ލޮކްޑައުންގެ އަމުރާއި ހިލާފުވެގެން އިއްޔެ އެކަނިވެސް 155 މީހަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ޖޫރިމަނާކުރި 155 މީހުންގެ ތެރެއިން 137 މީހަކު ޖޫރިމަނާ ކުރީ މާލެއިން ކަމަށެވެ. އަދި ބާކީ 18 މީހުން ޖޫރިމަނާ ކޮށްފައި ވަނީ ހުޅުމާލެއިން ކަމަށެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް 6،085 މީހަކު ލޮކްޑައުން އަމުރާ ހިލާފުވެގެން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ފުލުހުން ބުނީ ލޮކްޑައުން އަމުރާ ހިލާފުވެގެން އިއްޔެވެސް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން މާލެއިން ހަ މީހަކު އަދި ހުޅުމާލެއިން އެކަކު އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. މިހާތަނަށް ލޮކްޑައުން އަމުރާ ހިލާފުވެގެން 345 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މިހާތަނަށް ޖޫރިމަނާ ކުރި މީހުންގެ ތެރެއިން މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީއަށް ޖޫރިމަނާ ފައިސާ ދައްކަނީ މަދު ބައެއް ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލާފައިވާ ކަމަށާއި އެހެންނަމަވެސް އެމީހުންގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ބުނެފައެވެ.