ށ. ނަރުދޫގެ މޮނިޓަރިންގެ ހާލަތު އުވާލައި، އާންމު ހާލަތަށް ގެނެސްފިއެވެ.

ނަރުދޫގެ މޮނިޓަރިންގެ ހާލަތު އުވާލާފައި ވާއިރު، އެރަށަކީ މާލެ ސަރަހައްދު ނޫން އެހެން ރަށަކުން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ރަށެވެ. އެގޮތުން އެރަށުގެ އަމާޒު ބޯޓުގެ ކައްޕި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހެވެ. އޭނާ ޕޮޒިޓިވް ވުމާއެކު ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެރަށު އިތުރު ބަޔަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އޭޕްރީލް 25 ވަނަ ދުވަހުން ފެށިގެން ނަރުދޫ އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. ނަމަވެސް މިއަދު އެ ހާލަތު އުވާލާ، އެރަށް އާންމު ހާލަތަށް ގެނައުމަށް އެޗްޕީއޭން ވަނީ ނިންމާފައެވެ.

މޮނިޓަރިންގެ ހާލަތު އުވާލުމުން، 14 ދުވަސް ފަހުން، އެރަށުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދެވޭނެއެވެ. އަދި އެއާއެކު އާންމު ހިދުމަތްތަކަށް ރަށް ހުޅުވާލެވޭނެއެވެ. އަދި ރައްކާތެރި ވުމުގެ ފިޔަވަޅުތަކާއެކު، އާންމު ހިދުމަތްތަކާއި ގުޅޭ ކަންކަމާއި އިޖުތިމާއީ އަދި އިގްތިސޯދީ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށާއި ރަށުތެރޭގައި އެއްތަނުން އަނެއް ތަނަށް ދިއުމުގެ ހުއްދަ ވެސް އޭރުން ދޭނެއެވެ.

14 ދުވަސް ފަހުން އާންމުކޮށް ރަށް ހުޅުވަލާފައިވީ ނަމަވެސް ބަލިން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލުކޮށް، ރަށުތެރޭގައި އުޅޭއިރު ގައިދުރު ކަމަށް އިސްކަން ދިނުމަށް އެޗްޕީއޭން ވަނީ އަންގާފައެވެ.