ކެންސަރު ބަލީގެ ފަރުވާ ނުލިބި މަރުވި މީހަކާ ގުޅިގެން އާއިލާއިން ކުރި ކަމަށް ބުނާ ތުހުމަތުތަށް އައިޖީއެމްއެޗުން ދޮގުކޮށްފިއެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ބަލިމީހާގެ ހާލަތު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށާއި ފަރުވާ ނުލިބި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮންނަތާ 6 ދުވަސް ވެފައިވާ ކަމަށް ބުނެ މީޑިއާގައި ރިޕޯޓް ކޮށްފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށެެވެ.
އެ ހާދިސާގެ ކަން ހިނގާ ދިޔަ ގޮތް ތަފްސީލުކޮށް އެ ބަޔާނުގައި ބުނެފައި ވަނީ ބަލިމީހާ އެންމެ ފުރަތަމަ ހޮސްޕިޓަލަށް ދައްކާފައި ވަނީ މި މޭ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. ޏ. ފުައްމުލަކުން އައިޖީއެމްއެޗަށް އެ ކޭސް ރިފާ ކޮށްފައި ވަނީވެސް އެޑްވާންސް ކެންސަރު ކޭސް އެއްގެ ގޮތުގައި ކަމަށެވެ. އެއީ ކެންސަރުގެ ސީރިއަސް ދަރަޖައެކެވެ.
ކޮވިޑް-19ގެ ހާލަތު ދިމާވުމާއެކު، މިވަގުތު އާންމުކޮށް ދޭ ގިނަ ހިދުމަތްތަކެއް ހުއްޓާލާފައި ވީ ނަމަވެސް ލަސް ނުކޮށް އެ ކޭސްގައި ސީޓީ ސްކޭން ހަދާ ބަލި މީހާގެ ހަށިގަނޑުގައި ކެންސަރު ފެތުރިފައިވާ މިންވަރު ބަލާ އެފަދަ ކެންސަރު ފެތުރިފައި ވާނަމަ ދެން ދިމާވެދާނެ ކަންކަން އެ އާއިލާއަށް ކިޔާދީފައި ވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ފަރުވާގެ ކަންކަން ކުރިއަށް ދަނިކޮށް ބަލި މީހާ ނިޔާވެފައި ވަނީ ހޮސްޕިޓަލިގައި ފަރުވާ ދެމުން ދާތާ 2 ދުވަސް ފަހުން މިމަހުގެ 29 ނަމަ ދުވަހު ކަމަށްވެސް އެ ބަޔަނުގައި ވެއެވެ.
ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އެއްވެސް ބަލިމީހެއް ނިޔާވުމަކީ ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން މުވައްޒަފުންނަށްވެސް ހިތާމައެއް ކުރިމަތިވާ ކަމެއް ކަމަށާއި އާއިލާއަށް ދިމާވެފައިވާ މި ހިތްދަތި ވަގުތުގައި ހޮސްޕިޓަލުން ބައިވެރިވާ ކަމަށް އެ ހޮސްޕިޓަކުން ބުނެއެވެ.
މިފަދަ ނާޒުކު މައްސަލަ ތަކުގައި ހަގީގަތް އޮޅޭ ގޮތަށް ހޮސްޕިޓަލުގެ ބަހެއް ލިބުމުގެ ކުރިން ހަބަރު ފެތުރުމަކީ ހިތާމަކުރާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
އައިޖީއެމްއެޗުން މިފަދަ ބަޔާނެއް ނެރުނު އިރު، މި މައްސަލައާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް ހޯދުމަށް ގުޅައިގެން އިއްޔެއާއި މިއަދުވެސް މައުލޫމާތު ދޭނެ އެއްވެސް މީހަކު ނުވިކަން ފާހަގަ ކުރަމެވެ. އައިޖީއެމްއެޗްގެ މީޑިއާ ނަންބަރަށް ގުޅުމުން، އެހެން ނަންބަރަކަށް ގުޅަން ބުނުމާއި ޖަވާބު ދާރީ ނުވާކަން ފާހަގަ ކުރަމެވެ.
މި މައްސަލައިގައި އާއިލާގެ ފަރާތުން އެއްޗެއް ބުނަން ބޭނުން ނުވާތީ އާއިލާގެ ބަހެއް ނުހިމަނަމެވެ.
ފަރުވާޔާމެދު އެއްޗެއް ބުނާކަށްނެތިން. އެކަމަކު ހޮސްޕިޓަލުގެ ބަޔާނުގައި އޮޅުވާލުން އެބަހުރި. ބަލި މީހާ އެ ހޮސްޕިޓަލަށް ގެންދިޔައީ މޭ 25 ވިލޭރޭ ފަތިހު. 26 އެއް ނޫން.