ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައަށް ބަލާއިރު އޭޝިއާގެ ގައުމުތަކުން ހޯދަމުންދާ ކާމިޔާބީގެ ވާހަކަތަކަކީ ދޭތެރެ ދޭތެރެއިން މިފަހަކަށް އައިސް އިވެމުންދާ ވާހަކަތަކެކެވެ. ވަކިން ހާއްސަކޮށް ދެކުނު ކޮރެއާ، ޓައިވާން އަދި ހޮންގްކޮންގްގެ ނަން ފާހަގަކޮށް، އެގައުމުތަކުން ފިލާވަޅު ލިބިގަތުމަށްވެސް ބައެއް މީހުން ދިޔައީ ވަކާލާތު ކުރަމުންނެވެ.

ކަންމިހެން އޮތް ނަމަވެސް، އެ ބައެއްގެ މަސައްކަތަށް މާ ބޮޑު ސަމާލުކަމެއް ނުދެވި އޮތް ގައުމެއް އެބައޮތެވެ. މިއީ ކޮވިޑް-19އާ ދެކޮޅަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުންވެސް ކުރަމުންދާ ހަނގުރާމާގައި ހޯދިފައި ނުވާ ވަރުގެ ކާމިޔާބީގެ މެޑަލް ހައްގު ގައުމެކެވެ.

ދަންނަވަން މި އުޅެނީ ވިއެޓްނާމްގެ ވާހަކައެވެ.

ކޮވިޑް-19އާ ދެކޮޅަށް ވިއެޓްނާމްއިން ކުރަމުންދާ ހަނގުރާމަ ރަމްޒުކޮށްދިނުމަށް މީހަކު ކުރަހާފައިވާ ގައުމީ ކުރެހުމެއް/ފޮޓޯ: ގާޑިއަން

ހޮނިހިރު ދުވަހަށް އަލިވިލުނުއިރު ވިއެޓްނާމްއިން ކޮވިޑް-19ގެ ކޭހެއް ރިޕޯޓްކޮށްފައިވެއެވެ. އެގައުމުން ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު އޮތީ 328 ގައެވެ. ނަމަވެސް، 97 މިލިއަން މީހުންގެ އާބާދީއެއް އޮތް މި ގައުމުން، ކޮވިޑް-19ގައި އަދި އެންމެ މަރެއްވެސް ރިޕޯޓްކޮށްފައެއް ނުވެއެވެ. ފާހަގަކުރަންޖެހޭ ކަމަކީ ވިއެޓްނާމްއަކީ ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންމަތިވި ޗައިނާއާއި ދިގު ބޯޑަރެއް ހިއްސާކުރާ ގައުމަކަށް ވާކަމެވެ. ޗައިނާއިން އަންނަ އެތައް މިލިއަން ފަތުރުވެރިންނަކަށް ކޮންމެ އަހަރަކުވެސް މަރުހަބާ ކިއާ ގައުމެއް ކަމެވެ.

