ކަމެއް ދިމާވާއިރަށް ގާނޫނުއަސާސީއަށް ބަދަލު ގެންނަ ނަމަ އޭގެ ބޭނުމެއް ނެތް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މުނައްވަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަމެއް ދިމާވާ ކޮންމެ ފަހަރަކު ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް އަމަލު ނުކޮށް ގާނޫނުއަސާސީއަށް ބަދަލު ގެންނަ ނަމަ ގާނޫނުއަސާސީގެ ބޭނުމެއް ނެތް ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައި ވާއިރު، ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނެސް، އެ އިސްލާހު ފާސް ކުރުމަށް މިރޭ 1:30 ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ތާވަލު ކޮށްފައެވެ.

މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުންނެވެ. އެއާއެކު މިހާރު އިންތިހާބު ކުރެވިފައިވާ ކައުންސިލްތަކުގެ މުއްދަތު އަންނަ އަންގާރަ ދުވަހު ހަމަވާތީ އެކަމަށް ހައްލެއް ގެނައުމަށް، ގާނޫނު އަސާސީއަށް އިސްލާހު ގެންނަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.

އާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން، އިންތިހާބު ވަކި ތަރީހެއް ނެތްގޮތަށް ފަސްކުރަން ޖެހި، އަދި ލޯކަލް ކައުންސިލްތަކަށް ދިމާވާނެ ގާނޫނީ ހުސްކަމަށް ހައްލެއް ހޯދުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހެއް ވަނީ ގެންނަން ޖެހިފައެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ގާނޫނު އަސާސީ އިސްލާހު ކުރުމަށް މަޖިލީހުގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނަށް އެ އިސްލާހު ފާސްކުރުމާ މެދު އެއްބަސް ވުމަކަށް ވަޑައި ނުގެންނެވުމުން އެ އިސްލާހު ފާސްކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެހެންކަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ، ދެން މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތަށް ކޮމެޓީގެ ރިޕޯޓަށް އިސްލާހު ހުށަހެޅުމަށް މެންބަރުންނަށް ތިން ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހު، މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރަން ނިންމާފައެވެ.