ރާއްޖެއިން ކޮވިޑް19 ފެނި އެއްރަށުން އަނެއް ރަށަށް ދިއުމަށް ހުއްދަ ނަގަން ޖެހޭއިރު ރަށްރަށަށް ދަތުރު ކުރުމަށްޓަކައި މިހާރު ހުއްދައަށް އެދެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެއްރަށުން އަނެއް ރަށަށް ދިއުމަށްޓަކައި ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް މިހާރު އާއްމުންނަށް ހުއްދައަށް އެދި ހުށަހެޅޭނެ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ނަވީން ވިދާޅުވީ އެއް ރަށުން އަނެއް ރަށަށްވިއަސް އަދި މާލެ ތެރޭގެ ދަތުރުފަތުރުގެ ހުއްދަތައް އަދިވެސް ދޫކުރާނީ ފުލުހުން ކަމަށެވެ. ނަވީން ވިދާޅުވީ މަސައްކަތެއް ކުރުމަށްވެސް އަދި މަގުތަކަށް ނިކުތުމަށްވެސް ކޮންމެ މީހެއްގެ އަތުވެސް ހުއްދައެއް އޮންނަންވާނެ ކަމަށެވެ.
ކޮވިޑް19 އާއި ގުޅިގެން އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ނިންމާފައެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ދޫކުރެވޭ ހުއްދަތައް އިތުރުކުރުމާއި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ހުއްދަ ލިބިގެން ފަތިހު 5:00 އާއި 8:00 އާއި ދެމެދު ތިން ގަޑިއިރަށް ގެއިން ބޭރަށް ނިކުމެ އުޅުމާއި މީހުން އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ޓެކްސީތަކަށް ހުއްދަދިނުން އިތުރުކުރުންވެސް ހިމެނެއެވެ.