ޗައިނާގެ ވޫހާން ސިޓީގައި ކޮވިޑް-19ގެ ކަންތައް ބޮޑުވެ، މުޅި ދުނިޔޭގައި މިބަލި ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެގެން ދިއުމާއެކު ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްފަދައިން ރާއްޖޭގެ ސިއްހީ ނިޒާމުގެ ސަމާލުކަން ވެސް މަޑުމަޑުން މިސްރާބު ޖެހީ އެދިމާލަށެވެ. ހޮސްޕިޓަލްތަކުގެ ސަމާލުކަން ކޮވިޑް-19 އަށް ދެމުން ދިޔަ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން ގޮސް މިއަދު އެކަން ހައްދު ފަހަނަޅައި ދިޔައީ އޭ ބުނެވޭ ވަރަށް ކަންތައް މިވަނީ ގޯސްވެފައެވެ.
ގައިންގަޔަށް އަރާ ބަލިމަޑުކަމަކަށް ސިއްހީ ނިޒާމުގެ ނަޒަރު ހުއްޓިފައި ވާއިރު، އެހެން ބަލިތަކަށް ބޭސްކުރާ ފަރާތްތަކާ މެދު އިހުމާލު ވަމުންދާ ކަމުގެ އަޑުތަކަކީ މިއީ މިހާރު ކޮންމެ ދުވަހަކުމެ އިވޭ އަޑުތަކެވެ. ލިބެމުންދާ ޝަކުވާތަކެވެ. ކޮވިޑް ނޫން އެހެން ބައްޔެއްގައި މީހަކު މަރުވެއްޖެ ނަމަވެސް، މީހަކަށް ބޮޑު ކަމެއް ދިމާވިޔަސް ވެސް އިވެނީ ހަމަ އިހުމާލުގެ ރަނގަބީލެވެ.
މިއަދު އަރައިގެން އައި އިރާއެކު ސޯޝަލް މީޑިއާގައި ފެތުރިގަތީވެސް ހަމަ މިފަދަ ހަބަރެކެވެ. ޑޮކްޓަރުންގެ އިހުމާލުން ކުޑަ ކުއްޖެއްގެ ހަޔާތް ބަރުބާދުވެގެން ދިޔައީ ކަމަށް ބުނެ އެ ކުއްޖާގެ ބައްޕަގެ ހިތް ބަންޑުން ކޮށްލީ ފޭސްބުކް ޕޯސްޓަކަށެވެ. ކޮންމެހެން ކުރަންޖެހޭ މުހިންމު އޮޕަރޭޝަނެއް ނުކުރެވި 5 ދުވަސް ވެގެން ދިއުމުގެ ސަބަބުން ކުއްޖާގެ ހަށިގަނޑުގެ މުހިންމު ގުނަވަނެއް ހަލާކުވެ، ހަށިގަނޑާ ވަކި ކުރަން ޖެހުނު ކަމަށް ބުނެއެވެ.
ހުސެއިން ހަލީމް އޭނާގެ ހިތުގެ އުދާސްތައް ބަންޑުން ކޮށްލަމުން ބުނީ، އޭނާގެ ދަރި އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިއުމުން އެޓެންޑްވީ ހޮސްޕިޓަލުގެ ޖޫނިއާ ޑޮކްޓަރެއް ކަމަށެވެ. އަދި އެއްވެސް ސީނިއާ ޑޮކްޓަރަކާއި ނުވަތަ ސުޕަވައިޒަރަކާ މަޝްވަރާ ކުރުމެއް ނެތި ޕެއިން ކިލާ އަކާއި އެންޓިބައޮޓިކްސް ދިނުމަށް ފަހު ހާސްވާނެ އެއްވެސް ކަމެއް ނެތް ކަމަށް ބުނެ ކުއްޖާ ގެއަށް ފޮނުވާލި ކަމަށް އޭނާ ބުނެއެވެ. ހަލީމް ބުނީ، ކުއްޖާގެ ސިއްހަތާމެދު ޑޮކްޓަރަށް ޝައްކު ކުރެވޭ ކަމެއް ވާ ނަމަ، ނުވަތަ ޔަގީން ނުވާ ކަމެއް ވާ ނަމަ އެހީތެރިޔާއަށް ނުވަތަ ސީނިއާ ޑޮކްޓަރަކަށް އެކަން އެންގި ނަމަ، އެ ކުއްޖާގެ ގުނަވަން މިއަދު ސަލާމަތް ވެދާނެ ކަމަށެވެ.
