ހަމަނުޖެހުންގަނޑު ގަދަވެފައިވާ އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ޓީވީ ސްޓޭޝަނެއްގެ މުވައްޒަފުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ޕްރައިވެޓް ބަހަކަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާގައި، ނޫސްވެރިއަކާ ބަސް ޑްރައިވަރުގެ ފުރާނަ ގެއްލިފައިވާކަމަށް އެ ސްޓޭޝަންގެ ނިއުސް ޑައިރެކްޓަރާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އަފްގާނިސްތާނުގެ ދާހިލީ ވުޒާރާގެ ތަރުޖަމާނުގެ ނައިބު މަރްވާ އަމީނީ ވިދާޅުވީ، މި ހަމަލާގައި، އިތުރު 4 މުވައްޒަފަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަމަށެވެ.

ހަމަލާ އަމާޒުވީ ޚޫރުޝީދު ޓީވީ ނިއުސް ސްޓޭޝަންގެ 15 މުވައްޒަފަކު ގޮވައިގެން ދަތުރު ކުރަމުންދިޔަ ބަހަކަށް ކަމަށް އެ ސްޓޭޝަންގެ ނިއުސް ޑައިރެކްޓަރު ޖާވިދު ފަރުހާދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަފްގާނިސްތާނުގެ ދާހިލީ ވުޒާރާއިންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ހައްދު ފަހަނައަޅާފައިވާ، ހަތިޔާރު އެޅި، ހަނގުރާމަވެރި އައިސިސް ޖަމާއަތުން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފައެވެ.

އަސްކަރީ ބާރުތަކާއެކު އެހީއާއިއެކު ނޫސްވެރިއަކު އަފްގާނިސްތާނުގައި ހަރަކާތްތެރިވަނީ/ފޮޓޯ: ހިދާޔަތުﷲ އާމިދު

މިއީ ޚޫރުޝީދު ޓީވީގެ މުވައްޒަފުންނަށް އަމާޒުކޮށް، އަހަރެއްހާ ދުވަހުގެ ތެރޭގައި ދިން މިފަދަ 2 ވަނަ ހަމަލާއެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހުވެސް މިފަދަ ހަމަލާއެއް، ޚޫރުޝީދު ޓީވީގެ ވޭނަކަށް ވަނީ ދީފައެވެ.

އަފްގާނިސްތާނަކީ ނޫސްވެރިންނަށް އެންމެ ނުރައްކާ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ އެއް ސަރަހައްދެވެ. ދިގުލާ ގޮސްފައިވާ ހަނގުރާމައެއް ކުރަމުންދާ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް އަމާޒުކޮށް މިފަދަ ހަމަލާތައް އަމާޒުކުރަނީ އެމީހުން އަދާކުރަމުންދާ ވަޒީފާގެ ސަބަބުންނެވެ.

އެގޮތުން ތޯލިބާން ޖަމާއަތުންވެސް ވަނީ އެ ޖަމާއަތާ ދެކޮޅަށް މީޑިއާއިން ފަތުރަމުންދާ ބަޔާންތައް ހުއްޓާލުމަށް އަފްގާނިސްތާނުގެ މީޑިއާއަށް ޑިމާންޑްކޮށްފައެވެ.