ކޮވިޑް-19ގެ ފަރުވާ ޓީމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އައިޖީއެމްއެޗުގެ ނެޝަނަލް ރެސްޕިރޭޓަރީ ޑިޕާޓްމެންޓުގެ ހެޑް، ޑރ. މޫސާ ހުސެއިން ކޮވިޑަށް ޕޮޒިޓިވް ވި ކަމަށް ފެތުރި ވާހަކަ ދޮގު ކުރައްވައިފިއެވެ.

މޫސަ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި އެންޓިބޮޑީ ޓެސްޓެއް އަދި ކޮވިޑް ޓެސްޓެއް ވެސް އޭނާ ނުކުރައްވާ ކަމަށެވެ.

އޭނާ އަށް ކޮވިޑް ޖެހި ރަނގަޅުވެފައި ވާކަން ހެދި ރޭންޑަމް ސާމްޕަލަކުން އެނގުނު ކަމަށް ސޯޝަލްމީޑިއާގައި ވާހަކަ ފެތުރުމުން، ކަންބޮޑުވުންތަކާ އެކު ގިނަ ބައެއްގެ ކޯލްތަކާއި މެސެޖްތައް ލިބިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވެފައި ވާއިރު، ޑރ.މޫސަ ވަނީ އެފަދަ ހަބަރު ސޯޝަލް މީޑިއާގައި ފެތުރި ފަރާރްތަކަށް އެ ތަކެތި ނެގުމަށް އެދިވަޑައިގެންފައެވެ.

އެފަދަ ދޮގު ހަބަރުތަށް ނުފެތުރުމަށްވެސް ޑރ. މޫސަ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ގޮތުގައި ޑރ.މޫސަ ކޮވިޑަށް ޕޮޒިޓިވް ވި ކަން އެނގުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ހެދި ރޭންޑަމް ޓެސްޓުންނެވެ. އޭރު ބަލިން ރަނގަޅުވެފައިވާ ކަމަށް ވެސް އޭނާގެ ފޮޓޯއާ އެކު ޓްވިޓާ އާއި ފޭސްބުކްގައި އާއްމުކުރި ޕޯސްޓުތަކުގައި ވެއެވެ.

މިކަމާ ގުޅިގެން މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީން) ބުނީ، އެފަދަ ދޮގު ހަބަރުތަކުގެ ސަބަބުން ނުތަނަވަސްކަން އުފެދޭ ކަމަށާއި، ޑރ. މޫސަ ޕޮޒިޓިވް ވެ ރަނގަޅުވި ކަމަށް ބުނާ ހަބަރަކީ ދޮގެއް ކަމަށެވެ.