ހާސްވާނެ އެއްވެސް ކަމެއް ނެތް ކަމަށް ބުނެ ދަރިފުޅު ގެއަށް ފޮނުވާލިތާ ދެ ދުވަސްފަހުން ކުއްޖާގެ ހާލަތު ގޯސްވެ އަނެއްކާ އިމަޖެންސީއަށް ގެންދިއުމުން ކުއްޖާގެ ހާލަތު ގޯސް ކަމަށް ޑޮކްޓަރުން އެންގިއެވެ. އަދި ސްކޭނެއް ހައްދަން އެންގި ކަމަށާއި އެވަގުތު ކުއްޖާ ހުން އައިސް ހުރުމާއެކު ސްކޭން ހެއްދޭނީ ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބުމުން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ހަލީމް ބުންޏެވެ. އޭނާ ބުނީ، ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ކުއްޖާއަށް ފަރުވާ ދިނުމަށް އާއިލާގެ ފަރާތުން އެދުމުން ވެސް ހޮސްޕިޓަލުން އެކަމަށް އިންކާރު ކުރި ކަމަށެވެ.
ފަހު ދުވަހު ކުއްޖާގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބި، ސްކޭން ހެއްދިއިރު ވަގުތު ފާއިތު ވެފައިވާ ކަމަށް ހަލީމް ބުންޏެވެ. ހަށިގަނޑުގެ މުހިންމު ގުނަވަނަކަށް ދާއިމީ ގެއްލުމެއް ލިބުމުގެ ސަބަބުން އެ ގުނަވަން ޖެހުނީ ހަށިގަނޑާ ވަކި ކުރާށެވެ.
މީގެ އިތުރުން މިދިޔަ ހުކުރު ދުވަހު، ކެންސަރު ބަލި ޖެހިފައިވާ ފަރާތެއް އައިޖީއެމްއެޗަށް ގެންގޮސް، އެއްވެސް ފަރުވާއެއް ނުލިބި މަރުވެފައިވާ ވާހަކައެއް ވެސް ވަނީ ފެންމަތިވެފައެވެ.
އެ ކޭސްގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ބަލިމީހާ އިމަޖެންސީގައި އާސަންދަ މެދުވެރިކޮށް މާލެ ގެނެސްފައި ވަނީ މިދިޔަ މަހު 24 ވަނަ ދުވަހެވެ. އަދި ލިޔެކިޔުންތަކުން ފެންނަން އޮތް ގޮތުން، 25 ވަނަ ދުވަހު އައިޖީއެމްއެޗަށް ގެންގޮސް، އީއާރްގައި ސީޓީ ސްކޭނަކާއި އީސީޖީ ސްކޭނަކާއި ބްލަޑް ޓެސްޓުތަކެއްގެ އިތުރުން ކޮވިޑް ޓެސްޓު ވަނީ ހައްދާފައެވެ. އަދި ކެންސަރު ހުރި މިންވަރު ބެލުމަށް އެފްއެންއޭސީ ޓެސްޓު ހެއްދުމަށް ޑޮކްޓަރު ލަފާ ދިނެވެ.
26 ވަނަ ދުވަހު ބަލި މީހާ ސާޖިކަލް ވާޑަށް ބަދަލު ކުރި އިރު، ބަލިމީހާގެ ހާލަތު ގޯސްކަން ޑޮކްޓަރުންނަށް އެނގެއެވެ. އަދި އެފްއެންއޭސީ ޓެސްޓު 27 ވަނަ ދުވަހު ހައްދާނެ ކަމަށް އެންގުމަށް ފަހު، ޓެސްޓު ހެއްދުން ވަނީ 28 ވަނަ ދުވަހަށް ފަސްކޮށްފައެވެ. އަދި 28 ވަނަ ދުވަހު ޓެސްޓު ހައްދާނެ ކަމުގެ ޔަގީންކަން ދިނުމަށް ފަހު ވެސް ވަގުތުން ވަގުތަށް ޓެސްޓު ހެއްދުން މުހިންމު ނޫން ކަމަށް ބުނެ ޓެސްޓު ވަނީ 31 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
ބަލިމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ކެއުމަށާއި އެއްޗެހި ދިރުވުމަށް އުދަގޫވެ، އަޑު ފިސްވެ، ލޯ ރީނދޫވެ، ދަށްބަނޑަށާއި ފަޔަށް ތަދުވި ކަމަށް މައުލޫމަތު ލިބެއެވެ. އަދި 29 ވަނަ ދުވަހު ހާލަތު ގޯސްވެ، ބޯ އަނބުރާ، ހޮޑޮލެވޭ ގޮތްވެ، ނޭވާ ހާސްވި ކަމަށް ވެސް މައުލޫމާތު ލިބެއެވެ. 29 ވަނަ ދުވަހު ބަލި މީހާގެ ހާލަތު ގޯސްވެ ނެބިއުލައިޒް ކުރި އިރުވެސް، ހޮސްޕިޓަލުން ބަލި މީހާއަށް އަވަސް ފަރުވާ ދިނުން މުހިންމު ކަމަށް ދެކެފައި ނުވާ ކަމަށް އާއިލާގެ ފަރާތުން ވަނީ ތުހުމަތު ކޮށްފައެވެ.
