އައްޑޫ އަދި ކުޅުދުއްފުށީގައި އޮކްސިޖަން ޕްލާންޓް ގާއިމް ކުރަން ނިންމައިފިއެވެ.
ކޮވިޑް-19ގެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އައްޑޫ އަދި ކުޅުދުއްފުށީގައި އޮކްސިޖަން ޕްލާންޓް ގާއިމްކުރުމަށް ނިންމާފައިވާއިރު، އައްޑޫގައި މިހާރުވެސް އޮކްސިޖަން ޕްލާންޓެއް އެބަހުރި ކަމަށެވެ. އަދި އެއަށް ބޭނުންވާ ބޫސްޓާ މިހާރު ގަނެފައިވާ ކަމަށާއި، ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އައްޑޫ އަދި ކުޅުދުއްފުށީގައި އޮކްސިޖަން ސިލިންޑަރުތައް ރިފިލް ކުރެވޭނެ އިންތިޒާމްތައް މިހާރު ކުރިއަށްދާ ކަމަށެވެ. މިއީ ރާއްޖޭގެ އުތުރު، ދެކުނު އަދި މާލެއިން އޮކްސިޖަން ރީފިލް ކުރުމުގެ ކެޕޭސިޓީ ގާއިމް ކުރުމަށް ކުރިއަށްދާ މަސައްކަތެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19ގެ ބަލި މީހުން ބެލުމަށްޓަކައި ރާއްޖޭގައި ރީޖަނަލް ކޮވިޑް ފެސިލިޓީތަކެއް ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ. ބ.އޭދަފުށި، ށ.ފުނަދޫ، ހއ.އިހަވަންދޫ، ގއ.ވިލިނގިލި އަދި ލ.ގަމުގެ އިތުރުން އައްޑޫ އަދި ފުވައްމުލަކުގައި މި ފެސިލިޓީތައް ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މިތަންތަނުގެ ސިވިލް މަސައްކަތްތައް އެއްކޮށް ނިމިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ފެސިލިޓީތަކަށް ބޭނުންވާ ބެކަޕް ޖެނެރޭޓަރުތައް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ދެ ފިޔަވައްސަކަށް ބަހާލައިގެން މިތަންތަނަށް ބޭނުންވާ އާލަތްތައް ފޮނުވުމުގެ މަސައްކަތް ފަށާފައިވާއިރު، އުތުރުގެ އަތޮޅުތަކަށް މިހާރު ވަނީ ސިއްހީ އާލާތްތައް ފޮނުވާފައެވެ. މިތަކެތި ފޮނުވުމުގެ މަސައްކަތް ކުރަނީ އެސްޓީއޯގެ ޑެލިވަރީ އުޅަނދުތައް މެދުވެރިކޮށެވެ.
އަންނަ މަހު 15 ވަނަ ދުވަސް އަންނަން ވާއިރަށް މި ހުރިހާ ފެސިލިޓީއެއް ވެސް މަސައްކަތް ނިމި ހިދުމަތް ދޭން ތައްޔަރު ވާނެ ކަމަށް ލަފާކުރެވޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.