ކޮވިޑް-19ގެ ހަނގުރާމައިގައި ވިއެޓްނާމްއިން ހޯދަމުންދާ ކާމިޔާބީގެ ވާހަކަ ދައްކާއިރު، މިއީ މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ތެރެއިންވެސް ފަގީރު ގައުމެކެވެ. ސަރަހައްދީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ސިއްހީ ނިޒާމުވެސް އޮތީ މާ ބޮޑަކަށް ކުރިއަރާފައެއް ނޫނެވެ. ވިއެޓްނާމްގެ އާބާދީއަށް ބަލާއިރު ކޮންމެ 10000 މީހަކަށް ހިދުމަތް ދޭން ތިބީ އެންމެ 8 ޑޮކްޓަރުންނެވެ. ވޯލްޑް ބޭންކުގެ ރެކޯޑްތަކަށް ބަލާއިރު، މިއީ ދެކުނު ކޮރެޔާގެ ނިސްބަތުން 3 ބައިކުޅަ 1 ބައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް 3 ހަފުތާގެ މުއްދަތަށް ތަންފީޒު ކުރި ލޮކްޑައުންގެ ހަރުކަށި އަމުރަށް އެ ގައުމުން ލުއިދޭން ފެށި ހުސްވި އޭޕްރިލް މަހުގެ ތެރޭގައެވެ. ވިއެޓްނާމްއިން މިއަދު ކޭހެއް ރިޕޯޓްކޮށްފައި މިވަނީ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ 40 ދުވަސް ފަހުންނެވެ. އިޖުތިމާއީ ގައިދުރުކަން ގެންގުޅުން ލާޒިމެއް ނޫނެވެ. ސްކޫލްތަކާ ވިޔަފާރިތައް އޮތީ ހުޅުވާފައެވެ. ގައުމު އޮތީ އިހު އުޅުނު އާންމު ދިރިއުޅުމަށް ރުޖޫއަވުމުގެ މަގުމަތީގައެވެ.

ކޮވިޑް-19އާ ގުޅިގެން ވިއެޓްނާމްއިންވަނީ އާންމުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާދީފަ/ފޮޓޯ: އިންސައިޑާ

ފާޑުކިއާ ފަރާތްތަކަށް ވިއެޓްނާމްގެ ތަފާސް ހިސާބުތައް ހަޖަމްކުރަން މާ ފަސޭހައެއް ނޫނެވެ. މިއީ ހަގީގަތަކަށްވުމަށްވުރެ ފުރިހަމަ އަދަދުތަކެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ނަމަވެސް ކޮވިޑް-19އަށް ފަރުވާ ދިނުމަށް ވިއެޓްނާމްގެ ސަރުކާރުން ކަނޑައަޅާފައިވާ ހޮސްޕިޓަލުތަކުގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވާ އިންފެކްޝަސް ޑިޒީޒް ޑޮކްޓަރެއް ކަމަށްވާ ގައީ ތްވައިޓްޒް ވިދާޅުވާ ގޮތުގައި، ވިއެޓްނާމްގެ ސަރުކާރުން އާންމު ކުރަމުންދާ ތަފާސް ހިސާބަކީ ހަގީގީ މައިދާނުގައިވެސް މަސްރަހު އޮތް ގޮތެވެ.

އޭނާއަކީ ކޮންމެ ދުވަހަކުވެސް ވޯޑުތަކަށް ދާ މީހެއް ކަމަށާ، ނަމަވެސް އަދާ ޖެހުނުއިރުވެސް ކޮވިޑް-19ގައި އެންމެ ޕޭޝަންޓެއްގެ ފުރާނަވެސް ވިއެޓްނާމްއިން ގެއްލިފައި ނުވާކަން، ހޯ ޗީ މިންހް ސިޓީގައި އޮކްސްފޯޑް ޔުނިވަސިޓީގެ ކްލިނިކަލް ރިސާޗް ކުރިއަށް ގެންދެވުމުގައި އިސްކޮށް ހުންނެވި ޑރ ތްވައިޓްސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެހެންވީއިރު ވިއެޓްނާމުން މި ހަދަނީ ކިހިނެއް ހެއްޔެވެ؟

ދުރާލާ ފިޔަވަޅު އެޅުން

ފާހަގަކުރަންޖެހޭ ކަމަކީ، ކޮވިޑް-19ގެ ފުރަތަމަ ކޭސް އެގައުމުން ފެނުމުގެ މާ ކުރިއްސުރެ ފެށިގެން ވިއެޓްނާމްއިން ފިޔަވަޅުތަކެއް އަޅަން ފެށިކަމެވެ. ކޮވިޑް-19އާ ދެކޮޅަށް ވިއެޓްނާމްއިން ފިޔަވަޅުތައް އަޅަން ފެށީ ފުރަތަމަ ކޭސް ފެނުމުގެ އެތައް ހަފުތާއެއް ކުރިންނެވެ.

ހަނޯއީގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހައިޖީން އެންޑް އެޕިޑޮމޮލޮޖީގެ އިންފެކްޝަން ކޮންޓްރޯލް ޑިޕާޓްމަންޓްގެ އިސްވެރިޔާގެ ނައިބު ފާމް ގުއާންގް ތާއި ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އިރުޝާދުތަކަށް އެ ގައުމުން މަޑުނުކުރާ ކަމަށެވެ. ވިއެޓްނާމްއިން ފިޔަވަޅުތައް އަޅަމުންދިޔައީ ގައުމާ ގައުމުން ބޭރުން ލިބެމުންދިޔަ މައުލޫމާތާ ތަފާސް ހިސާބުތަކަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ވިއެޓްނާމްއިން އަޅަމުންދާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: ޗައިނާ ޑެއިލީ

ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށި ޗައިނާގެ ވޫހާން ސިޓީއިން ވިއެޓްނާމްއަށް އަންނަ ކޮންމެ މީހެއްގެ ހަށިގަނޑުގެ ފިނިހޫނުމިން މޮނިޓާ ކުރުމުގެ މަސައްކަތް ޖަނަވަރީ މަހުގެ ކުރީކޮޅު ފަށައިފިއެވެ. ޝައްކުކުރެވޭ އެންމެން އައިސޮލޭޓްކުރަން ފެށިއެވެ. ބޮޑުވަޒީރުގެ ނައިބު ވޫ ޑަކް ޑޭމްގެ އިރުޝާދާ އެއްގޮތަށް، މުޅި ގައުމަށް ބަލިމަޑުކަން ފެތުރުނަ ނުދިނުމަށްޓަކައި ބޯޑަރު ދޮރޯށިތަކުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރީ ޖަނަވަރީ މަހުގެ މެދަކާ ހިސާބުގައެވެ.

ވިއެޓްނާމްއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ރިޕޯޓްކުރީ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ ވޫހާންއަށް ދަތުރުކޮށްފައި އައި ވިއެޓްނާމްގެ މީހެކެވެ. ޖެހިގެން އައި ދުވަހު ވިއެޓްނާމްގެ ބޯޑަރު ވޫހާންގެ ފްލައިޓްތަކަށް ބަންދު ކުރުމުގެ ހަރުދަނާ ނިންމެވުން، ވިއެޓްނާމްގެ ކަމާބެހޭ ފަރާތްތަކުން ނިންމަވާ، ތަންފީޒު ކުރެއްވިއެވެ.

ވިއެޓްނާމްގައިވެސް ޗައިނާއެކޭ އެއްފަދައިން ލޫނާ ނިއު އިޔާ ފާހަގަކުރެއެވެ. ނަމަވެސް އެދުވަސްވަރު ބޮޑުވަޒީރު ޔޫޔޭން ޝުއާން ޕްހަކް އޮތީ ކޮވިޑް-19އާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރައްވާފައެވެ. ކޮވިޑް-19އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ ދަރަޖައަށް ފެތުރިފައިވާ ސިއްހީ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިއު.އެޗް.އޯއިން ކަނޑައެޅި ދުވަހަކީ، ދުރާލާ ވަމުން އައި ތައްޔާރީތަކާއެކު ވިއެޓްނާމްއިން ހާއްސަ ސްޓިއަރިންގް ކޮމިޓީއެއްގެ މަސައްކަތްވެސް ފެށި ދުވަހެވެ.

