މިއަދު އެގައުމަށް ކުރިމަތިލާންޖެހިފައިވަނީ ދިގުދެމިގެންދާނެ ހަނގުރާމައަކާ ކަމަށް، ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އިތުރުވަމުންދާ އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ކަމުގެ 2 ވަނަ ދައުރުގެ ފުރަތަމަ އަހަރުގެ ނިމުން ފާހަގަކުރައްވާ، ލިޔުއްވި އޯޕަން ލެޓާއެއްގައި މޯދީ ވިދާޅުވީ، ނިސްބަތުން ބޮޑު އާބާދީއަކާ، އިންތިހާއަށް މަދު ވަސީލަތްތަކަކާއެކު ބޮޑެތި މައްސަލަތަކަކުން އިންޑިއާ ވަށާލާފައިވާކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާއިން ތަންފީޒު ކުރަމުންދާ ފިޔަވަޅުތަކާއެކު ލޭބަރުންނާ ހިޖުރަވެރި މަސައްކަތްތެރިންނަކީ ބޮޑު ތަކުލީފެއް އުފުލަމުންދާ ބައެއްކަންވެސް މޯދީގެ އޯޕަން ލެޓާގައި ވަނީ ފާހަގަކުރައްވާފައެވެ.

މިފަދަ ރޫހެއްގައި މޯދީގެ ވާހަކަފުޅުތައް ބައްޓަން ކުރެއްވި މި ދަނޑިވަޅަކީވެސް އިންޑިއާއިން ރެކޯޑް އަދަކަށް ކޮވިޑް-19ގެ ކޭސްތައް ފެނިފައިވާ ދަނޑިވަޅެކެވެ. އެގޮތުން ފާއިތުވީ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިންޑިއާއިން ވަނީ 7964 ކޭސް މުޅިން އަލަށް ލޮގް ކޮށްފައެވެ. މިއާއެކު އިންޑިއާއިން ބަލިޖެހުނު މީހުންގެ އަދަދު ވަނީ 174020 އަށް އަރާފައެވެ. މި ބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު 5000 އަށްވުރެ މައްޗަށް އަރައެވެ.

ކަންމިހެން އޮތްއިރު އިންޑިއާގެ ދާހިލީ ވުޒާރާގެ އޮފިޝަލަކު ވަނީ، އެގައުމުގައި މިހާރު ތަންފީޒު ކުރަމުންދާ ލޮކްޑައުން އަމުރުގެ މުހުލަތު މެއި 31ގެ ފަހަށްވެސް އިތުރުކުރުން އެކަށީގެންވާކަމުގެ އިޝާރާތެއް ކުރައްވާފައެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.