ހޮސްޕިޓަލުން އޭނާއަށް ފަރުވާ ދިނުމަށް އަވަސް ވެގަތީ އެ ދުވަހު 5:30 ހާއިރު ފިޓުޖެހޭ ކަހަލަ ގޮތެއް ވެ، މީހާ ވެއްޓުމުންނެވެ. އޭނާ ނިޔާވީ އެދުވަހު 7:58 ހާއިރެވެ. ހޮސްޕިޓަލުގައި 5 ދުވަސް ވެފައި ވާއިރު، ސީރިއަސް ބަލި މީހަކަށް ފަރުވާ ނުދެވި މަރުވެފަ އިވާތީ އައިޖީއެމްއެޗުން އެ ކޭސްގައި އިހުމާލުވި މައްސަލަ ހޫނުވުމާއެކު އެ ހޮސްޕިޓަލުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ބަލިމީހާ އެންމެ ފުރަތަމަ ހޮސްޕިޓަލަށް ދައްކާފައި ވަނީ މި މޭ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. ޏ. ފުވައްމުލަކުން އައިޖީއެމްއެޗަށް އެ ކޭސް ރިފާ ކޮށްފައި ވަނީވެސް އެޑްވާންސް ކެންސަރު ކޭސް އެއްގެ ގޮތުގައި ކަމަށެވެ. އެއީ ކެންސަރުގެ ސީރިއަސް ދަރަޖައެކެވެ.
ކޮވިޑް-19ގެ ހާލަތު ދިމާވުމާއެކު، މިވަގުތު އާންމުކޮށް ދޭ ގިނަ ހިދުމަތްތަކެއް ހުއްޓާލާފައި ވީ ނަމަވެސް ލަސް ނުކޮށް އެ ކޭސްގައި ސީޓީ ސްކޭން ހަދާ ބަލި މީހާގެ ހަށިގަނޑުގައި ކެންސަރު ފެތުރިފައިވާ މިންވަރު ބަލާ އެފަދަ ކެންސަރު ފެތުރިފައި ވާނަމަ ދެން ދިމާވެދާނެ ކަންކަން އެ އާއިލާއަށް ކިޔާދީފައި ވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ފަރުވާގެ ކަންކަން ކުރިއަށް ދަނިކޮށް ބަލި މީހާ ނިޔާވެފައި ވަނީ ހޮސްޕިޓަލިގައި ފަރުވާ ދެމުން ދާތާ 2 ދުވަސް ފަހުން މިމަހުގެ 29 ނަމަ ދުވަހު ކަމަށްވެސް އެ ބަޔަނުގައި ވެއެވެ.
މީގެ އިތުރުން ވެސް އިހުމާލުގެ އެތައް މައްސަލައެއް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ހާދިސާތަކުގެ ތެރެއިން މިފަހުން ދެ ރަށަކާއި އޭޑީކޭގައި ކުއްޖަކު މަރުވި ހާދިސާ ހިމެނެއެވެ. އެއީ އއ ތޮއްޑުއާއި ށ. ނަރުދޫގައި އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައާއި އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ 7 މަހުގެ ކުއްޖަކަށް ފަރުވާ ދިނުމުގައި ލަސްވެ އެ ކުއްޖާ އޭނާގެ މަންމަގެ ކޮނޑުމަތީގައި އޮވެ މަރުވި ހާދިސާއެކެވެ.
އއ. ތޮއްޑޫގައި ހިނގި ހާދިސާގައި އެރަށުން މާބަނޑު އަންހެނަކު އެ އަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެންދިއުމަށް ހުއްދަ ލިބުމުގައި ލަސްތަކެއް ކުރިމަތިވެ އޭނާއަށް ފަރުވާ ލިބޭނެ ގޮތް ނުވުމުގެ ސަބަބުން ދަރިފުޅު ބަނޑަށް މަރުވީ ހުސްވި މަހުގެ 14 ވަނަ ދުވަހެވެ.
ހަމައެއާއެކު ށ. ނަރުދޫގައި މާބަނޑު އަންހެނަކު ވިހަން ދާނެ ހޮސްޕިޓަލެއް ހަމަނުޖެހި ލަސްތަކެއް ދިމާވެ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދެވުނު އިރު އޭނާގެ ދަރިފުޅު ބަނޑަށް މަރުވެފައި ވަނީ ހުސްވި މަހުގެ 25 ވަނަ ދުވަހެވެ. އޭޑީކޭގެ ހާދިސާ ހިގާފައި ވަނި ހުސްވި މަހުގެ 22 ވަނަ ދުވަހުއެވެ.
މި މައްސަލަތައް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ވައްދާފައެވެ.
ކޮވިޑް-19 ގެ މިހާލަތުގައި މުޅި ސިއްހީ ނިޒާމުގެ ލޯ ކޮވިޑަށް ހުސްވެ އިހުމާލުގެ އެތައް މައްސަލަތަކެއް ފެންމަތިވެފައި ވާއިރު، ކޮވިޑް-19 އަށް ސިއްހީ ނިޒާމުގެ ހާއްސަކޮށް އައިޖީއެމްއެޗުގެ ސަމާލުކަން މާ ބޮޑަށް ހުއްޓިފައި ވާތީ އެކަމާ ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.