ކޮވިޑް-19އާ ގުޅިގެން ވިއެޓްނާމްއިން ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއެއްގައި ގާޑަކު ފޯރިމަރަނީ/ފޮޓޯ: ގެޓީއިމޭޖަޒް

ފެބުރުވަރީ މަސް ފެށުނުއިރު ކޭސް ނަމްބަރު 6 އަކަށް އިތުރުވެއްޖެއެވެ. އަދި ގައުމީ ފެންވަރުގައި ބަލިމަޑުކަން އިއުލާންކުރިއެވެ. ޗައިނާއާއި ދެމެދު ކުރަމުންދިޔަ ހުރިހާ ދަތުރެއް ހުއްޓާލިއެވެ. ޗައިނާގެ ރައްޔިތުންނަށް ވިސާ ދޫކުރުންވެސް ވަގުތުން ހުއްޓާލިއެވެ. ޖެހިގެން އައި މަހެއްހާ ދުވަހު މި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރިއެވެ. އެހެން ގޮސް މާޗް މަހުގެ ފަހުކޮޅާ ހިސާބުން، ބޭރުގެ އެއްވެސް މީހަކަށް ވިއެޓްނާމްއަށް އެތެރެ ނުވެވޭ ގޮތަށް ކަނޑައެޅިއެވެ.

ޗައިނާއިން ބޭރުން ކޮވިޑް-19އާ ގުޅިގެން ލޮކްޑައުން ތަންފީޒު ކުރި ގައުމަކީވެސް ވިއެޓްނާމްއެވެ. އޭރު ވިއެޓްނާމްގައި އޮތީ އެންމެ 7 ކޭސްއެވެ.

ޑރ ތްވައިޓްސް ވިދާޅުވާ ގޮތުގައި ކޮވިޑް-19އާ ދެކޮޅަށް ވިއެޓްނާމްއިން ހޯދަމުންދާ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ފިޔަވަޅު އެޅުމުގައި އެގައުމުން ގެންގުޅޭ ހަލުވި ދުވެއްޔެވެ.

އިންތިހާ ކޮންޓެކްޓް ޓްރޭސިންގް

ހަލުވިކަމާއެކު އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ކޮމިއުނިޓީ ޓްރާންސްމިޝަންއަކަށް ނުގޮސް ވިއެޓްނާމް ހިފަހައްޓާލިއެވެ. 3 ހަފުތާއެއްހާ ދުވަސް ވަންދެން އެއްވެސް ކޭހެއް ރިޕޯޓް ނުކޮށް އޮތުމަށްފަހު ވިއެޓްނާމްއިން ކޭސްތައް ރިޕޯޓްކުރަން ފެށި، ބޭރު ގައުމުތަކުގައި ތިބި އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައި ހިސާބުންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ވިއެޓްނާމްއިންވަނީ ކޮންޓެކްޓް ޓްރޭސްކޮށް ޓެސްޓު ކުރުން މެކުހަށް ޖަހާފަ/ފޮޓޯ: ރޮއިޓާޒް މީޑިއާ

ޑރ ފާމް ވިދާޅުވާ ގޮތުގައި ޕްރޮވިންޝަލް ފެންވަރުގައި ހަރަކާތްތެރިވާ 63 ޑިޒީޒް ކޮންޓްރޯލް ސެންޓަރަކާ، ޑިސްޓްރިކްޓް ފެންވަރުގައި ހަރަކާތްތެރިވާ 700 ސެންޓަރެއްގެ އިތުރުން އާބާދީގެ މެދުގައި އޮޕަރޭޓްކުރަމުންދިޔަ 11000 ސެންޓަރު މުޅިންވެސް ހާއްސަކޮށްފައި އޮތީ އެކީ އެއްތާވި މީހުން ދެނެގަތުމަށް، ނުވަތަ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތަށެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ފާއިތުވީ 14 ދުވަހުގެ ތެރޭގައި ބައްދަލުވި އެންމެންގެ މައުލޫމާތު ހިއްސާކުރަންޖެހެއެވެ. އެމީހަކު ދިޔަ ހުރިހާ ތަނެއް ބުނެދޭން ޖެހެއެވެ. އެ މައުލޫމާތަކީ ޓީވީތަކުން އެއާކޮށް، ނޫސްތަކުގައި ޝާއިއުކުރަމުންދިޔަ މައުލޫމާތެވެ. އެ ހާލަތާ ގުޅޭ މީހަކު ނަމަ ކަމާބެހޭ ފަރާތްތަކަށް އަންގަންޖެހެއެވެ. ޑައިރެކްޓް ކޮންޓެކްޓްވި މީހުން ކަރަންޓީނު ކުރަމުންދިޔައީ ސަރުކާރުގެ ކަރަންޓީނު ފެސިލީޓީތަކުގައެވެ. މި މެއި މަސް ފެށުނުއިރު ވިއެޓްނާމްއިން ކަރަންޓީނު ކުރި މީހުންގެ އަދަދު 70000 އަށް އޮތީ އަރާފައެވެ. ހޮޓާ ނުވަތަ ހޯމް އައިސޮލޭޝަންއަށް ދިޔަ މީހުންގެ އަދަދު 14000 އަށް އަރައެވެ.

