ގައުމުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސްޓެލްކޯގެ ސިޓީގެ މައްސަލައިގައި އެއްޗެއް ވިދާޅުވެފައި ވާތީ އިތުރަށް އެކަމަށް ކުރާނެ ކޮމެންޓެއް ނެތް ކަމަށް ސްޓެލްކޯ މެނޭޖިން ޑިރެކްޓާ ހަސަން މުގުނީ ވިދާޅުވެއެޖެއެވެ.

މިއަދު ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ސިޓީއާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުގުނީ ވިދާޅުވީ ރާއްޖޭގެ ގައުމުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިއަކު އެކަމުގައި އެއްޗެއް ވިދާޅުވުމުން ދެން އިތުރަށް އޭނާއަށް ވިދާޅުވެވޭނެ އެއްޗެއް ނޯންނާނެ ކަމަށެވެ.

ސްޓެލްކޯއިން މަޖިލީހަށް ފޮނުވި ސިޓީއެއްގައި އެ ކުންފުނީގެ އެމްޑީގެ މުސާރަ އާންމުވުމާ ގުޅިގެން އެކަން ހިނގި ގޮތް އޮޅުންފިލުވައި ދިނުމަށް އެ ކުންފުނީގެ ފަރާތުން އެދުނީ މި މަހުގެ ހަ ވަނަ ދުވަހެވެ. މަޖިލީހުގެ ތެރެއިން އާންމުވި މައުލޫމާތުން އެނގޭ ގޮތުގައި ސްޓެލްކޯގެ އެމްޑީއަށް މަހަކު 98،000 ރުފިޔާ ލިބެއެވެ.

ގައުމުގެ ތިން ބާރު ވަކިވެފައިވާއިރުގަ އެއްބާރުގެ އިސް ބޭފުޅަކު އެ އޮތީ މިކަމާއި ގުޅޭ ގޮތުން އެއްޗެއް ވިދާޅުވެފައި. އެހެންވީމަ ސްޓެލްކޯއަކުންނެއް އެކަމުގައި އިތުރަށް ޗެލެންޖްކުރާކަށް ބޭނުމެއް ނުވޭ. އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރަން އެއް ބާރުގެ އިސްވެރިއަކު އެއްޗެއް ބުނީމަ ދެން އަޅުގަނޑުމެންގެ ފަރާތުން ކުރާނެ ކޮމެންޓެއް ނެތް
މުގުނީ

ސްޓެލްކޯ އިން ބުނެފައި ވަނީ އެ ސިޓީ އާންމުވެ އެ ކުންފުންޏާއި ކުންފުނީގެ ވެރިންނާއި، މުވައްޒަފުން ރެއާއި ދުވާލު ކުރާ މަސައްކަތުގެ އަގުވައްޓާލައި، އަދި އެ ކުންފުންޏާ މެދުގައި އޮތް ތަސައްވަރު ކިލަނބު ކުރުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަމައެއާ އެކު މުސްތަގުބަލުގައި މަޖިލީހަށް ފޮނުވާ ލިޔެކިޔުން ތަކަކީ އާންމު ކުރާނެ ތަކެތިކަން ކުރިން އެންގުމަށް ވެސް އެދިފައިވެއެވެ.

އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ ސިޓީ ފަދަ ލިޔުންތަކާއި ގުޅޭ ގޮތުން 1968 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނެއް އޮތް ކަމަށާއި އެ ގާނޫނުގައިވާ ގޮތުން، "އިންޖީނު ގެއިން" މަޖިލީހަށް ސިޓީ ނުފޮނުވޭނެ ކަމަށެވެ.