނުދޭ މައްސަލައެވެ. ޝިޔާޒް ބުނި ގޮތުގައި ކާރާއި ޕިކަޕް ފަދަ ތަކެތި ވަކި އުސޫލެއްގެ ދަށުން ދުއްވުމަށް ހުއްދަ ދެވިފައި ވާއިރު މިފަދަ މަސައްކަތަށްވެސް ވަކި އުސޫލެއްގެ ދަށުން ހުއްދަ ދިނުން ރަނގަޅު ކަމަށް އެ ފަރާތްރަކުން ގަބޫލު ކުރާ ކަމަށް އޭނާ ބުންޏެއެވެ.
މިފަދަ މަސްވެރިކަން ކުރި އެރުވުމުގައި އެންމެ އިސްކޮށް ހަރަކާތްރެތިވާ އެއް ފަރާތް ކަމަށްވާ މުހައްމަދު އިމާދު ނުވަތަ މަޝްހޫރު ނަމުން ނަމަ ޒެއިކަލް (ޒެއިކަލް ފިޝިންގް މޯލްޑިވްސް) ވެސް ވަނީ މި ކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. ޒައިކަލް އަކީ ސްޕޯޓް ފިޝިން އަށް މަޝްހޫރު މީހެއް ނަމަވެސް އޭނާ އަކީ މިފަދަ މަސްވެރިކަން ދަސްކޮށް ދިނުމުގައި ހަރަތާކްތެރި ވަމުން އަންނަ މީހެވެ.
އޭނާ ބުނީ އެފަދަ ފަރާތްތަކަށް އާމްދަނީ ހޯދައި ދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރަށް މި ކަމަށް ހައްލެއް ހޯދައި ދިމަށް އެދި ރިކްއެސްޓެއް ކޮށްފައި ވާނެ ކަމަށާއި ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ދީފައި ނުވާ ކަމަށެވެ. ކޮންމެ ފަހަރަކުވެސް ކަންފަސޭހަ ކޮށްލާ ދޫކޮށް ލަނީ ކަމަށެވެ. މިހާރު މަސައްކަތެއް ނުކުރާތާ ދޮޅުމަސް ވެފައި ވާއިރު އެފަދަ ހުރިހާ މަސްވެރިންގެ ފަރާތުންވެސް އެދެނީ އުސޫލު ތަކެއްގެ ދަށުން، ވަކި ހިސާބަކަށް މަސް ބާނަން ދެވޭ ގޮތަށް ނުވަތަ ރަށަކަށް ނަރާ އަނބުރާ މާލެ އަންނަ ގޮތަށް ނަމަވެސް އުސޫލެއް ހަދާ މަދސްވެރިކަން ފެށޭނެ ގޮތެއް ހަދައިދިނުން ކަމަށް އޭނާ ބުނެއެވެ.
މި ކަމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ބުނީ ކަނޑު މަސްވެރިކަން ކުރާ ފަރާތްތަކަށް ހުއްދަ ދިން ނަމަވެސް އަދި ފަރުމަސް ވެރިކަން ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާމެދު ގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް އެކަހަލަ ވާހަކަތަކެއް އެ މިނިސްޓްރީއަށް އެކި ފަރާތްތަކުން ހިއްސާ ކޮށްފައިވާ ކަމަށާއި ހައްލެއް ގެނައުމަށް ހަދާނެ ގޮތަކާމެދު މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް ބުނެއެވެ. އެފަދަ ފަރާތްތަކަށް މިހާލަތުގައި (ކޮވިޑްގެ ހާލަތުގައި) ހުއްދަ ދެމުން ދަނީ އެ މިނިސްޓްރީން ނޫން ކަމަށާ ހުއްދަ ދޫ ކުރާނީ އެޗްޕީއޭން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ލޮކްޑައުންގެ ތެރޭގައިވެސް މަސް ދޯނިފަހަރުގައި މަހަށް ފުރުމުގެ ހުއްދަ ދިނީ މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހެވެ.
ލޮކްޑައުންއަށް ލުއި ދިން ނަމަވެސް އެއިން މާބޮޑު ފައިދާއެއް ނުކުރާ އިރު، ކުރިއަރަމުން އައި ޒަމާނީ މަސްވެރިކަން ކޮވިޑްގެ ސަބަބުން ހުއްޓި އާމްދަނީ ހޯދުމަށް ކުރާނެ އިތުރު މަސައްކަތެއް ނެތް މީހުންނާއެކު ވަޒީފާނެތް މީހުން އަނެއްކާ އިތުރު ވުމަށް މި ވަނީ ޖާގައެއް ލިބިފައެވެ. މާލެ ލޮކްޑައުން ކޮށްފައި ވާތާ 1 މަހާއި 18 ދުވަސް ވެފައި ވާއިރު، ގެއިން ބޭރަށް ނުކުމެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކުން މި ވަނީ ހަދާނެ ގޮތް ހުސްވެފައެވެ. މިފަދަ ހާލަތުގައި ވަޒީފާނެތް ނަމަވެސް މަސައްކަތަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ޝަރުތު ތަކަކާއެކު އެ ފުރުސަތު ހުޅުވާލައި ހުއްދަ ދިނުމަކީ ގެއްލިގެންދާ ވަޒީފާ ލިބި ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ވެސް ލިބޭ އިތުރު ފުރުސަތަކަށް ވާނެ ކަން ޔަގީނެވެ.