ޒުވާނުންނާއި ކުޑަކުދިން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުހެލި ކުރުމަށް ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާ ކުރުމަށް މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީން ގޮވާލައްވައިފިއެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު އަމީން ވިދާޅުވީ، މިފަދަ ދުވަހަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ސިއްހަތަށް ގެއްލުންވާ ބޮޑު ކަމަކުން ސަލާމަތްވުމަށް އަޒުމު ކަނޑައަޅާ އެކަމުން ސަލާމަތް ވުމަށް މަސައްކަތް ފަށައިގަންނަން އެންމެ ރަނގަޅު ދުވަސް ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އިންސާނާގެ ސިއްހަތަށް ލިބޭ ގެއްލުމާއި އިގްތިސޯދީ ގޮތުން ލިބޭ ގެއްލުމާއި އިޖުތިމާއީ ގޮތުން ކުރިމަތިވާ ގޮންޖެހުތަކަކީ ދެބަސްވުމަށް ފުރުސަތު އޮތްކަމެއް ނޫން ކަމަށް އަމީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދުންފަތުގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތައް މެދުކެނޑުމެއް ނެތި ސަރުކާރުން ކުރަމުން ގެންދާނެ ކަމަށެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ މި އަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރަމުންދާއިރު މުޅި ދުނިޔެ ތަހައްމަލު ކުރަމުން މިގެންދަނީ ކޮވިޑް-19ގެ ނުރައްކާތެރި ސިއްހީ މުސީބާތުގެ ގިލަންވެރިކަން ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖޭގެ ސަރުކާރުން ކުރަމުންދާ މަސަތްކަތުގެ ތެރެއިން މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ވަނީ މަނާކޮށްފައެވެ. އަދި ން ސިނގިރޭޓު ވަކިން ވިއްކުން ވަނީ މަނާކޮށްފައިވާއިރު، ސިނގިރޭޓު ފޮށީގެ ބޭރުގައި މީގެ ކުރިން ލިޔާ އިންޒާރުގެ މެސެޖުގެ އިތުރުން މިހާރު ސިނގިރޭޓު ފޮށީގެ ބޭރުގައި ދުންފަތުން ލިބޭ ގެއްލުން ތައް ފެންނަ ފޮޓޯ އެއްވެސް ވަނީ ހިމަނާފައެވެ.
ދުންފަތުގެ އިސްތުމާލު ކުރުމުން ޖެހޭ ބަލި ތަކުގެ ތެރޭގައި ފުއްޕާމެއަށް ކެންސަރު ޖެހުމާއި، ތަފާތު ހިތުގެ ބަލިތައް ޖެހުމާ، ސްޓްރޯކް ޖެހުމުގެ އިތުރުން އަންހެނާގެ ދަރިމައިވުމުގެ ނިޒާމަށް ގެއްލުންވުން ހިމެނެއެެވެ. ސިއްހީ މާހިރުން ބުނާގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހާއަށްވުރެ ބޮޑަށް އޭނާގެ ކައިރީގައި ހުންނަ މީހާއަށް އޭގެ އަސަރު ކުރާނެއެވެ.