ގަން ޓްރެއިނިން ސެންޓަރުގެ ރޭންޖުން އަންނަ އަންގާރަ ދުވަހު އަސްކަރީ ތަމްރީނުތަކެއް ހިންގުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، ސ.ގަން ޓްރޭނިން ސެންޓަރުގެ ރޭންޖުން ހުޅަނގު ދެކުނަށް އަސްކަރީ ތަމްރީނުތަކެއް އެމްއެންޑީއެފުން ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އެ ތަމްރީނުތައް އޮންނާނީ އަންނަ އަންގާރަ ދުވަހާއި ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ރޭގަނޑު 11:59 އަށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

އެމްއެންޑީއެފުން ހިންގަނީ ނައިޓްފަޔަރިންގެ ތަމްރީނުތަކެއް ކަމުން އެ ތަމްރީނުތަކުގެ ތެރޭގައި ހުޅަނގު ދެކުނަށް ބަޑި ޖެހުމަށް ވަނީ ނިންމާފައެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުން ކުރާނީ، 5400 މީޓަރު ދުރުމިނަށާއި، 200 މީޓަރު އިސްމިނުންނެވެ. އަދި އެންމެ ތިރިން ސީ ލެވެލްގައި ވައިގެ ސަރަހައްދު ބޭނުން ކުރާއިރު ޕައިކޯ ޓެކްނިކްސް ނުވަތަ ހަތިޔާރުގެ ގޮތުގައި ބޭނުން ކުރަނީ އޭކޭ ސީރީޒްގެ ރައިސަލް، މެޝިންގަން އަދި ފްލެއާސްއެވެ.

އެހެންކަމުން އެ އޮތޯރިޓީން ވަނީ ސ. ގަން ހުޅަންގު ދެކުނުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަން މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

ކުއްލިއަކަށް މި ދަނޑިވަޅުގައި ދެކުނުގައި ތަމްރީނުތަކެއް ބާއްވަނީ ކޮން ކަމަކާ ގުޅިިގެންކަން ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމަ ކޮށްފައެއް ނުވެއެވެ.