ފުރަބަންދު ނިމެންދެން މަންމަގެ އައިޑީކާޑުން އަލަށް ވިހާ ތުއްތު ދަރިފުޅަށް ހިދުމަތް ދެވޭނެ ކަމަށް އާސަންދައިން ބުނެފިއެވެ.
ކޮވިޑް-19ގެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިން ބުނީ، ކޮވިޑް-19ގެ ސަބަބުން ފުރަބަންދު ނިމެންދެން މަންމަގެ އައިޑީކާޑުން އަލަށް ވިހާ ތުއްތު ދަރިފުޅަށް ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް ކުރިން މަންމަގެ އައިޑީކާޑުން ދަރިފުޅަށް ހިދުމަތް ދިނީ 28 ދުވަހަށެވެ.
މަންމަގެ އައިޑީކާޑު ބޭނުންކޮށްގެން އަލަށް ވިހާ ދަރިފުޅަށް ހިދުމަތްދޭ ގޮތަށް ނިންމާފައި ވާއިރު، ކޮވިޑް-19ގެ ސަބަބުން މި ދަނޑިވަޅުގައި އައިޑީކާޑު އަތުގައި ނެތްނަމަ އައިޑީކާޑުގެ ފޮޓޯއެއް ހުށަހަޅައިގެން އާސަންދައިގެން ހިދުމަތް ލިބޭނެ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.
މި ހާލަތުގައި ބަލި މީހާގެ އައިޑީކާޑު އަތުގައި ނެތިއްޖެ ހާލަތެއްގައި، އައިޑީ ކާޑުގެ ކޮޕީ ނުވަތަ ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީކާޑު ނަންބަރު ފެންނަން އޮންނަ ލިޔުމެއް ހުށަހަޅައިގެން އާސަންދަ ހިދުމަތް ހޯދޭނެ ކަމަށް އާސަންދައިން ވަނީ މީގެ ކުރިން ބުނެފައެވެ.
މީގެއިތުރު އައިޑީކާޑު، ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑް ފަދަ ލިޔުމެއްގެ ފޮޓޯ ހުށަހަޅައިގެން އާސަންދަ ހިދުމަތް ލިބޭނެ ކަމަށްވެސް އާސަންދައިން ބުނެއެވެ. އާސަންދައިން ހިދުމަތް ދޭއިރު މި ގޮތަށް ހުށަހެޅޭ ޑޮކިއުމަންޓްތައް އާސަންދަ ޕޯޓަލްއިން ޗެކްކޮށް ވެރިފައި ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މީގެ ކުރިން އާސަންދައިގެ ހިދުމަތް ހޯދާ ފަރާތްތަކުން އައިޑީކާޑު ހުށަހަޅަން ޖެހެއެވެ. ނަމަވެސް މި ދުވަސްވަރު ކޮވިޑް-19ގެ ސަބަބުން ސަރުކާރު ބަންދުކޮށްފައިވާތީ، އައިޑީކާޑުގެ މުއްދަތު ހަމަވާ ފަރާތްތައް ނުވަތަ ގެއްލިފައިވާ ފަރާތްތަކަށް އެ ކާޑު އާ ކުރުމުގައި ދަތިތަކެއް ވަނީ ދިމާވެފައެވެ. އަދި އަލަށް ވިހާ ތުއްތު ކުދިންނަށް ވެސް އާ އައިޑީ ކާޑެއް މި ދުވަސްވަރު ނުހެއްދޭނެއެވެ.