ކްލިއާ ނުކޮށް ބަނދަރުގައި ހުރި ކޮންޓެއިނާތަކުން ވަކި އުސޫލުތަކާއެކު ސްޓޯރޭޖް ފީއެއް އަންނަ ޖޫން މަހުގެ 19 އިން ފެށިގެން އަލުން ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

އެމްޕީއެލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެގޮތަށް ހަމަޖެއްސުމާ ގުޅިގެން މުދާ އެތެރެ ކުރާ ގިނަ ފަރާތްތަކުން މުދާ ކްލިއާ ކޮށްފައި ނުވާތީ މުދަލާއެކު ގިނަ ކޮންޓެއިނާ ތަކެއް މާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓަން ޖެހި ބަނދަރު ތޮއްޖެހިފައިވާ ކަމަށެވެ.

އެހެން ވުމުގެ ސަބަބުން މުދާ ހިފައިގެން އަންނަ އިތުރު ބޯޓުތަކުން މުދާ ބާލައި ބަހައްޓާނެ ޖާގަަ ނެތި ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ތަކައް ބުރޫ އަރައި ބޯޓު ފަހަރުން ކޮންޓެއިނާ ބޭލުމުގައި ދަތިތަކާ ކުރިމަތިވަމުން ދާ ކަމަށްވެސް އެމްޕީއެލްގެ ބަޔާނުގައި ވެއެވެ.

ސްޓޯރޭޖްފީ އަލުން ނަގަން ނިންމާފައިވަނީ މާލެ ވިޔަފާރި ބަނދަރާއި ހުޅުމާލެ ބަނދަރުގައި ހުރި ކޮންޓެއިނާތަކުން ކަމަށްވާއިރު، މިހާރު ކްލިއާ ނުކޮށް ބަނދަރުގައި ހުރި ކޮންޓެއިނާތަކަށް 10 ޖޫން ގެ ފަހުން ސްޓޯރޭޖް ފީ އެ ކުންފުނިން ބަޔާން ކުރާ އުސޫލުތަކާއެކު ނެގުމަށް ހަަމަޖެހިފައިވާ ކަމަށްވެސް އެ ނޫސް ބަޔާނުގައި ބުނެއެވެ.

ސްޓޯރޭޖް ފީ ނަގުމުގައި ބަލާ އުސޫލުތަކެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ:

  • ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންޓެއިނަރައިޒް ކާގޯގެ ސްޓޯރޭޖް ފީ އިން 20 ޕްސެންޓް މާފުުކުރަން ކުރިން ނިންމާފައިވާ ނިންމުމާ އެއްގޮތަށް މާފް ކޮށްދެވޭނެ
  • ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންޓެއިނަރައިޒްޑް ކާގޯގެ ފްރީސްޓޯރޭޖްގެ ގޮތުގައި ހަމަޖައްސާފައިވާ 12 ދުވަސް (ބަނދަރު ބަންދު ދުވަސްތައް ނުހިމަނާ) ފްރީ ސްޓޯރޭޖްގެ ގޮތުގައި އަދިވެސް ލިބޭނެ
  • މިގޮތަށް ހަމަޖެއްސުމާ ގުޅިގެން ލޮކްޑައުންގެ މުއްދަތުގައި ބަނދަރަށް ބާލާފައިވާ މުދަލުގެ ތެރެއިން 10 ޖޫންގެ ނިޔަލަށް ފްރީ ސްޓޯރޭޖް 12 ދުވަސް ހަމަވެފައިވާ މުދަލަށް ސްޓޯރޭޖް ފީ ނަގާނީ 11 ޖޫން އިން ފެށިގެން ސްޓޯރޭޖްފީ ނަގާ އުސޫލުގެ ދަށުން
  • 10 ޖޫން ވަނަ ދުވަހުގެ ނިޔަލަށް 12 ދުވަސް ހަމަނުވާ މުދަލަށް ސްޓޯރޭޖް ފީ ނަގާނީ މުދާ ބަނދަރަށް ބޭލި ތާރީހުން ފެށިގެން 12 ދުވަސް ހަމަވުމުން
  • މި ބަދަލާއެކު އެމްޓީ ކޮންޓެއިނާ ސްޓޯރޭޖް ކުރިންވެސް ނަގަމުން ދިޔަ އުސޫލުން 11 ޖޫން އިން ފެށިގެން ނަގާނެ

އެމްޕީއެލުން މުދާ އިމްޕޯޓް ކުރާ ފަރާތްތަކަށް ލުއިތަކެއް ދޭން ނިންމައިފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހެވެ.މީގެ އިތުރުން ވިޔަފާރިވެރިންނަށް ލުއިތަކެއް ދީފައިވާއިރު އެ ކުންފުނިން ވަނީ ކޮވިޑް-19 ގެ ސަބަބުން ދައުލަތަށް ގެއްލުންތައް ވަމުންދާތީ ގެ އިސްވެރިންގެ މުސާރައިން 20 ޕަސެންޓު އުނިކުރަންވެސް ނިންމައިފައެވެ. އެގޮތުން ކޮވިޑް19 އާއި ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތު އުވާލަންދަން އެ ކުންފުނީގެ ބޯޑު މެންބަރުން ނާއި، ސީނިއާ އެގްޒެކެޓިވުންނާއި، އެޗްއޯޑީންގެ މުސާރައިން 20 ޕަސެންޓު އުނިކުރަން ނިންމާފައިވާ ކަމަށް އެކުންފުނިން ވަނީ މީގެކުރިން ބުނެފައެވެ.