ގައިދުރުނުކުރާ ނަމަ ޖެހޭނީ ލޮކްޑައުންއަށް ދާން ކަމަށް ބުނެ އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް އިންޒާރު ދެއްވައިފިއެވެ.

މަބްރޫކް ވިދާޅުވީ، ގެއިން ބޭރަށް ނިކުންނަ ނަމަ މާސްކު އަޅައިގެން ނިކުތުމަށް އިރުޝާދު ދީފައިވީ ނަމަވެސް ލޮކްޑައުންއަށް ލުއި ދިންތާ ދެވަނަ ދުވަހާ ހަމައަށް އައިއިރު، އެގޮތަށް އަމަލު ކުރުން މަދުވެފައި ވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ކުޑަކުދިން ގޮވައިގެން ވެސް ބައެއް ފަރާތްތަކުން މަގުމައްޗަށް ނިކުންނަ ކަން ފާހަގަ ވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް މިހެން ވިދާޅުވެފައި ވާއިރު، ލޮކްޑައުންއަށް ލުއި ދިނުމާ ގުޅިގެން ފިހާރަތައް މިހާރުވެސް ދަނީ ތޮށްޖެހެމުންނެވެ. އަދި މަގުމަތީގައި މީހުން އުޅޭ އަދަދު ވެސް ވަނީ އިތުރު ވެފައެވެ.

މަބްރޫކް ވިދާޅުވީ އަނބުރާ ލޮކްޑައުންއަށް ނުގޮސް، ލުއި ފަސޭހަ ވަން ބޭނުން ވިޔަސް އެކަމުގައި ކުރަން ޖެހޭ މަސައްކަތުގައި ބައެއް ފަހަރު މީހުން ފަރުވާ ކުޑަކަން ފާހަގަ ކުރެވޭ ކަމަށެވެ. މަބްރޫކް ވިދާޅުވީ މި ދެކަންތައް އެއްފަހަރާ ނުވާނެ ކަމަށާއި، ވާނީ ކޮންމެވެސް އެއް ކަމެއް ކަމަށެވެ.

އެއީ މިހާރު ފަސޭހަ ކޮސްފަ މާސްކު ނާޅާ ނުކުމެ އުޅެފަ އަނެއްކާ ލޮކްޑައުންއަށް ދިއުން ނުވަތަ ރަނގަޅަށް ގައިދުރުކުރުމުގެ ކަންތަކާ ސިއްހީ މާހިރުންގެ ލަފައާ އެއްގޮތަށް ކަން ކުރަމުން ގޮސްވީ އެންމެ އަވަހަކަށް މިކަމުން ސަލާމަތްވުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ އެހެން ގައުމުތަކުގައި މިފަދަ ހާލަތްތައް ދިމާވީ، ބަލި އައިއިރު މި ބައްޔަކީ މާ ބޮޑު ކަމަކަށް ނަހަދާ ސީރިއަސް ނުވުމުން ކަމަށެވެ. އަދި ރާއްޖެ މިކަމުން އަރައިގަންނަން ބޭނުން ނަމަ ގައުމުތަކުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ރާއްޖެ ލޮކްޑައުން ކޮށްފައިވާއިރު، ލޮކްޑައުންއަށް 6 ހަފްތާ ފަހުން ވަނީ ލުއި ތަކެއް ދިނުމަށް ނިންމާފައެވެ. އެގޮތުން މި ލުއިތައް ދިނުމަށް ނިންމާފައި ވަނީ ފިޔަވަހި ތަކަކަށް ބަހާލައިގެންނެވެ.