މުޅި ދުނިޔެ ހުއްޓުމަކަށް ގެނެވު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން އިނދަޖެހިފައިވާ އިގުތިސޯދުތައް ނެގެހެއްޓުމަށް އިސްލާމިކް ފައިނޭންސިންގްގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް، ރޭޓިންގް އޭޖެންސީ، ސްޓޭންޑަޑް އެންޑް ޕުއާއިން ބުނެފިއެވެ.

ސްޓޭންޑަޑް އެންޑް ޕުއާގެ އިސްލާމިކް ފައިނޭންސްގެ ގްލޯބަލް ހެޑް އަދި ޑައިރެކްޓާ އޮފް ރިސާޗް މުޙައްމަދު ދަމާކު ވިދާޅުވީ، އިސްލާމިކް ފައިނޭންސްއަކީ ޝަރީއާގެ އަމާޒުތަކާ އެއްގޮތަށް ރުކުރުވާލެވިފައިވާ އުސޫލުތަކެއް ކަމަށެވެ. އަދި މިކަންކަން ފަރުމާކުރެވިފައިވަނީ ގަބޫލުކުރުންތަކާ، ދިރިއުޅުމާ، މާލިއްޔަތާ، އަބުރުވެރިކަން އިސްކޮށްގެންކަންވެސް ސްޓޭންޑަޑް އެންޑް ޕުއާގެ ރިޕޯޓްގައި ދަމާކް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އިސްލާމިކް ފައިނޭންސްގެ އަމާޒުތަކަކީ ވެއްޓާ، އިޖުތިމާއީ އަދި ވެރިކަން ހިންގުމުގެ އުސޫލުތަކަށްވެސް ބަލާ އުސޫލުތަކެއް ކަމުން ދެމެހެއްޓިނިވި ފައިނޭންސިންގް ޕްލޭންއަކަށްވެސް އެކަށީގެންވާކަމަށް ދަމާކް ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް، އިސްލާމިކް ފައިނޭންސްގެ އުސޫލުތައް ގެންގުޅޭ ގައުމުތަކަށް މިކަމުގެ ފައިދާ ބޮޑު ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުތަކުގެ އިގުތިސޯދުތައް ވަނީ އަޑިއަޅާލާފައެވެ. މީގެ ތެރޭގައި އިސްލާމިކް ފައިނޭންސިންގްގެ އުސޫލުތައް މިހާރުވެސް ގެންގުޅޭ ގަލްފް ކޯޕަރޭޝަން ކައުންސިލްގެ މެމްބަރު ގައުމުތައް ހިމެނޭއިރު، އިސްލާމިކް ފައިނޭންސްގެ ސަބަބުން މި ގައުމުތަކަށްވެސް ބޮޑު އެހީއެއް ލިބިގެންދާނެކަން ސްޓޭންޑަޑް އެންޑް ޕުއާއިންވަނީ ފާހަގަކޮށްފައެވެ.