ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާ ގޮތް މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީތަކުން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވިލިމާލެ ދާއިރާ މެންބަރު އަހުމަދު އުޝާމް އެދިވަޑައިގެންފިއެވެ.

އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ އިގްތިސޯދީ ކުރިއެރުން ހޯދުމަށް ހިންގާ މަޝްރޫއުތައް ހިންގަން ވާނީ ތިމާވެށި ރައްކާތެރި ކުރެވޭ ގޮތަކަށް ކަމުގައި ކަމަށެވެ. ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އެ އުސޫލުން ކަން ރައްޔިތުން މަޖިލިހުން ކަށަވަރުކުރާނެ ކަމަށްވެސް އުޝާމު ވިދާޅުވިއެވެ.

މަޖިލީހަށް އުޝާމް ހުށަހެޅުއްވި ސީޓިގައި ވިދާޅުވެފައި ވަނީ ގުލީފަޅު ޕޯޓް ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ވިލިމާލެއާ އިންވެގެންވާ ގުޅީފަޅުން ބިން ހިއްކުމަކީ ތަރައްގީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށާއި ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް ކުރަންވާނީ ތިމާވެއްޓަށް ލިބޭނެ ގެއްލުން ކުޑަ ކުރެވޭނެ ގޮތަކަށް ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ސަބަބުން ވިލިމާލޭގެ ހުޅަނގު ދެކުނު ފަރާތުގެ ފަޅަށް ވަރަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށާއި ގުޅީފަޅު ކޮންނަން ފެށިފަހުން ވިލިމާލޭ ފަރުމައްޗަށް ކިސަޑު ޖަމާވަމުން އަންނަކަން އުޝާމް ފާހަގަކުރެއްވިއެވެ.

އުޝާމް އިތުރަށް ވިދާޅުވީ، އެހެން އެކަން ވާނެކަން އެނގިހުރެ އެކަމާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ތަފާތު ފިޔަވަޅުތައް އެޅުމަށް އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ. ނަމަވެސް ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ނެދަލެންޑްސްގެ ބޮސްކާލިސް ވެސްޓްމިންްޓާ ކޮންޓްރެކްޓިން ކުންފުނީގެ ފަރާތުން އެ މަޝްރޫއު ހިންގަނީ ރައްކާތެރިކަމުގެ ނާޅައި ކަމުގައި އުޝާމު ވިދާޅުވިއެވެ. އަދި އެގޮތަށް މަސައްކަތްކުރުމުގެ ސަބަބުން ވިލިމާލެ ފަރަށް އިއާދަނުކުރެވޭ މިންވަރުގެ ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ކަމުގެ ތަޖުރިބާކާރުން ލަފާދެއްވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް / ޓްވިޓާ

މީގެ އިތުރުން އުޝާމް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކަކީ ގާނޫނު އަސާސީގެ 22 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަންކަން ނުކުރާތީ ލިބޭ ގެއްލުންތަކެއް ކަމަށެވެ. އަދި މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީތަކުން މިމައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އުޝާމު އެދިވަޑައިގެންފައިވެއެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު އިން ތިމާވެއްޓަށް ކުރާނެ ނޭދެވޭނެ އަސަރުތަކާ ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޖަމިއްޔާއެއްކަމަށްވާ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ވެސް ވަނީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ފުރަތަމަ ގުޅީފަޅު ހިއްކާފައިވަނީ 10 ހެކްޓަރަށް 2010 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު 2013 ވަނަ އަހަރު އިތުރު 20 ހެކްޓަރު ހިއްކާފައިވެއެވެ. މިހާރު ކުރިއަށްދާ ޕްރޮޖެކްޓުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ފަޅުން ގާތްގަނޑަކަށް 192 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. ގުޅީފަޅު ހިއްކަން ވެލި ނަގަން ހަމަޖެހިފައި ވަނީ ގުޅީފަޅުން ފެށިގެން މާލެއާ ހަމައަށް އޮތް ކަނޑުގެ 13.75 އަކަ ކިލޯމީޓަރުގެ ސަރަހައްދަކުންނެވެ.