ކޮވިޑް-19ގެ ސަބަބުން އެންމެ ގިނައިން ދިމާވާ ނަފްސާނީ މައްސަލައަކީ ޕޯސްޓް ޓްރައުމެޓިކް ސްޓްރެސް ޑިސްއޯޑާ ކަމަށް ސައިކޯސޯޝަލް ސަޕޯޓް ކްލަސްޓާއިން ބުނެފިއެވެ.

ކޮވިޑް-19ގެ ސަބަބުން ނަފްސާނީ ގޮތުން ކުރާ އަސަރާ ބެހޭގޮތުން ރާއްޖޭގައި މިހާތަނަށް ދިރާސާއެއް ކުރެވިފައެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ އެހެން ގައުމުތަކުން ކޮށްފައިވާ ދިރާސާތަކަށް ބަލާއިރު، ޑިޒާސްޓާ ނުވަތަ ކްރައިސިސް ޕެންޑަމިކް ތަކުގައި އެންމެ ގިނައިން ދިމާވާ ނަފްސާނީ މައްސަލައަކީ، ޕޯސްޓް ޓްރައުމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) ކަމަށް ސައިކޯ ސޯޝަލް ކްލަސްޓާއިން ބުނެއެވެ.

ޕީޓީއެސްޑީ އަކީ ދިމާވާ ބޮޑު ކަމެއްގެ ސަބަބުން ދިމާވާ ނަފްސާނީ ބަލި މަޑު ކަމެކެވެ. އެގޮތުން މި ބަލީގައި އާންމުކޮށް ފެންނަ އެއް އަލާމާތަކީ މީހާ ހާސްވެ، ކަންބޮޑުވުން ފަދަ އަލާމާތްތަކެވެ. ނަމަވެސް، ޕީޓީއެސްޑީގެ ސަބަބުން ފެންނަ އަލާމާތްތައް އެކި ފަރާތްތަކަށް ތަފާތު ވާނެއެވެ.

ޑަބްލިއުއެޗްއޯ އަދި އެހެނިހެން ނަފްސާނީ ބަލީގެ މާހިރުން ދަނީ ކޮވިޑް-19އާ އެއްކޮށް ނަފްސާނީ ބަލީގެ ޕެންޑަމިކެއް އަންނާނެ ކަމުގެ ކަންބޮޑުވުންތައް ފާޅުކޮށް އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށް ބުނަމުންނެވެ. ރާއްޖޭގައި ވެސް އެކަމަށް ވިސްނައިގެން ދަނީ ތައްޔާރު ވަމުންނެވެ.

އައިޖީއެމްއެޗްގެ ސެންޓާ ފޯ މެންޓަލް ހެލްތަށް ފަރުވާ އަށް އެދުނު ފަރާތްތަކުގެ އަދަދު ފާއިތުވި 3 މަސް ދުވަހު މިއަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު ތިންގުނަ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު މި ތިން މަހު ހުށަހެޅުނީ 330 މައްސަލައެކެވެ. ނަމަވެސް މި އަހަރު އެ މުއްދަތުގައި 999 މައްސަލަ ވަނީ ހުށަހެޅިފައެވެ.

ކޮވިޑް-19ގެ ސަބަބުން ގިނަ ރައްޔިތުންނަށް ވަނި ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. ނިސްބަތުން ބަލާއިރު ގިނަ ފަރާތްތަކަށް ކަމެއް ދިމާވުމުން އެކަމުން އަމިއްލައަށް އަރައިގަތުމުގެ ބާރު ލިބިފައިވެއެވެ. ނަމަވެސް މިކަމުގައި ރިސްކު ބޮޑު ފަރާތްތައް ވެސް ވާ ކަމަށް ސައިކޯސޯޝަލް ކްލަސްޓާއިން ފާހަގަކުރެއެވެ.

ކޮވިޑް-19ގެ ސަބަބުން ނަފްސާނީ ގޮތުން ކުރާ އަސަރާ ބެހޭގޮތުން ރާއްޖޭގައި މިހާތަނަށް ދިރާސާއެއް ކުރެވިފައި ނުވި ކަމުގައި ވިޔަސް، ލޮކްޑައުންގައި ތިބެން ޖެހުމުގެ ސަބަބުން ގިނަ ރައްޔިތުން ތިބީ ހާސްވެ ކަންބޮޑުވެފައެވެ.