ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަވަށްޓެރި އިންޑިއާގައި ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ބައެއް ސްޓޭޓްތަކާ ޓެރިޓަރީތަކުން ލުއި ދޭން ފަށައިފިއެވެ.

މިއަދުން ފެށިގެން ތަންފީޒުކުރާ ބައެއް ބަދަލުތައް

  • ރޭގަނޑު 07:00 އިން ފަތިހު 07:00 އަށް އިއުލާންކޮށްފައިވާ ކާފިއުގެ އަމުރަށް ބަދަލު ގެނެސް، ގައުމީ ފެންވަރުގައި ކާފިއު ތަންފީޒު ކުރާނެ ވަގުތަކީ ރޭގަނޑު 09:00 އިން 05:00
  • ސްޓޭޓްގެ ތެރޭގައި އަދި އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރު ކުރުމުގެ ފުރުސަތު ދިނުމާ މެދު ގާނޫނީ ހައިސިއްޔަތުން ޖާގަދޭ މިންވަރަކުން ގޮތް ނިންމުމަށް މައި ސަރުކާރުން ސްޓޭޓް އަދި ޔޫނިއަން ޓެރިޓަރީ ތަކަށް ހުއްދަ ދިނުން

ކަންމިހެން އޮތް ނަމަވެސް، ކޮންޓެއިންމަންޓް ޒޯން ނުބަތަ ބަލިމަޑުކަން އެންމެ ނުރައްކާ ދަރަޖައަކަށް ފެތުރެމުންދާ ސަރަހައްދުތައް މިމަހުގެ 30ގެ ނިޔަލަށް އޮންނާނީ ލޮކްޑައުން ކޮށްފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާއިން ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދިނުމުގެ މަރުހަލާ ނުވަތަ އިންޑިއާއިން މުހާތަބު ކުރާ ގޮތަށް ދަންނަވަނީނަމަ 'އަންލޮކް-1'ގެ ރަސްމީ ޕްލޭން ތަންފީޒު ކުރަން ފަށާނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. މި މަރުހަލާ ވެގެންދާނީ އަޅުކަން ކުރަން ބޭނުންކުރާ ތަންތަނާ، ހޮޓާ، ރެސްޓޯރަންޓް، ޝޮޕިންގް މޯލް އަދި ހޮސްޕިޓާލިޓީ ހިދުމަތްތަކާ ގުޅޭ ތަންތަން އާންމުކޮށް ހުޅުވާލެވިގެންދާނެ މަރުހަލާއަށެވެ.

ތައުމީލާ ތަމްރީނުދޭ މަރުކަޒުތަކާ، ކޯޗުކޮށްދޭ މަރުކަތަޒުތައް، ސްކޫލް އަދި ކޮލެޖްތައްވެސް ހިމެނޭ ގޮތަށް ހުޅުވާނީ 2 ވަނަ މަރުހަލާގައެވެ. އަދި މިކަން ކުރާނީ ސްޓޭޓްތަކާ ޔޫނިއަން ޓެރިޓަރީތަކާ މަޝްވަރާ ކުރުމަށް ފަހުގައެވެ.

3 ވަނަ މަރުހަލާއަކީ ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކާ، މެޓްރޯ ރޭލު ސްޓޭޝަންތަކުގެ ހިދުމަތްތައް ފެށުމުގެ އިތުރުން ފިލްމު ބަލާ ތިއޭޓަރުތަކާ، ޖިމް އަދި ފަތާ ފެންގަނޑުތަކާ ޕާކްއާއި ޖަލްސާ ކުރާ މާލަންތައް ހުޅުވާ މަރުހަލާއެވެ.

2 ވަނަ އަދި 3 ވަނަ މަރުހަލާ ތަންފީޒުކުރަން ފަށާނެ ވަކި ތާރީހެއް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ލޮކްޑައުން ފިޔަވަޅުތަކަށް އިންޑިއާއިން ލުއި ދޭން ފަށާފައިވާ މި ދަނޑިވަޅަކީ އިންޑިއާއިން ކޮވިޑް-19ގެ ކޭސްތައް ރިޕޯޓް ކުރާ މިންވަރު، ރެކޯޑް އަދަދަކަށް އިތުރުވެފައިވާ ދަނޑިވަޅެކެވެ. އެގޮތުން އިއްޔެވެސް 24 ގަޑިއިރުގެ ތެރޭގައި 8380 ކޭހެއް ރިޕޯޓްކޮށް، ރެކޯޑް އާ ކުރިއެވެ.

އަދާ ހަމައަށް އައިއިރު އިންޑިއާއިން 190000 އަށްވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެ، 5400 އަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައިވާކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީއިން އެއްކޮށްފައިވާ މައުލޫމާތުން ދައްކައެވެ.