ބޭރަށް ނިކުންނަ އިރު އައިޑީކާޑު ގެންދިއުމަށް ހަނދާން ބެހެއްޓުމަށް ޑރ. އިބްރާހިމް އަފްޒަލް އިރުޝާދު ދެއްވައިފިއެވެ.

ކޮވިޑް-19ގެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، ބޭރަށް ނިކުންނަ އިރު ނިކުންނަން ވާނީ އައިޑީކާޑު ހިފައިގެން އަދި މާސްކް އަޅައިގެން ކަމަށެވެ. އައިޑީކާޑު ގެންދަންވީ އެކްޓިވް ސާވިލިއަންސްގެ ތެރެއިން ސާމްޕަލްއެއް ނަގަން ޖެހިދާނެތީ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ގެތަކުން ޝައްކު ކުރެވޭ މީހާ ގެންދިއުމަށްފަހު ގޭގައި ތިބޭ އެހެން މީހުންގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެގޮތަށް ދާއިރު، ގޭގެ ތިރިއަށް ދިއުމުގައި މާސްކު އެޅުމަށް ޑރ. އަފްޒަލް ވަނީ ހަނދާން ކޮށްދެއްވާފައެވެ.

ކޮވިޑް-19ގެ ކޭސްތައް ގިނަވުމާ ގުޅިގެން ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ސާމްޕަލް ނަގަން ޖެހޭ ފަރާތްތަކުގެ ސާމްޕަލް ނެގުމަށް އެ ފަރާތެއް އުޅޭ ގެއެއްގެ ތިރީ ފްލޯއަށް ދިއުމަށް އާރްއާރްޓީން އެދެއެވެ. އާރްއާރްޓީން ކުރިން ބުނެފައިވާ ގޮތުގައި މިހެން ތިރިއަށް ފޭބޭ ފަރާތްތަކަށް ތިރިއަށް ދިއުމުގައި އެއްވެސް ޝަކުވާއެއް ނެތެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން 1773 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި 453 މީހަކު ޖުމްލަ މި ބަލިން ރަނގަޅުވެފައިވާއިރު، 5 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިހާތަމަށް ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނަގާފައި ވަނީ 24337 ސާމްޕަލްއެވެ. މީގެ ތެރޭގައި އެކްޓިވް ސާވިލިއެންސްގެ ތެރެއިން ނަގާ ރެންޑަމް ސާމްޕަލްތައް ވެސް ހިމެނެއެވެ.