ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު 195 މީހަކު މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

އެމީހުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ފޮނުވާލާފައި ވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓެއްގައެވެ. އިއްޔެވެސް މޯލްޑިވިއަންގެ ފްލައިޓެއްގައި 198 ބަންގްލަދޭޝް މީހުން ގައުމަށް ފޮނުވާލާފައިވެއެވެ.

މިހާތަނަށް އެގައުމުގެ 1،000 އެއްހާ ބަންގްލަދޭޝް ރައްޔިތުން އެނބުރި ގައުމަށް ފޮނުވާލާފައިވެއެވެ. މިއީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުން ގެންދާ ހަތް ވަނަ ފްލައިޓެވެ. އޭގެ ތެރޭގައި މޯލްޑިވިއަންގެ ފްްލައިޓުތަކުގައި ގެންދިޔަ މީހުންނާއި ދިވެހި ސަރުކާރުން ޗާޓަރު ކުރި ބަންގްލަދޭޝްގެ އެއާލައިނެއްގެ ފްލައިޓެއްގައި ގެންދިޔަ މީހުންގެ އިތުރުން އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ދެ ފަހަރެއްގެ މަތިން ގެންދިޔަ މީހުން ހިމެނެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ 1،500 ބަންގްލަދޭޝް މީހުން އެ ގައުމަށް އަނބުރާ ފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ ކުރިޔަށް އޮތް ތިން މަސް ތެރޭގައި 5،000 ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް ބުނެފައެވެ.