ވިއެޓްނާމްއިން އެންމެ ފުރަތަމަ ކޮވިޑް-19 ޖެހުނު 270 މީހުންގެ ތެރެއިން 43 މީހުންނަކީ އެސިމްޓޮމެޓިކް މީހުންނެވެ. ނުވަތަ ބޭރު ފުށުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުންނެވެ. މިކަން ކާމިޔާބުވުމުގައި ކޮންޓެކްޓް ޓްރޭސްކޮށް ބައްޔަށް ޓެސްޓު ކުރުން އިސް ދައުރެއް އަދާކުރިއެވެ.

އާންމުން ހޭލުންތެރިކުރުވުން

މިހުރިހާ މަސައްކަތަކާއެކު ވިއެޓްނާމްގެ ސަރުކާރުން ދިޔައީ އާންމުން ހޭލުންތެރި ކުރުވުމަށް މުއާސާލާތީ ހުރިހާ ޕްލެޓްފޯމްއަކާ މީޑިއަމްއެއް ބޭނުން ކުރަމުންނެވެ. އޮންލައިން، ބްރޯޑްކާސްޓް އަދި އެސްއެމްއެސްގެ ޒަރިއްޔާއިންވެސްމެއެވެ.

ޑރ ފާމް ވިދާޅުވި ގޮތުގައި ސަރުކަރުން ގާއިމުކޮށްފައިވާ ހޮޓްލައިންތަކަށް ދުވާލަކު 20000 އެއްހާ ކޯލު އާދެއެވެ.

ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކެއް އަޅައިގެން ހުރި މީހަކު ވިއެޓްނާމްގެ މަގުމަތީގައި ބޯކޮށުމުގެ ހިދުމަތްދެނީ/ފޮޓޯ: ގެޓީއިމޭޖަޒް

ހޭލުންތެރިކުރުވުމަށް މީހުން ޝައުގުވެރިވާނެ ހުރިހާ އުކުޅެއް ބޭނުންކުރިއެވެ. ހިޕްހޮޕް ލަވަތައްވެސް އަމާޒުކުރީ ކޮވިޑް-19އާ ގުޅުންހުރި މައުލޫމާތަށެވެ.

މިހުރިހާ ކަމެއްގެ އިތުރުން އެންމެ މުހިންމު ޒިންމާއެއް އަދާކުރި ބަޔަކީ ވިއެޓްނާމްގެ ރައްޔިތުން ކަން ޑރ ތްވައިޓްސް ފާހަގަކުރައްވައެވެ. އެންމެ ކުރިއަރާފައިވާ ތަހުޒީބު ގައުމުތަކުގައި ތިބި މީހުންނަށްވުރެ، ވިއެޓްނާމްގެ ރައްޔިތުންނަކީ މިފަދަ ބަލިމަޑުކަމެއްގައި އަދާކުރަންޖެހޭ ޒިންމާތަކަށް އިހުތިރާމް ކުރަން ދަންނަ ބައެއްކަމަށް އޭނާ ވިދާޅުވިއެވެ.