އިންޑިއާގެ އުތުރުގެ ސަރަހައްދަށް ހަފުތާ ބަންދުގައި ކުރި ގަދަ ވިއްސާރައިގެ ކޮޅިގަނޑުގައި، ދުނިޔޭގެ 7 އަޖައިބުގެ ލިސްޓުން ޖާގަ ހޯދާފައިވާ އިންޑިއާގެ ފަހްރު ކަމަށްވާ ތާޖް މަހަލްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އޮފިޝަލުން ހާމަކުރައްވައިފިއެވެ.

އެ ގޮތުން، މައި ދޮރޯށީގެ އިތުރުން 5 މުންނާރުގެ ތިރިން ދުވާ ރެއިލިންގްއަށްވެސް ގެއްލުން ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި ދަނޑިވަޅަކީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އިންޑިއާއިން ތަންފީޒު ކުރަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މި މަގުބޫލު މަންޒިލްވެސް ބަންދުކޮށްފައިވާ ދަނޑިވަޅެކެވެ.

އިންޑިއާގެ ފަޚްރުގެ ގޮތުގައި ސިފަކުރަމުން އަންނަ ތާރީޚީ ބިނާ 'ތާޖް މަހަލް' އަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި/ފޮޓޯ: ނިއުސްޑް

އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާގެ ސުޕްރިންޓެންޑިންގް އާކިއޮލޮޖިސްޓް ވަސާންތް ކުމާރު ސްވާންކާރު ވިދާޅުވީ، ތާޖް މަހަލްގެ އެންމެ އާސާރީ ބައިތަކުގެ ތެރެއިން ހިމެނޭ ހިރިގަލުގެ ރެއިލިންގްއެއް ހަލާކުވެފައިވާކަމަށެވެ. މީގެ އިތުރުން ސަންގުމަރުމަރު ހިލައިގެ ރެއިލިންގްއަކާ، ފަތުރުވެރިން މަޑުކޮށްލުމަށް އޮތް ސަރަހައްދުގައި ފަހުން އެޅި ސީލިންގްއާއި މައި ދޮރޯށީގެ ބިންގަލަށްވެސް ގެއްލުންތަކެއް ވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ފަޚްރުގެ ގޮތުގައި ސިފަކުރަމުން އަންނަ ތާރީޚީ ބިނާ 'ތާޖް މަހަލް' އަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި/ފޮޓޯ: އިންޑިއާ ގްލޯބަލް ނިއުސް

1631 ވަނަ އަހަރު އަވަހާރަވި މުމްތާޒް މަހަލްގެ ހަނދާނުގައި މުގަލް އެމްޕަރާ ޝާހް ޖަހާޏް ބިނާކުރެއްވި ލޯބީގެ ރަމްޒީ ގަނޑުވަރުގެ ސްޓްރަކްޗާއަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް ސްވާންކާރު ވަނީ ވިދާޅުވެފައެވެ.