ރާއްޖެއިން 101 މީހަކު ޕޮޒިޓިވް ވެ ޖުމްލަ 1773 އަށް އަރައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު 1773 އަށް އަރާފައިވާ ކަމަށެވެ. ރޭ ޕްރެސް އަށް ފަހު މިރޭ 6:00 އާ ހަމައަށް މި ބައްޔަށް 101 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިރޭ ޕޮޒިޓިވްވި 101 މީހުންގެ ތެރެއިން 79 މީހުންނަކީ އެއް ކްލަސްޓާއަކުން ފެނިފައިވާ މީހުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ. އަދި ޑރ. އަފްޒަލް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި 101 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 72 މީހުންނާއި އިންޑިއާގެ 21 މީހަކާއި 8 ދިވެހިން ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 1773 އަށް އަރާފައިވާ އިރު އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބި މީހުންގެ އަދަދަކީ 1313 ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓެ ޓްރޭސިންގް ބަލަމުން ދާއިރު ކޮންޓެކްޓެ ޓްރޭސިންގެ ގޮތުގައި 1132 މީހުން ހޯދިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާރު ކޮވިޑް އާ ގުޅިގެން ކަރަންޓީން ފެސިލިޓީތަކުގައި ތިބީ ޖުމްލަ 1403 މީހުންނެވެ. އައިސޮލޭޝަން ފެސިލިޓީގައި ތިބީ ޖުމްލަ 1259 މީހުންނެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 453 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.