ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މީހުން ކަރަންޓީން ކުރުމަށް އަމިއްލަ އިމާރާތްތައް ބަދަލު ދޭ ގޮތަށް ދައުލަތާ ހަވާލުކުރަން އެންގުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

ހެލްތް މިނިސްޓްރީން އިއްޔެ އެކުލަވާލާފައި ވާ އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީން ކުރުމުގެ މަރުކަޒުތަކުގެ ގަވާއިދުގައިވާ ގޮތުން ނުރައްކާތެރި ބަލިތަކާ ގުޅިގެން މީހުން ކަރަންޓީން ކުރާނެ މަރުކަޒުތައް ކަނޑައަޅާނީ ހެލްތް މިނިސްޓަރެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީން ކުރުމަށް މީހެއްގެ އަމިއްލަ އިމާރާތެއް ކޮންމެހެން ބޭނުންވެއްޖެ ނަމަ، ސަރުކާރާ ހަވާލުކުރަން އެންގުމުގެ ބާރު މިނިސްޓަރަށް ލިބިގެންވާ ކަމަށް އެ ގަވާއިދުގައި ވެއެވެ.

އަދި އެފަދަ ތަންތަން ސަރުކާރާ ހަވާލު ކުރުމަށް އެންގޭނީ ގިނަވެގެން އެއް އަހަރުގެ މުއްދަތަށް ކަމަށާއި އެފަދަ ތަންތަން ބޭނުންކުރާ މުއްދަތުގައި ސަރުކާރުން ބަދަލު ދޭންޖެހޭނެ ކަަމަށް ވެސް އެ ގަވާއިދުގައި ވެއެވެ. އެގޮތުން އެފަދަ އިމާރާތެއް ބޭނުން ކުރުމަށް ފަހު، އެތަނެއް ބޭނުންކުރި މުއްދަތަށް ބަދަލު ދޭނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ.

ހަމައެއާއެކު، މީހުން ކަރަންޓީން ކުރުމަށް އަމިއްލަ ފަރާތެއްގެ އިމާރާތެއް ސަރުކާރަށް ހަވާލުކުރަން އަންގާ އެންގުމަކަށް އެތަނެއްގެ ވެރި ފަރާތުން ދެކޮޅު ހަދައިފިނަމަ، އެތަނެއް ހޯދުމުގެ ކޯޓު އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެއެވެ. އަދިި އެގޮތަށް އިމާރާތެއް ހޯދަން ޖެހޭނީ އެތަނެއްގައި ބަޔަކު ދިރިއުޅޭ ނަމަ، އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ހަމަޖައްސައި ދިނުމަށް ފަހު ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ.

މީގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީން ކުރާ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރާއި ލިބެންޖެހޭ ހިދުމަތްތައް ވެސް އެ ގަވާއިދުގައި ކަނޑައަޅާފައި ވެއެވެ. އަދި އެ ތަންތަނުގައި މީހުން ބޭތިއްބުމާއި އަނބުރާ ފޮނުވާލުމުގައި އަމަލު ކުރަންޖެހޭ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) ދެ މަސް ތެރޭގައި ހަދަން ޖެހޭނެ ކަމަށާއި އަދި ކުއްލި ނުރައްކަލުގެ ހާލަތެއް ނެތީސް، މީހުން ކަރަންޓީން ކުރަން ޖެހިއްޖެ ނަމަ އަމަލު ކުރަންޖެހޭ އުސޫލުތައް ތިން މަސް ތެރޭގައި ހަދަންޖެހޭ ކަމަށް އެ ގަވާއިދުގައި ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެ ބަލި ޖެހޭ މީހުންނާއި، ހައިރިސްކް ކޮންޓެކްޓުންނާއި ބަލީގެ އަލާމާތް ހުންން ފަރާތްތަކުގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ މީހުން ގެންދަނީ ކަރަންޓީން ކުރަމުންނެވެ. މިހާރު މީހުން ކަރަންޓީން ކުރަމުން އަންނަނީ ރިސޯޓްތަކާއި ބައެއް ރަށްރަށުގައި ސަރުކާރުން އަމިއްލައަށް ގާއިމް ކޮށްފައިވާ ކަރަންޓީން މަރުކަޒުތަކުގައެވެ.